އާއްމު އިންސާނެއްގެ ލޮލަށް ރީތިވެ ބަލައި އާޝޯޚުވާނެ އެތައް ތަނެއްގައި ކުޑަކުޑަ ދެއަތުން އެ މޫނު ފޮރުވައިލައެވެ. އެތައް ފަހަރަކުއެވެ. މަންޒަރު ހުތުރުވެގެންނެއް ނޫނެވެ. އެތަނަކަށް ނުދާކަށް ވެސް ނޫނެވެ. ބަލަން ބޭނުން ނުވާތީއެއް ވެސް ނޫނެވެ. ސިނކުޑިއަށް އެ މަންޒަރު މޭރުންވާ ގޮތް ބައެއް ފަހަރު ތަފާތުވުމުންނެވެ. ކޮންމެ ވެސް އައްޔަކުން ކޮންމެ ވެސް އުނދަގުލެއް ވުމުންނެވެ. ނުވަތަ ކުރީގެ ތަޖުރިބާއެއް ކުރާ ހަލަނި މަޖުބޫރީއަކުންނެވެ. ބުނަން ނޭނގޭ އިޙްސާސްތަކަކުންނެވެ. ބުނެދިނަސް ގިނަ ފަހަރަށް އަނެކާއަށް އިހްސާސް ނުކުރެވޭ، ކަމަކަށް ނުވާ ފަދަ ކަންތައްތަކެއްގެ ސަބަބުންނެވެ. މި ފަދަ އެތައް ކަމެއް ދުވަހީ ދިރިއުޅުމުގައި މި ދަރިފުޅު ތަޖުރިބާ ކުރަން ޖެހެއެވެ.
އިހްސާސްތައް މޭރުން ކުރުމާއި ބުނެދިނުމުގައި ތަފާތު އުނދަގޫތައް ތަޙައްމަލްކުރަން ޖެހެއެވެ. ލޮލަަށް ފެނުނު ކަމުގައި ވިޔަސް މި ދަރިފުޅު ދުނިޔެ ބަލަނީ އަހަރެންގެ ލޮލުންނެވެ. މޫނުމަތީގައި އަތް އެޅުމުން އެ ވީ ގޮތަކާމެދު ވިސްނައި އުނދަގޫވާ ކަމަކުން ދުރުކުރާނެ ގޮތެއް ހެދުމަކީ އަހަރެންގެ ޒިންމާއެވެ. ބައެއް ފަހަރަށް ވީގޮތް ދެނެގަނެވުނަސް ދެނެނުގަނެވޭ ހާލަތު ވެސް ކުރިމަތިވެއެވެ. އެފަދަ ހާލަތްތަކުގައި އިތުރު ތަކުލީފާއި ވޭން ތަހައްމަލް ކުރަން ޖެހެއެވެ. މިފަދަ ދަނޑިވަޅުތަކުގައި އެހެން މީހުންގެ މަލާމާތުގެ ވިހަ ލަފުޒުތަކާއި ބެލުންތައް އަހަންނާއި ދަރިފުޅަށް އަމާޒުވެއެވެ. އެ ދަރިފުޅު ގަސްތުގައި ނޫނަސް ކުރެވޭ ހަރަކާތްތަކާއި، އުޅެވޭ ގޮތްތަކަކީ އަނެކާގެ މީޒާނުން އަހަރެން ކިރާލައި ވަޒަންކޮށްލާ ހިނދުކޮޅަށް ވެއެވެ. ﷲ ޞުބުޙާނަޙޫ ވަޠަޢާލާގެ ރަޙްމަތުން ހުރިހާ ކަމެއް ފުރިހަމަ ދަރީންނާ އެ ދަރިފުޅު އަޅައި ކިރާލައެވެ. އެ މީހުންގެ ތަރުބިއްޔަތުގެ ފޮތުގެ މޮޅު ޞަފްޙާއެއް އަޑުއިއްވާލައެވެ. ތަރާދުގެ އަނެއްކޮޅުގެ ހާލަތަށް ރިޢާޔަތް ކުރުމެއް ނެތިއެވެ.
މުޖުތަމަޢުގެ މަލާމާތާ ކުރިމަތިލާން ޖެހޭ އެތައް ވަގުތަކު ކެތްތެރިކަން އިސްކޮށް އަހަރެންގެ ދަރިފުޅު މަސަލަސްކޮށްގެން އެ ދަރިފުޅަށް ސަމާލުވުން އަހަންނަށް މުހިއްމުވެއެވެ. ވިސްނަން ބޭނުން ނުވާ، މިފަދަ ކަންތައްތަކަށް މަންމަންވެފައިވާ ސިނކުޑިތަކަކަަށް ވިސްނައިދޭން އަހަރެންގެ ވަގުތު ބޭކާރު ކުރަން ބޭނުން ނުވަނީއެވެ. ވަކިގޮތަކަށް ބައްޓަންވެފައިވާ ސިނކުޑިތަކެއްގެ ތަޢައްޞުބު ރަވައްޔާތަކަށް ޖަވާބުދާރީ ވާން އިތުރަށް ބޭނުން ނުވަނީއެވެ
ބޭރުފުށުގެ ހެދިބޮޑުވުމަށް ބަލާއިރު ކިތަންމެ ރީތިކޮށް ހުރި ކަމުގައި ވިޔަސް އޯޓިސްޓިކް ކުދީންނަކީ އެތައް ގޮތަކުން ތަފާތު ކުދީންނެވެ. ސިވިއަރ އޯޓިސްޓިކް ކުއްޖަކު ގެންގުޅޭ މަންމައަކާއި ބައްޕައަކު އުފުލާ ތަކުލީފަކީ ކޮންމެ ކޮންމެ ބުއްދިއަކަށް އަންދާޒާކޮށް ލެވޭނެ ތަކުލީފެއް ނޫނެވެ. އެ ފަދަ މައިންބަފައިންގެ އުއްމީދާ ދަރިފުޅަށް ޓަކައި ދުވަހީ ދިރިއުޅުމުގެ ކޮންމެ ހިނދަކު ކުރާ ކަންތައްތައް އެނގޭނީ ގާތުން އެކަންކަން ބަލައި އިހްސާސްކުރާ ފަރާތަކަަށެވެ. އެފަދަ ކުދީން ދެކެ ލޯބިވާ އިންސާނިއްޔަތު އިސްކުރާ ފަރާތަކަަށެވެ.
އަދުގެ މުޖުތަމަޢުން މިފަދަ ދަރީންނާއި މި ދަރީންގެ މައިންބަފައިން ބޭނުންވަނީ ތަފާތުތަކާއެކު މި ދަރީން ބަލައިގަތުމެވެ. އެކިއެކި ކަންކަމުގައި އަމިއްލަ ރަވައްޔާތައް ނުނެރި މި ކުދީންގެ ތަކުލީފުތައް އަޑުއަހައި ދެނެގަތުމެވެ. ކުޅިވަރުކުޅޭ އެކިއެކި މައިދާންތަކާ، ޕާރކުތަކުގައި މި ކުދީންގެ އިޙްސާސްތަކަށް އިޙްތިރާމްކޮށް ފުރުޞަތު ދިނުމެވެ. ތިމާގެ ދަރި ނޫނަސް ލޯތްބާ އަޅާލުން ދިނުމެވެ. އެވަރު ނުކޮށް ދެވޭކަމުގައި ވީނަމަ ވެސް އިތުރަށް އެ ދަރީންނާއި އެ ދަރީންގެ މައިންބަފައިންގެ ހިތުގައި ނުޖެއްސުމެވެ. އިންސާނިއްޔަތުކަން އިސްކުރުމެވެ.
ސަރުކާރާ މިކުދީންނާ ގުޅުން ހުރި މުއައްސަސާތަކުގެ ދަޢުރަކަށް ވާންވީ މި ކުދީންނަށް ފުރުޞަތުތައް އިތުރުކުރުމެވެ. ޤާނޫނަކުން ލާޒިމު ކުރި ކަމަށް ވާތީ ކަމަކަށް ކަމެއް ކުރާ ބީދައިން ކަންކަން ކުރުން ހުއްޓައިލުމެވެ. ޝާމިލްކޮށްގެން ކިޔަވައިދިނުން އޭގެ ހަޤީޤީ މަޢުނައިގައި ތަންފީޒު ކުރުމެވެ. ޤާނޫނުގައި އިތުރު އަޅައިލުން ބޭނުންވާކަމަށް އޮންނައިރު ސުކޫލުތަކުން ވެސް މި ކުދީންގެ ކިޔަވައިދިނުމުގެ ވަގުތު އިތުރުކޮށް އިތުރު އެހީތައް ދިނުމެވެ. ކުޅިވަރުތަކާ އިތުރު ހަރަކާތްތައް މި ކުދީންނަށް އިތުރުކޮށްދިނުމެވެ. ތެރަޕީ ދެވޭނެ މަގުތައް ތަނަވަސްކޮށް ދިނުމެވެ. ތެރަޕީއެއް ބޭނުވެގެން، ސަރުކާރު ހޮސްޕިޓަލުތަކުގެ ކިޔުގައި ދޮޅުއަހަރު ދެ އަހަރު މަޑުކޮށްގެން ކިއުގައި ތިބެން ޖެހޭ ޖެހުން ނައްތައިލުމެވެ. އަމިއްލަ ފަރާތްތަކުން ތެރަޕީތައް ދޭ ކަމުގައި ވާނަމަ އެ ތެރަޕީތަކުން ސަރުކާރުން ހޭދަކުރާއިރު އެކަންކަން ކުރާގޮތް ގާތުން ބަލައި މޮނިޓަރވެސް ކުރަން ޖެހެއެވެ. މޮނިޓަރ ކުރެވޭނަމަ ކުރެވޭ ކަންކަމުގެ ހެވާ ލާބަ އިތުރުވާނެކަމަށް ޤަބޫލުކުރެވެއެވެ. އަދި ސުކޫލުތަކާ ތެރަޕީ ސެންޓަރތަކާ ބެލެނިވެރީން ގުޅިގެން މަސައްކަތްކުރެއްވުމެވެ. މިދަފަ ބެލެނިވެރީންގެ އުއްމީދަކީ މުޖުތަމަޢަށް މި ދަރީން މުޖުތަމަޢަށް ނެރެދީ ދިރިއުޅުމުގެ މައިދާނުގައި އެކިކަންކޮށްދޭނެ ފަރާތްތަކެއް ހޯދުމެވެ. އެފަދަ ފަރާތްތަކާ ކަންތައްތައް މިފަދަ ކުދީންނަށް ފަހިކޮށްދިނުމެވެ.



advertisment