އދ.އިން އިސްރާއީލު ބޭރުކޮށްލަން 63 ޕަސެންޓްގެ މުސްލިމުންގެ އަޣުލަބިއްޔަތެއް އޮންނަ ދެކުނު އިރުމަތީ އޭޝިއާގެ ގައުމެއް ކަމަށްވާ މެލޭޝިއާއިން ގަރާރެއް އެކުލަވައިލައިފިއެވެ.
މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ މި ގަރާރުގެ ދެލިކޮޕީ މިހާރު ވަނީ ބަހުސްގެ މަރުހަލާގައި ކަމަށާއި އދ.ގެ އާއްމު މަޖުލިސް ނުވަތަ ޔޫ.އެން ޖެނެރަލް އެސެމްބްލީ (ޔޫ.އެން.ޖީ.އޭ)އަށް "ދާދި އަވަހަށް ހުށަހަޅުއްވާނެ" ކަމަށެވެ. މި ފަދަ ވޯޓެއް ނަގައި ދުވަސް ކަނޑައަޅާނީ ބައިނަލްއަގުވާމީ ސަގާފަތް ނުވަތަ ޑިޕްލޮމެސީގެ ކަންތައްތައް ހުރި ގޮތާއި ޔޫ.އެން.ޖީ.އޭގެ ޝެޑިއުލް ހުރި ގޮތަށް ބަލައިފައެވެ.
މެލޭޝިއާ ސަރުކާރުން އިސްނަގައިގެން ހެދި މި ގަރާރަކީ އިސްރާއީލުގެ ސިޔާސަތުތަކާ ކެރިހުރެ ދެކޮޅުހެދުމެކެވެ. އެއީ ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެންނެވެ. މި ގަރާރުން އދ.ގެ މެންބަރު ގައުމުތަކުގެ މެދުގައި ހޫނު ބަހުސްތަކެއް ހިނގާނެ ކަމަށް ބެލެވެއެވެ. އެ ގައުމުތަކުން މެދުއިރުމަތީގެ މައްސަލަތަކުގައި އަމަލުކުރާ ގޮތް ހާމަވެ، ޑިޕްލޮމެސީ ނުވަތަ ބައިނަލްއަގުވާމީ ގުޅުންތަކުގެ ސަގާފަތް ހުރި ގޮތަށް ކުރާނީ ކޮން ކަހަލަ އަސަރުތަކެއްކަން އެނގިގެން އަންނާނެއެވެ.
ގަރާރުގެ މައިގަނޑު ނުކުތާތަކުގައި ގޮވައިލަނީ ފަލަސްތީނާ ގުޅޭ މައްސަލަތަކުގައި އދ.އިން ތަންފީޒުކުރާ ގާނޫނުތަކާއި ގަވައިދުތަކާއި އަދި ނިންމާ ނިންމުންތަކާ އިސްރާއީލުން ހިލާފުވާ ނަމަ އދ.ގެ މެންބަރުކަމުން އިސްރާއީލު ވަކިކުރުމަށެވެ.
މީގެ އިތުރުން އދ.އިން ފަލަސްތީނަށް އެހީވުމަށް ހަދައިފައިވާ އިދާރާ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫ.އެން.އާރް.ޑަބްލިޔު.އޭ)ގެ މަސައްކަތުގައި ގާނޫނީ ސިފަ ޖައްސައި، މި އިދާރާގެ މަސައްކަތް ހަރުދަނާ ކުރުމަށް ވެސް މި ގަރާރުން ބާރުއަޅައެވެ. މި އިދާރާ އދ.އިން ގާއިމުކުރީ 1949 ގައެވެ. އެއީ އޭގެ އެއް އަހަރު ކުރިން 1948 ގައި އިސްރާއީލު ގައުމެއްގެ ގޮތުގައި އިއުލާން ކުރުމާއެކު އަރަބި ގައުމުތަކުން އިސްރާއީލަށް ހަމަލާ ދީ، ކުރި ހަނގުރާމައިގައި ގެދޮރު ގެއްލި، ރެފިއުޖީންނަށް ވެގެންދިޔަ ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށެވެ. އެ ގޮތުން އުރުދުން، ލުބްނާން، ސޫރިޔާ، ޣައްޒާ، ހުޅަނގު އައްސޭރި އަދި އިރުމަތީ ގުދުސްގައި ހާލުގައި ޖެހިފައިވާ އެތައް މިލިއަން ފަލަސްތީނު ރައްޔިތުންނަށް މި އިދާރާއިން ހުރިހާ ދާއިރާއަކުން އެހީވެއެވެ. އެހީތެރިކަން ފޯރުކޮށްދެނީ އދ.ގެ މެންބަރު ގައުމުތަކުގެ ތެރެއިން ހިތުން ރުހުމުން ޗަންދާގެ ގޮތުގައި ދޭ ފައިސާއިންނެވެ.
އޮކްޓޫބަރު 2023 ގައި ހަމާސްއިން ދިން ހަމަލާގައި ޔޫ.އެން.އާރް.ޑަބްލިޔު.އޭގެ ފަލަސްތީނަށް ނިސްބަތްވާ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް، އެކަމަކު އެއްވެސް ސާބިތު ހިފޭ ހެއްކެއް ނުދައްކާއި، އިސްރާއީލުން ތުހުމަތު ކުރުމަށް ފަހު، ފަލަސްތީނުގެ ބިންތަކުގައި މި އިދާރާއިން މަސައްކަތް ކުރުމަށް އިސްރާއީލުން ވަނީ ވަރަށް ބޮޑަށް ހުރަސްއަޅައިފައެވެ. އަދި އިރާނުން ދިން ހަމަލާތައް ސީދާސީދާ ކުށްވެރި ނުކުރެއްވުމުން އދ.ގެ އަމީން އާއްމު އެންޓޯނިއޯ ގުޓެރެސް އިސްރާއީލަށް ވެންނެވުން ވަނީ މަނާކޮށްފައެވެ.
މެލޭޝިއާއިން މި ގަރާރު ހެދީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ސީރިއަސް ހިސާބަކަށް ގޮސްފައިވަނިކޮށެވެ. އެ ގޮތުން ޣައްޒާ އާއި ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އަނިޔާވެރިކަން ދަނީ މައްޗަށެވެ.
އިސްރާއީލުގެ ދައުލަތަށް މިހާރު 77 އަހަރުވެފައިވާއިރު، ފަލަސްތީނު ރައްޔިތުންނާމެދު ކަންތައްތައްކުރާ ގޮތަށް ހަރުކަށި އިބާރާތުން މެލޭޝިއާއިން ކުށްވެރިކުރާތާ އެތައް ޒަމާނެއްވެއްޖެއެވެ. ފަލަސްތީނުގެ ސިޔާދަތާއި އިސްތިގުލާލަށް ތާއީދު ކުރުމުގައި މެލޭޝިއާގެ ސިޔާސަތު ދަމަހައްޓަމުންދެއެވެ. އަދި އިސްރާއީލުގެ އަސްކަރީ ހަރަކާތްތަކާއި ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމާއި އަދި ބައިނަލްއަގުވާމީ ގާނޫނުތައް އިސްރާއީލުން މުގުރާ މުގުރުމާ ދެކޮޅަށް ވެސް މެލޭޝިއާއިން ކެނޑިނޭޅި އަޑުއުފުލަމުން އާދެއެވެ.
އދ.އިން އިސްރާއީލު ބޭރުކޮށްލުމަށް ހުށަހަޅާ ގަރާރުން މެލޭޝިއާއިން ބޭނުންވަނީ އަސާސީ އިންސާނީ ހައްގުތަކާއި ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް އިސްރާއީލުން ކުރަމުންދާ ކަންތައްތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވައިށެވެ. ވަކިން ހާއްސަ ގޮތެއްގައި މި ގަރާރުގައި ފާހަގަކޮށްފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބީ އދ.އިން ނަގަހައްޓާ ސުލޫކީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެއީ އިންސާނީ ކަރާމާތާއި އަމާންކަމާއި އަދި އެ ބައެއްގެ ސިޔާސީ ކުރިމަގު ކަނޑައެޅުމުގެ ބާރު އެ ބަޔަކަށް އޮންނަން ޖެހޭނެ ކަމަށް ބެލެވޭ އުސޫލުތަކާ ހިލާފަށެވެ.
މެލޭޝިއާގެ ގަރާރުގެ އަމާޒަކީ ފަލަސްތީނުގައި އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅިގެން އދ.ގެ މެންބަރު ކަމުން އިސްރާއީލު ސަސްޕެންޑް ކުރުން ނުވަތަ އދ.އިން އިސްރާއީލު ބޭރުކޮށްލުމެވެ. ގަރާރުގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ސުލްހަ ގާއިމު ކުރުމަށް އދ.އިން ކުރަމުން އަންނަ މަސައްކަތަށް ހުރަސްއަޅައި، އދ.ގެ ބައިވަރު ގަރާރުތަކާ އިސްރާއީލުން ހިލާފުވުން ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި އިސްރާއީލުން ހިފައިފައިވާ ބިންތަކުން ފޭބުމަށް ގޮވައިލައި ގަރާރުތަކާ ހިލާފުވުން ވެސް ހިމެނެއެވެ.
ގަރާރުގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ޖެނީވާ މުއާހަދާތައް ހިމެނޭ ގޮތަށް އިސްރާއީލުން އަދިވެސް ދަނީ ބައިނަލްއަގުވާމީ އިންސާނިއްޔަތާ ގުޅޭ ގާނޫނުތައް މުގުރަމުންކަމަށް ބުނެފައިވެއެވެ. މީގެ ތެރޭގައި ފަލަސްތީނުގެ ބިންތައް ހިފައި، އެ ތަންތަނުގައި ޔަހޫދީން އާބާދު ކުރުވުން ހިމެނެއެވެ.
ގަރާރުގައި ދެން ފާހަގަކޮށްފައިވާ މައިގަނޑު ނުކުތާއަކީ ފަލަސްތީނު ރައްޔިތުންގެ އަސާސީ ހައްގުތައް އިސްރާއީލުން ނިގުޅައިގަތްފައިވުމެވެ. އޭގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ސިޔާސީ ކުރިމަގު ކަނޑައަޅަން އެ މީހުންނަށް ދޭން ޖެހޭ ފުރުސަތު ނުދިނުން ހިމެނެއެވެ. އަދި އެ މީހުން އެނބުރި އެ މީހުންގެ ގެދޮރަށް ދިއުމަށް ފުރުސަތު ނުދިނުން ހިމެނެއެވެ. މީގެ އިތުރުން މި ގަރާރުގައި ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް ވެސް އަލިއަޅުވައިލައިފައިވެއެވެ.
މި ގަރާރުގެ މައިގަނޑު ފަހު ނުކުތާގެ ގޮތުގައި ފާހަގަކޮށްފައިވަނީ ފަލަސްތީނުގެ ބިންތަކުން އިސްރާއީލުން ފައިބަން ޖެހުމުގެ އިތުރުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ބަލައިގަތުމާ ދެކޮޅަށް އިސްރާއީލުން މަސައްކަތް ކުރުމެވެ.
މި ގަރާރުގެ ސަބަބުން ބައިނަލްއަގުވާމީ ސަގާފަތް ނުވަތަ ޑިޕްލޮމެސީއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ފެނެއެވެ. އިސްރާއީލާ އަބަދުވެސް ގުޅުން ބަދަހި އެމެރިކާއިން މިހާރު ވެސް ބުނެފައިވަނީ އދ.އިން އިސްރާއީލު ބޭރުކޮށްލަފާނެ ކޮންމެ ހަރަކާތަކާ ދެކޮޅުހަދާނެ ކަމަށެވެ. ހަމަ މި މޭރުމުން ބަލާއިރު، ޔޫރަޕް އިއްތިހާދުގެ ގައުމުތަކުން ވެސް، ފަލަސްތީނުގައި އިސްރާއީލުގެ ހަރަކާތްތައް ހުންނަ ގޮތަށް ފާޑުކިޔަސް، މި ގަރާރާ ދެކޮޅުހަދާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ އިސްރާއީލާއެކު ބާއްވާ ގުޅުން ނާޒުކު ފައްތަރަކަށް ވެއްޓިދާނެތީއެވެ.
މިއާ ހިލާފަށް، މެލޭޝިއާގެ މި ގަރާރަށް ހާއްސަ ގޮތެއްގައި އަރަބި ގައުމުތަކާއި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކުން ތާއީދު ކުރާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ މި ގައުމުތަކަކީ ފަލަސްތީނުގެ މިނިވަންކަމަށް އަބަދުވެސް ގޮވައިލަމުން އައިސްފައިވާ ގައުމުތަކަކަށްވާތީއެވެ. ނަމަވެސް މެލޭޝިއާގެ މި ޖެހިލުން ކުޑަ ގަރާރު އދ.ގެ އާއްމު މަޖިލިސް ނުވަތަ ސަލާމަތީ މަޖިލިސް ކަމަށްވާ ސެކިއުރިޓީ ކައުންސިލުގައި ވެސް ފާސްވާން ބޭނުންވާނެ އަދަދަށް ވޯޓު ލިބިދާނެތޯ މިއީ ސުވާލެކެވެ. އަދި އަނެއްކޮޅުން މި ކައުންސިލްގައި ތިބޭ "ދާއިމީ މެންބަރު" ފަސް ގައުމުން ވީޓޯ ނުވަތަ "ނޫން" ބަސް ބުނުމުގެ ހައްގު ހޯދައިގަނެގެން ތިބި ޗައިނާ، ފްރާންސް، ރަޝިއާ، އިނގިރޭސި ވިލާތް އަދި އެމެރިކާއިން މި ގަރާރާ ދެކޮޅަށް ވޯޓު ދީފި ނަމަ މި ގަރާރު ބޭކާރު އެއްޗަކަށް ވެގެންދާނެއެވެ.
އިސްރާއީލުން މިހާރު ވެސް ވަނީ މި ގަރާރު ކުށްވެރިކޮށްފައެވެ.
"މިއީ ޔަހޫދީ ދައުލަތުގެ ގާނޫނީ ހައިސިއްޔަތު ކަނޑުވައިލަން ކުރާ ސިޔާސީ ކުލަޖެހިފައިވާ ކަމެއް،" އިސްރާއީލުން ބުންޏެވެ.
އިސްރާއީލުގެ އޮފިޝަލުން ބުނީ މިއީ މެދުއިރުމަތީގެ "ހަގީގީ މައްސަލަތަކުން ސަމާލުކަން އެހެން ދިމާއަކަށް އަނބުރައިލަން ކުރާ ކަމެއް ނޫން އެހެން ކަމެއް ނޫން" ކަމަށެވެ.
"އިސްރާއީލުގެ ސަލާމަތީ ކަންތައްތަކާމެދު އިސްރާއީލުގެ ހުރި ކަންބޮޑުވުންތައް ހުރި ގޮތާމެދު މެލޭޝިއާއިން މި ގަރާރު ހެދުމުގައި އަޅާލާފައެއް ނުވޭ،" އިސްރާއީލުގެ އޮފިޝަލަކު ބުންޏެވެ.
މި ގަރާރާ ދެކޮޅު ހެދުމުގައި އެންމެ އިސް ރޯލެއް ކުޅޭނީ އިސްރާއީލުގެ އެންމެ ވަރުގަދަ ރަހްމަތްތެރިޔާ ކަމަށްވާ އެމެރިކާ ކަމަށް ބެލެވެއެވެ. އެ ގޮތުން މި ގަރާރުގެ ސަބަބުން ސުލްހަ ގާއިމު ކުރުމުގެ މަސައްކަތާއި އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ދެ ދައުލަތް މެދުއިރުމަތީގައި ގާއިމުކުރަންކުރާ މަސައްކަތަށް އެއްވެސް އެހީތެރިކަމެއް ނުލިބޭނެ ކަމަށް އެމެރިކާއިން ބުނުން އެކަށީގެންވެއެވެ. އިސްރާއީލަށް ތާއީދުކުރާ ފަރާތްތައް، ހާއްސަކޮށް ހުޅަނގުގައި ތިބި އިސްރާއީލަށް ތަރުހީބު ދޭ ފަރާތްތައް، މި ގަރާރާމެދު ދެކޭނީ މިއީ ބައިނަލްއަގުވާމީ މައިދާނުގައި އިސްރާއީލު އެކަހެރިކޮށްލަންކުރާ މަސައްކަތެއް ކަމަށެވެ. މި ކަމުގެ ސަބަބުން ބައިނަލްއަގުވާމީ ޑިޕްލޮމެޓިކް ދާއިރާގެ ގުޅުންތަކަށް އަސަރު ކުރާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން މި ގަރާރުގެ ސަބަބުން ގައުމުތަކުގެ މެދުގައި ހިނގަމުންދާ ކުރިމަތިލުންތައް ހައްލުކޮށް، ބައިނަލްއަގުވާމީ ސުލްހަ އާއި ސަލާމަތްތެރިކަން ގާއިމުކުރުމުގައި އދ.ގެ ދައުރަކީ ކޮބައިކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދާނެ ކަމަށް ވެސް ބެލެވެއެވެ.
"މި ކަމުގެ ސަބަބުން މެދުއިރުމަތީގެ މަޝްރަހު އިތުރަށް ހޫނުވާނީ. ފަލަސްތީނާއެކު ސުލްހައިގެ މުއާހަދާއެއް ގާއިމުކުރުމާ އިސްރާއީލުން ހައްތާ ދުރަށް ދާނީ. އިސްރާއީލު ބައިނަލްއަގުވާމީ ދުނިޔެއާ އެކަހެރިކޮށްލުމުގެ ބަދަލުގައި ބައިނަލްއަގުވާމީ މުޖުތަމައުން ކުރަން ޖެހޭނެ ކަމަކީ ފަލަސްތީނާއި އިސްރާއީލާ ދެމެދު ސުލްހައިގެ ވާހަކަތަކަށް މަގުފަހިކޮށްދިނުން. އަދި އިސްރާއީލާއި ފަލަސްތީނާ ދެމެދު މިވާ ކުރިމަތިލުން އެކީއެކައްޗަކަށް ހައްލުކުރުން،" ސިޔާސީ ތަޖުރިބާކާރަކު ބުންޏެވެ.
މެލޭޝިއާގެ މި ގަރާރަށް ތާއީދުކުރާ ފަރާތްތަކުން ބުނީ މިއީ އިސްރާއީލުގެ އަމަލުތަކަށް އެ ގައުމު ޒިންމާ ކުރުވަން ކޮންމެހެންވެސް އަޅަންޖެހޭ ފިޔަވަޅެއް ކަމަށެވެ.
"ސިޔާސީ ކަންތައްތަކަށްވުރެ ހުރިހާ ގޮތަކުން ވެސް މުހިންމު ވާންޖެހޭނީ ބައިނަލްއަގުވާމީ ގާނޫނާއި އިންސާނީ ހައްގުތައް ނެގެހެއްޓުން. ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށްޓަކައި ތެދުވުމަކީ ބައިނަލްއަގުވާމީ މުޖުތަމައަށް މަޖުބޫރުކަމެއް،" ސިޔާސީ ތަޖުރިބާކާރަކު ބުންޏެވެ.
އދ.އިން އިސްރާއީލު ބޭރުކޮށްލަން ހުށަހަޅާ، މެލޭޝިއާއިން ތައްޔާރުކޮށްފައިވާ ޖެހިލުންކުޑަ އަދި ބައިނަލްއަގުވާމީ މުޖުތަމައު ހަލަބޮލިކޮށްލާނެ ގަރާރަކީ އަންނަން އޮތް މަސްތަކުގައި ބޮޑެތި ބަހުސްތައް އުފެދޭނެ ގަރާރެކެވެ. އަދުގެ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހުގައި މި ގަރާރު ފާސް ނުވިޔަސް، މި ގަރާރުން ހާމަވަނީ ފަލަސްތީނު ރައްޔިތުންނާމެދު އިސްރާއީލުން އަމަލުކުރާ ގޮތާމެދު މީހުންގެ ހިތްހަމަނުޖެހުން އިތުރުވަމުން އަންނަ ކަމެވެ. އަދި އިންސާފުވެރި، ދެމެހެއްޓެނިވި ސުލްހައެއް މެދުއިރުމައްޗަށް ހޯދުމުގައި ކުރިއެރުމެއް ނުލިބޭތީ އެ ކަމާ ވެސް މީހުން ހިތްހަމަނުޖެހޭކަމެވެ. މި ގަރާރު ފާސް ވިޔަސް ނުވަތަ ނުވިޔަސް، މިއީ ފަލަސްތީނާއި އިސްރާއީލުގެ ކުރިމަތިލުމުގައި އިންސާފާއި ހަމަހަމަކަން ގާއިމުކުރުމުގައި ހުރި ގޮންޖެހުންތައް ހަނދާނަށް ގެނެސްދޭނެ ގަރާރެކެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކުން ފުރިފައިވާ މަސްރަހަކީ މުޅި ދުނިޔޭގެ ބައިނަލްއަގުވާމީ ގުޅުންތައް ބައްޓަންކުރަމުންދާ މައްސަލައެކެވެ.



advertisment