ލިންކްސް ބާވަތުގެ ވަލު ބުޅަލެއް ކަމަށްވާ ކަރަކަލް ބުޅަލެއް އިސްރާއީލު ސިފައިންނަށް ހަމަލާ ދިނުމުން އިންޓަނެޓުގައި އެ ކަން ބޮޑު މަޖާގަނޑަކަށްވެއްޖެއެވެ.
އިސްރާއީލުގެ ނެގެވް ސަހަރާގައި ހުންނަ އަސްކަރީ މަރުކަޒެއްގެ ސިފައިންނަށް މި ދިޔަ ހަފުތާގައި މި ކަރަކަލް ބުޅާ ހަމަލާ ދިނީ އެ ސޮރުމެން އުޅޭ ސަރަހައްދާ މާ ކައިރީގައި މި ތަން ހަދައިފައިވާތީ ކަމަށް ލަފާކުރެވޭ ކަމަށް ކަމާ ބެހޭ އިދާރާއިން ބުންޏެވެ.
"އަސްކަރީ މަރުކަޒު ހުރި ތަނުގެ ގޮތުން ލިންކްސް ބުޅާތަކުގެ އުޅުމަށް ބަދަލު އައީ ކަމަށްވެދާނެ. ސިފައިންނަށް ހަމަލާ ދިނީ މިހެންވެ ކަމަށް ވެދާނެ،" އޮފިޝަލަކު ބުންޏެވެ.
ކަމާ ބެހޭ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ އާއްމު ގޮތެއްގައި އިންސާނުންނަށް ފިލައިގެން އުޅޭ، އަދި އާއްމު ގޮތެއްގައި ރޭގަނޑު ނުކުމެ އުޅޭ، މި ފަދަ ކަރަކަލް ބުޅަލަށް، އެ ސޮރުމެންނާ މާ ގާތް ހިސާބަކުން އިންސާނުން ފެންނަން ފެށުމުން އިންސާނުންނަށް "ހޭނުނީ" ކަމަށްވެދާނެ ކަމަށާއި އިސްރާއީލު ސިފައިންގެ މީހުންގެ "ގައިގައި ދަތްއެޅީ" މިހެންވެ ކަމަށް ވެދާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި އެތައް ބަޔަކު މަޖަލަކަށް ހަދައިފައި އެތައް ބަޔަކު ބުނީ މި ކަރަކަލް ބުޅަލަކީ "ހަމާސްގެ ހަނގުރާމަވެރިއެއް" ކަމަށް ބެލެވޭ ކަމަށެވެ. މި ގޮތަށް ބުނެފައިވަނީ ޣައްޒާގެ ބައިވަރު ފަލަސްތީނު ރައްޔިތުންނަކީ ހަމާސްއާ ގުޅިފައިވާ ބައެއް ކަމަށް އިސްރާއީލުން ތުހުމަތުކުރާތީއެވެ.
ބައެއް މީހުން ވަނީ އިސްރާއީލު ސިފައިންނަށް ހަމަލާ ދިނުމުން މި ކަރަކަލް ބުޅަލަށް ތައުރީފުކޮށްފައެވެ. އެއީ އޮކްޓޫބަރު 2023 ގައި ފެށި ޣައްޒާ ހަނގުރާމައިގައި އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި ބައި ލައްކައެއްހާ ފަލަސްތީނު ރަށްވެހިން ޝަހީދުކޮށްލައިފައިވާތީއެވެ. އަދި ޣައްޒާގެ އެތައް ސަރަހައްދެއް ބިމާހަމަކޮށްލައިފައިވާތީއެވެ.
"މި ކަރަކަލް ބުޅާ މި ވަނީ ދުނިޔޭގެ އެހެން އެއްވެސް އިސްލާމީ ގައުމެއްގެ ސަރުކާރަކުން ނުކޮށްދޭ ވަރަށް ފަލަސްތީނަށް ހިދުމަތްކޮށްދީފައި. އެއީ އެ ސޮރުގެ އާއްމު ކެއުން ކަމަށްވާ މީދާ ފަދަ ތަކެތި ކެއުމުގައި ދެމިހުރެގެން ވެސްމެ،" ސޯޝަލް މީޑިއާގައި މީހަކު ކޮމެންޓްކޮށްފައިވެއެވެ.
ބައެއް މީހުން ވަނީ މި ކަރަކަލް ބުޅާ "ހައްޔަރުން މިނިވަންކުރަން" އިސްރާއީލަށް ގޮވައިލައިފައެވެ. އެ މީހުން އިޝާރާތްކުރީ އިސްރާއީލު ސިފައިން ފަލަސްތީނުގެ އެތައް ހާސް ބަޔަކު ހައްޔަރުކޮށްގެން ގެންގޮސް ޣައްޒާ އާއި ހުޅަނގު އައްސޭރީގައި އާއްމުންނަށް ނޭނގޭ ތަންތާނގައި ހައްޔަރުކޮށްފައިވާތީއެވެ.
"އިސްރާއީލު ސިފައިންނަށް މި ކަރަކަލް ބުޅާ ހަމަލާ ދިނުމާއެކު އިސްރާއީލު ސިފައިން މިހާރު ވަނީ ހަ މިލިއަން ލިންކްސް ބާވަތުގެ ބުޅާ މަރައިލައިފައި،" އެހެން މީހަކު ކޮމެންޓްކުރިއެވެ.
މި ކަރަކަލް ބުޅާ މިހާރު ވަނީ އިތުރު ތަހުލީލު ކުރަން އިސްރާއީލުގެ ކަމާ ބެހޭ އިދާރާއިން ގެންގޮސްފައި ކަމަށް ދަ ނިއު އަރަބްއިން ރިޕޯޓްކުރިއެވެ.
އިސްރާއީލު ނެޝަނަލް ނިއުސްއިން ރިޕޯޓްކުރި ގޮތުގައި މި ކަރަކަލް ބުޅާ ސިފައިންނަށް ހަމަލާ ދިނީ އިސްރާއީލާ މިސްރު ގުޅޭ ބޯޑަރުގައިވާ ފަރުބަދައެއް ކަމަށްވާ ހާރިފުގެ ކައިރިން މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ.
އިސްރާއީލުގެ ގުދުރަތީ ވެށިތަކާއި ޕާކުތަކާ ބެހޭ އިދާރާގެ ސުޕަވައިޒަރަކަށް މި ކަރަކަލް ބުޅާ ފެނުމުން އެ ސޮރު ހިފައިގެން ގެންދިޔައީ ވަލު ޖަނަވާރާ ބެހޭ ހޮސްޕިޓަލަކަށް އެ ސޮރުގެ ސިއްހީ ތަހުލީލެއް ހަދައިށެވެ.
އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ވަލު ޖަނަވާރުންނާ ގާތްވާން އުޅުމުންނާއި އެ ސޮރުމެންނަށް ކާންދޭން މަސައްކަތްކުރުމުން އެ ސޮރުމެން ގުދުރަތީ ގޮތުން އުޅޭ ގޮތަށް ބަދަލު އައިސް އިންސާނުންނަށާއި ޚުދު އެ ސޮރުމެންނަށް ވެސް ގެއްލުން ލިބިދާނެ ގޮތަކަށް އެ ސޮރުމެންގެ އަމަލުތައް ބަދަލުވެދާނެ ކަމަށެވެ.
މެދުއިރުމައްޗާއި އުތުރު އެފްރިކާގައި އުޅޭ ކަރަކަލް ބުޅަލަކީ މިސްރުގައި ވަރަށް ގަދަރު އުފުލިގެންވާ ބާވަތެއްގެ ބުޅަލެކެވެ.
ފަހުގެ ތާރީހެއްގައި ވަލު ޖަނަވާރުން އިސްރާއީލު ސިފައިންނަށް ހަމަލާ ދިން މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މި ދިޔަ އަހަރުގެ މެއި މަހު ދެކުނު ޣައްޒާގައި ދުއްވަމުން ދިޔަ އިސްރާއީލުގެ ޓޭންކަކުން ޖެހި ކުޅަނދުރު ހަތައެއް ހަލާކުވުމުން ކުޅަނދުރުތަކެއް ވަނީ އިސްރާއީލު ސިފައިންގެ ގަޔަށް ކަށި ޖަހައިފައެވެ. އޭގެ ތެރެއިން 10 ސިފައިންނަށް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭންޖެހުނެވެ. އަދި އެކަކުގެ ހާލު ސީރިއަސްވެގެން ފަރުވާ ދޭންޖެހުނީ އައި.ސީ.ޔޫގައެވެ. މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ މީޑިއާއިން ބުނީ ބައެއް ސިފައިންނަށް އެލާޖިކް ރިއެކްޝަންތަކެއް ކުރިމަތިވި ކަމަށެވެ.
"އިސްރާއީލުގެ ގިނަ ސިފައިންތަކަކަށް އެއްފަހަރާ ހަމަލައެއް އެރި މިއީ ފުރަތަމަ ފަހަރު،" ކުޅަނދުރު ކަށި ޖެހި ހާދިސާއާ ގުޅިގެން އިސްރާއީލުގެ މީޑިއާއިން ރިޕޯޓްކުރިއެވެ.



advertisment