މުސްލިމުންގެ އެންމެ މުގައްދަސް މިސްކިތް ކަމަށްވާ ސައުދީ އަރަބިއްޔާގެ މައްކާގައި ހުންނަ މަސްޖިދުލް ހަރާމް ނުވަތަ ހަރަމްފުޅުގެ ކަރަންޓު ބިލަށް މިހާރު މަހެއްގެ މައްޗަށް ހަތަރު މިލިއަން ޑޮލަރު އަރާ ކަމަށް ސައުދީ މީޑިއާއިން ރިޕޯޓުކޮށްފިއެވެ. މިއީ 15 މިލިއަން ސައުދީ ރިޔާލް ނުވަތަ 61.6 މިލިއަން ރުފިޔާއެވެ.
"ހަރަމްފުޅާއި އެ ތަނުގައިވާ ހިދުމަތްތަކަށް ދުވާލަކު ގާތްގަނޑަކަށް 100 މެގަވޯލްޓް އެމްޕެއާ (އެމް.ވީ.އޭ)ގެ ކަރަންޓު ނަގާ،" އަލް އަހްބާރިޔާ ޓީވީން ބުންޏެވެ.
އަލް އަހްބާރިއްޔާއިން މި ރިޕޯޓު ގެނެސްދިނީ ހަރަމްފުޅު ފުޅާ ކުރުމަށް ހިންގި ތިން ވަނަ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށެވެ. އެއް ފަހަރާ ދެ މިލިއަން މީހުންނަށް ހިދުމަތް ދެވޭ ގޮތަށް ހަރަމްފުޅުގެ ހިދުމަތްތައް ފުޅާ ކުރުމަށް ހިންގި މި ތިން ވަނަ މަޝްރޫއަކީ މަސްޖިދުލް ހަރާމް ތަރައްގީ ކުރުމަށް މިހާތަނަށް ހިންގި އެންމެ ބޮޑު ޕްރޮޖެކްޓް ވެސްމެއެވެ.

ހަރަމްފުޅުގައި ގާއިމްކޮށްފައިވާ އާލާތްތައް
- 8،000 ސްޕީކަރުގެ އަޑުގެ ނިޒާމު
- 8،000 ސާވެއިލަންސް ކެމެރާ
- 120،000 އަލިކުރާ ޔުނިޓް
- 155،000 ޓަނުގެ ފިނި ކުރާ ނިޒާމު
- 883 އެއާކޯން ޔުނިޓް
- 4،323 ވެންޓިލޭޝަން އަދި ފެނުން މިސްޓު ކުރާ ފަންކާ
- 519 އެސްކެލޭޓަރު
- ތަފާތު 16 ބަހުން ހިދުމަތް ދޭ 100 އިންޓަރެކްޓިވް ސްކްރީން
މި ރިޕޯޓަށް ފީޑުބެކު ދިން ފަރާތްތަކުން ހިޔާލު ހުށަހަޅައިފައިވަނީ މި ހިދުމަތްތަކުގެ ހަރަދު ބަލަހައްޓަން މައްކާގައި ހުންނަ ހޮޓާތަކާއި އެހެނިހެން ވިޔަފާރިތަކުން ހާއްސަ ފީއެއް ނެގުމަށެވެ. އެއީ މި ހަރަދުތައް ދެމެހެއްޓެނި ގޮތެއްގައި ނެގެހެއްޓުމަށެވެ.
ސައުދީ އަރަބިއްޔާގެ ބޭރުންނާއި އެތެރެއިން އެތައް ހާސް ބަޔަކު އިސްލާމީ މުގައްދަސް މަހެއް ކަމަށްވާ ރަމަޟާން މަހު ހަރަމްފުޅަށް ޒިޔާރަތްކުރެއެވެ. އެ ކަން ބެލެހެއްޓުމަށް އެ ގައުމުގެ ރަސްމީ އިދާރާތަކުން މިހާރު ވަނީ އިތުރު ފިޔަވަޅުތައް އަޅައިފައެވެ.
ރޯދަ މަހުގެ ފަހު ދުވަސްތަކުގައި ހަރަމްފުޅަށް ޖަމާވާ މުސްލިމުންގެ އަދަދު އިތުރުވެއެވެ. ވަކިން ހާއްސަކޮށް 27 ވިލޭރެއެވެ. މި ރޯދަ މަހުގެ 27 ވިލޭރޭ 3,441,600 މީހުން ހަރަމަށް ޒިޔާރަތްކުރިއެވެ.



advertisment