Support Us

ފްރާންސްގެ ވެރިރަށް ޕެރިސްގެ ހަމައެކަނި ހިނގާ މީހުންނަށާއި ބައިސްކަލް ދުއްވާ މީހުންނަށް ހާއްސަކޮށްފައިވާ މަގެއް ކައިރިން ކަރަންޓުން ދުއްވާ ބައިސްކަލެއްގައި މީހަކު ދަނީ

އެންމެ އިޝްގީ ސަހަރުގެ އިތުރު 500 މަގު ހިނގާ މީހުންނަށް

ދުނިޔޭގެ އެންމެ އިޝްގީ ސަހަރު ކަމުގައި މަޝްހޫރުވެފައިވާ ފްރާންސްގެ ވެރިރަށް ޕެރިސްގެ އިތުރު 500 މަގު ހިނގާ މީހުންނަށް ހާއްސަކުރަން މިއަދު ވޯޓު ދީފިއެވެ. މިހެން ހެދުމުން ޕެރިސްގައި މުޅިއަކު 700 މަގު ހިނގާ މީހުންނަށް ހާއްސަ ކުރެވޭނެއެވެ. މިހެން ހެދުމުން އެ ސިޓީގެ މަގުތަކުގެ ތެރެއިން ދިހަބައިކުޅައެއްބައި މަގު ހިނގާ މީހުންނަށް ހާއްސަވީއެވެ.

މި ގޮތަށް ހަދަން ވޯޓު ދިނީ 65.96 ޕަސެންޓް ޕެރިސްގެ ރަށްވެހިންނެވެ. ސަހަރުގެ 34.04 ޕަސެންޓް މީހުން ވޯޓު ދިނީ މިއާ ދެކޮޅަށެވެ.

މި ކަމުގެ ސަބަބުން ކާރު ބޭނުން ކުރުން މަދުކުރުމާއި ޕެރިސްގެ ވައިގެ ކޮލިޓީ ރަނގަޅުކުރަން ސިޓީ ކައުންސިލް ހިންގާ ވައަތު ފިޔައިގެ އޮފިޝަލުންނަށް އަނެއްކާވެސް އިތުރު ކާމިޔާބީއެއް ލިބުނީއެވެ.

ޕެރިސްގައި 2023 ވަނަ އަހަރު ނެގި ވޯޓަކުން އީ-ސްކޫޓަރު ވަނީ މަނާކޮށްފައެވެ. އަދި މި ދިޔަ އަހަރު ނެގި ވޯޓެއްގައި ބޮޑެތި ސައިޒުގެ ސްޕޯޓްސް ޔުޓިލިޓީ ވެހިކަލް (އެސް.ޔޫ.ވީ) ޕާކް ކުރުމުގެ ފީ ތިން ގުނަ ވަނީ ބޮޑުކޮށްފައެވެ.

މިއަދު ނެގި ވޯޓުގެ ސަބަބުން ޕާކް ކުރާ އިތުރު 10،000 ޖާގަ ކެންސަލް ކުރެވޭނެއެވެ. އެއީ 2020 ގެ ފަހުން ވެސް ކެންސަލް ކުރި 10،000 ޕާކް ކުރާ ޖާގައިގެ އިތުރުންނެވެ.

މި ކަހަލަ ނިންމުންތައް ނިންމައި އިރު ޕެރިސްގެ ދެ މިލިއަން މީހުންގެ އާބާދީގެ ހިޔާލު ވޯޓަކުން ހޯދައެވެ.

ޕެރިސްގެ ސިޓީ ކައުންސިލްގެ ތާރީހުން ދައްކާ ގޮތުގައި މި ގަރުނަށް އެޅުނުއިރު ސަހަރުގައި ކާރުގެ އަދަދު ވަނީ ދެބައިކުޅައެއްބައި މަދުވެފައެވެ. އެއީ ވައަތުފިޔައިގެ އޮފިޝަލުންނަށް ސިޓީގެ ލަގަން ލިބުމުންނެވެ.

މި ފަހަކުން މި ބަދަލުތައް އައި ނަމަވެސް، ޔޫރަޕްގެ އެހެން ވެރިރަށްތަކާ އަޅާބަލާއިރު ޕެރިސްގައި ތިމާވެށްޓާ ރައްޓެހި އިންފްރާސްޓްރަކްޗަރު އަދިވެސް މަދެވެ. އެ ގޮތުން އަމިއްލަ މީހުންގެ ބަގީޗާތަކާއި ޕާކްތަކާއި ގަސް ހައްދައިފައިވާ މަގުތަކާއި ކަނޑޫފާތައް ފަދަ ޗަސްބިންތަކުގެ އަދަދު އުޅެނީ ޔޫރަޕްގެ އެހެން ގައުމުތަކާ އަޅާބަލާއިރު 26 ޕަސެންޓްގައެވެ. ޔޫރަޕްގެ ތިމާވެށްޓާ ބެހޭ އެޖެންސީންގެ މައުލޫމާތުތަކަށް ބަލާއިރު ޔޫރަޕްގެ ގައުމުތަކުގެ ވެރިރަށްތަކުގައި ނިސްބަތުން 41 ޕަސެންޓް ތިމާވެށްޓާ ރައްޓެހި "ފެހި" ތަންތަންވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *