Support Us

އިއްޔެ ހިތް ހުއްޓުނު އުމްރާވެރިޔާއަށް ކުއްލި ފަރުވާ ދިނުމަށް ހަރަމްފުޅުގައި އަލަށް ހެދި ދެ ހެލިޕެޑުން އެއް ހެލިޕެޑަށް އެއާ އެމްބިއުލެންސްގެ ހިދުމަތް ދޭ ހެލިކޮޕްޓަރެއް ޖައްސައިފައި

ހިތް ހުއްޓުނު އުމްރާވެރިއަކަށް ހަރަމްފުޅުން ފުރަތަމަ ފަހަރަށް އެއާ އެމްބިއުލެންސްގެ ހިދުމަތް

މި ރޯދަ މަހު އުމްރާވުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ އުމުރުން 70 ގެ އަހަރުތަކުގެ ފިރިހެނެއްގެ ހިތް ހުއްޓުމުން، މައްކާގެ ހަރަމްފުޅުގައި އަލަށް ހަދައިފައިވާ ހެލިޕެޑެއް ބޭނުންކޮށްގެން ހެލިކޮޕްޓަރެއްގެ އެހީގައި ފުރަތަމަ ފަހަރަށް އެއާ އެމްބިއުލެންސްގެ ހިދުމަތް ދީފިއެވެ.

ގަލްފު ނިއުސްއިން ބުނީ އިއްޔެގެ މި ހާދިސާގައި އުމްރާވެރިޔާގެ ނޭވާ ވެސް ވަނީ ހުއްޓިފައި ކަމަށާއި ނަމަވެސް ސައުދީގެ ސިއްހީ އެހީތެރިންނަށް އޭނާ ސަލާމަތް ކުރެވުނު ކަމަށެވެ.

މިއީ މުސްލިމުންގެ އެންމެ މުގައްދަސް މިސްކިތް ފުޅާކުރުމަށް ހިންގި ތިން ވަނަ އަދި އެންމެ ބޮޑު މަޝްރޫއުގައި އެއާ އެމްބިއުލެންސްގެ ހިދުމަތް ދިން ފުރަތަމަ ފަހަރު ކަމަށް ސައޫދީ ނޫސް އެޖެންސީ އެސް.ޕީ.އޭއިން އިއްޔެ ރިޕޯޓްކުރިއެވެ.

"އުމްރާވެރިޔާގެ ހަރަމްފުޅަށް ދަނިކޮށް ހޭނެތިގެން ވެއްޓުނީ،" ސައުދީ ރެޑް ކްރެޒެންޓުން ބުންޏެވެ.

ކުއްލި އެހީ ދޭ ޓީމުން އޭނާއަށް ވަނީ ކާޑިއޯޕަލްމޮނޭރީ ރެސަސިޓޭޝަންގެ ފަރުވާ ދީ އަދި ކޮންމެހެން ދޭން ޖެހޭ ސިއްހީ ފަރުވާ ދިނުމަށް އެންމެ ކައިރީގައި ހުރި ސިއްހީ ފަރުވާ ދޭ މަރުކަޒަށް ހެލިކޮޕްޓަރުގައި ފޮނުވައިލައިފައެވެ. އެ މަރުކަޒަކީ ރަސްގެފާނު އަބްދުﷲގެ ނަމަށް ނިސްބަތްވާ ކިންގް އަބްދުﷲ މެޑިކަލް ސިޓީއެވެ.

ސިއްހީ ކުއްލި ހާލަތްތަކުގައި އެހީ ދިނުމަށް ހަރަމްފުޅުގައި ގާއިމުކުރި ދެ ހެލިޕެޑް ހުޅުވީ މި ހަފުތާގައެވެ.

"ކުއްލި ހާލަތުގައި ދޭ ސިއްހީ އެހީގެ އިންފްރާސްޓްރަކްޗަރު މި ތާރީހީ ފިޔަވަޅުން ވަރުގަދަކޮށްދޭ. އެންމެ މަތީ ކޮލިޓީގެ އަދި އެންމެ ހަލުވި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުން މި ކަމުން ކަށަވަރުކޮށްދޭ،" ސައޫދީ ސިއްހީ ވަޒީރު ފަހްދު އަލް-ޖަލާޖަލު އެކްސްގައި ވިދާޅުވިއެވެ.

ހަރަމްފުޅުގެ ހިދުމަތްތައް ފުޅާ ކުރުމަށް މި ފަހަރު ހިންގި މި ތިން ވަނަ މަޝްރޫއުގައި މިހާރު ދެ މިލިއަން މީހުންނަށް އެއްވެސް ދަތިކަމެއް ނެތި ފަސޭހައިން ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ހިދުމަތް ދެއެވެ. އެ ގޮތުން ސައުދީގެ އެތެރެއިންނާއި ބޭރުން، މި ރަމަޟާން މަހު އަޅުކަމަށާއި އުމްރާ ވުމަށް އައި އެތައް ހާސް ބަޔަކަށް އިތުރު ހިދުމަތްތައް ވެސް ވަނީ ދޭން ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *