ހަމާސްގެ ތަރުޖަމާނު އަބްދުއްލަތީފު އަލް-ގާނުއޫ އާއި ހިޒްބުﷲގެ އިސް އަސްކަރީ ކޮމާންޑަރެއް ކަމަށްވާ އަހްމަދު އަދްނާނު ބައްޖިޔާ އިސްރާއީލުގެ ހަމަލާތަކެއްގައި ޝަހީދުކޮށްލައިފިއެވެ.
އަލް-ގާނުއޫ ޝަހީދުކޮށްލައިފައިވަނީ ޣައްޒާގައި ހުރި އޭނާގެ ޓެންޓަށް އިސްރާއީލުގެ އަސްކަރީ ސިފައިން ދިން ވައިގެ ހަމަލާއެއްގައެވެ.
ހިޒްބުﷲގެ ހާއްސަ ފައުޖެއްކަމަށްވާ ރަޟްވާންގެ ބައްޖިޔާ ޝަހީދުކޮށްލީ ލުބްނާންގެ ދަރްދަޣަޔާ ސަރަހައްދަށް އިސްރާއީލުން ދިން ހަމަލާއެއްގައި ކަމަށް އިސްރާއީލުން ބުންޏެވެ.
އަލް-ގާނުއޫ ޝަހީދުކޮށްލީ މިއަދު ފަތިހު ޣައްޒާގެ އުތުރުގައިވާ ޖަބާލިޔާ ސަހަރުގައި ކަމަށް އަލް-އަގްސާ ޓީވީ އާއި ޝިހާބު ނިއުސް އެޖެންސީން ރިޕޯޓްކުރިއެވެ.

އިސްރާއީލުން ތުހުމަތުކުރި ގޮތުގައި ބައްޖިޔާ ވަނީ އިސްރާއީލަށް ދޭ ހަމަލާތައް ވިލަރެސްކޮށްފައެވެ. އަދި އިސްރާއީލުން ސިފަކޮށްފައިވަނީ އޭނާއަކީ ޔަހޫދީ ދައުލަތުގެ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައެވެ.
އަލް-ގާނުއޫ ޝަހީދުކޮށްލަން ދިން ހަމަލާއަކީ ޣައްޒާއަށް ދިން ހަމަލާތަކެއްގެ ތެރޭގައި ހިމެނޭ ހަމަލާއެކެވެ. އެ ތަނުން އެއް ހަމަލާއެއްގައި ޣައްޒާގެ އައްސަފުތަވީ ސަރަހައްދުގެ ގެއަކަށް ހަމަލާ ދީ އެއް އާއިލާއެއްގެ ހަ މެންބަރުން ޝަހީދުކޮށްލައިފައިވެއެވެ. އަލް-ގާނުއޫ ޝަހީދުކޮށްލަން ދިން ހަމަލާގައި ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ ބަޔަކު ޒަހަމް ވެސް ވި ކަމަށް އަލްޖަޒީރާއިން ރިޕޯޓްކުރިއެވެ.
ލުބްނާނަށް ދެމުން ދިޔަ ހަމަލާތައް ހުއްޓައިލަން މިދިޔަ އަހަރު ނޮވެމްބަރު 27 ގައި އިސްރާއީލުން ސުލްހައިގެ އެއްބަސްވުމަކަށް އައި ނަމަވެސް ޔަހޫދީ ދައުލަތުން ދަނީ އެ މުއާހަދާ ތަކުރާރުކޮށް މުގުރަމުންނެވެ. އުޒުރެއް ކަމަށް ދައްކަނީ ހިޒްބުﷲއިން މުއާހަދާއާ ހިލާފުވަމުންދާ ކަމަށެވެ. މުއާހަދާގެ ދަށުން މިދިޔަ ޖަނަވަރީ 26 ގައި ލުބްނާންގެ ދެކުނު ސަރަހައްދުން ފައިބަން އެއްބަސްވެފައި އޮތް ނަމަވެސް އިސްރާއީލު ސިފައިން އަދިވެސް ނުފައިބައެވެ.
ހަމާސްއާއެކު ގާއިމުކުރި ސުލްހައިގެ މުއާހަދާ ވެސް އިސްރާއީލުން ދެމެހެއްޓީ އެންމެ ދެ މަސް ވަންދެނެވެ. އެއަށް ފަހު މި މަހު 18 އިން ފެށިގެން ޣައްޒާއަށް ކެނޑިނޭޅި ހަމަލާތައް ދެމުންދެއެވެ. އަދި މިހެންވެ މިވީ ދޮޅު އަހަރުގެ ތެރޭގައި ޣައްޒާ ހަނގުރާމައިގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު މިހާރު ވަނީ 50،183 އަށްވުރެ އިތުރުވެފައެވެ. މީގެ އިތުރުން އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ 113،828 މީހުން ޒަހަމްވެފައިވެއެވެ.

އިސްރާއީލުން ބުނީ މިހާރު ޣައްޒާއަށް ބޮން އަޅަމުން ދަނީ ހަމާސްއިން ދޫނުކޮށްލި އިސްރާއީލުގެ އަސީރުން ދޫކޮށްލުމަށް ޕްރެޝަރު ކުރުމުގެ ގޮތުން ކަމަށެވެ.
ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ހަމާސްގެ ގިނަ އަދަދެއްގެ އިސް އޮފިޝަލުން ވަނީ ޝަހީދުކޮށްލައިފައެވެ. އާދީއްތަ ދުވަހު ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލަށް ދިން ވައިގެ ހަމަލާގައި ފަސް މީހުން ޝަހީދުކޮށްލިއިރު އޭގެ ތެރޭގައި ހަމާސްގެ ސިޔާސީ ގޮފީގެ މާލީ ކަންތައްތަކާ ބެހޭ ވެރިޔާ އިސްމާއީލް ބަރްހޫމު ހިމެނެއެވެ.
ހަމަ އެ ދުވަހު އިސްރާއީލުގެ އަސްކަރީ ޖެޓުތަކުން ވަނީ ޣައްޒާގެ ގެދޮރު ނެތިފައިވާ މީހުން ހިމާޔަތް ހޯދައިގެން ތިބި ޚާން ޔޫނިސްގައި ހުރި ޓެންޓުތަކަށް ހަމަލާ ދީ ހަމާސްގެ އިސް ސިޔާސީ ވެރިޔެއް ކަމަށްވާ ޞަލާހު އަލް-ބަރްދަވީލު ޝަހީދުކޮށްލައިފައެވެ. ފަލަސްތީނު ހިންގާ ކައުންސިލުގެ ވެސް މެންބަރެއް ކަމުގައި ހުރި ޞަލާހު އާއެކު އޭނާގެ އަނބިމީހާ ވެސް ޝަހީދުކޮށްލިއެވެ.
ބަރްހޫމާއި އަލް-ބަރްދަވީލަކީ ހަމާސްގެ ސިޔާސީ ގޮފީގެ މެންބަރުންނެވެ. މި ގޮތްޕަކީ 20 މެންބަރުން ހިމެނޭ، ހަމާސްގެ ކަންތައްތައް ނިންމުމުގައި ހަރަކާތްތެރިވާ ގޮތްޕެކެވެ. ޣައްޒާ ހަނގުރާމައިގައި މި ގޮފީގައި ހިމެނޭ 11 މެންބަރުން މިހާތަނަށް ޝަހީދުކޮށްލައިފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކުރިއެވެ.

އޮކްޓޫބަރު 2023 ގެ ހަތެއްގައި ހަމާސްއިން އިސްރާއީލަށް ހަމަލާ ދީ 1،139 ޔަހޫދީން މަރައިލައި، ގާތްގަނޑަކަށް 250 ޔަހޫދީން އަސީރުކުރުމަށް ފަހު ސުލްހައިގެ އެއްބަސްވުމުގެ ދަށުން އަދިވެސް ދޫނުކޮށްލައި 59 ޔަހޫދީ އަސީރުން އެބަތިއްބެވެ.
މީގެ 10 ދުވަސް ކުރިން އިސްރާއީލުން އަލުން ހަމަލާ ދޭން ފެށި ފަހުން ގާތްގަނޑަކަށް 830 ޣައްޒާ ރައްޔިތުން ޝަހީދުކޮށްލައިފައިވެއެވެ. ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރި މި ތަފާސްހިސާބުން އެނގުނު ގޮތުގައި މީގެ ތެރެއިން ދެބައިކުޅައެއްބަޔަށްވުރެ ވެސް ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
އދ.ގެ އިންސާނީ އެހީ ދޭ ޖަމިއްޔާ އޯ.ސީ.އެޗް.އޭއިން އަންގާރަ ދުވަހު ބުނީ ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި އިސްރާއީލުގެ އަސްކަރިއްޔާއިން ގަދަކަމުން ޣައްޒާގެ 142،000 ރައްޔިތުން ގެދޮރުން ބޭރުކޮށްލައިފައިވާ ކަމަށެވެ.
"ޣައްޒާއަށް އެހީ ވެއްދުމަށް އިސްރާއީލުން އަދިވެސް ހުރަސްއަޅަމުންދާތީ މިހާރު ވެސް ހާލުގައި ޖެހިފައިވާ ޣައްޒާގެ ހާލަތު އިތުރަށް ވަނީ ގޯސްވެފައި،" އޯ.ސީ.އެޗް.އޭއިން ބުންޏެވެ.

މި މަހު އެކެއްގައި ހަމާސް-އިސްރާއީލުގެ ސުލްހައިގެ މުއާހަދާގެ ތިން މަރުހަލާގެ ތެރެއިން ފުރަތަމަ ފޭސް ނިމިފައިވާއިރު އެ ފޭސް އިތުރަށް ދެމެހެއްޓުމަށް އެމެރިކާ، ގަތަރު އަދި މިސްރުން ކުރަމުން އަންނަ މަސައްކަތަށް ކާމިޔާބެއް ނުލިބެއެވެ.
ޣައްޒާ ހަނގުރާމަ ދާއިމީ ގޮތުން ހުއްޓައިލުމަށް އެއްބަސްވުމަކަށް އަންނަން ކުރަމުންދާ މަޝްވަރާތަކަށް ގަސްދުގައި އިސްރާއީލުން ހުރަސްއަޅަނީ ކަމަށް ހަމާސްއިން ތުހުމަތުކުރެއެވެ. އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ބުނީ ޣައްޒާއަށް ހަމަލާ ދޭން އަލުން އަމުރުކުރީ ސުލްހައިގެ މުއާހަދާގެ ފުރަތަމަ ފޭސްގެ މުއްދަތު އިތުރުކުރުމާ ހަމާސް ދެކޮޅުހެދުމުން ކަމަށެވެ. ހަމާސްއިން ހިފަހައްޓައިގެން އުޅޭ ބާކީ އަސީރުން ދޫކޮށްނުލައިފި ނަމަ އިސްރާއީލުން ޣައްޒާގެ ބިންތައް ހިފާނެ ކަމަށް ނަތަންޔާހޫ އިއްޔެ ވެސް ބިރުދެއްކިއެވެ.



advertisment