ލޯބި އުފެދުމުގައި އުމުރުގެ ތަފާތު ކަމަކީ ހުރަހެއް ހެއްޔެވެ؟
ޗައިނާގެ ހަބައި ޕްރޮވިންސްގައި ކުރި ކައިވެންޏެއް ފަލަ ސުރުހީތަކަށް އެރިއެވެ. ކީއްވެ ހެއްޔެވެ؟ ދެމަފިރިންގެ އުމުރު ތަފާތު ކަމުންނެވެ.
ޝިއައޮފެންގް ނަމަކަށް ކިޔާ އަންހެންމީހާގެ އުމުރަކީ 23 އަހަރެވެ. އޭނާ ކައިވެނިކުރީ އުމުރުން 80 އަހަރުގެ ލީ ނަމަކަށް ކިޔާ މީހަކާއެވެ. ތަފާތަކީ 57 އަހަރެވެ.
ޝިއައޮފެންގަށް ލީއާ ދިމާވީ މި ދިޔަ އަހަރު ރިޓަޔަމަންޓް ހޯމްއެއްގައި ޝިއައޮފެންގް ހިލޭސާބަހަށް މަސައްކަތްކުރަން ފެށިތަނާއެވެ.
މުސްކުޅިވުމުގެ ސަބަބުން މި "މުސްކުޅި މީހުންގެ ގޭ"ގައި ލީ އަންނަނީ އެކި ބާވަތްތަކުގެ އެހީ ހޯދަމުންނެވެ. އެއީ ކެއިންބުއިމާއި އެ ތަނުގައި އުޅޭ އުމުރުން ދުވަސްވީ އެހެން މީހުންނާއެކު އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވުމާއި ބައެއް ފަހަރު ސިއްހީ ފަރުވާ ލިބިގަންނަމުންނެވެ.

ޝިއައޮފެންގާއި ލީގެ ގުޅުން ފުރަތަމަ ބަދަހިވެގެން އައީ އާދައިގެ ރަހްމަތްތެރިކަމަކުންނެވެ. އެއީ ދެ މީހުން ޝައުގުވެރިވާ ކަންތައްތަކާއި ހޮބީތައް އެއްގޮތްވުމުންނެވެ. މި ގުޅުން ބަދަހިވެގެން އައީ އިޝްގީ ލޯތްބަކަށެވެ.
ޝިއައޮފެންގަށް ކަމުދިޔައީ ލީގެ ކަމުވޮށިގެންވުމާއި ވިސްނުންތެރިކަމެވެ. ލީއަށް ކަމުދިޔައީ ޝިއައޮފެންގްގެ ޒުވާން ޖޯޝާއި ހިތްހެޔޮކަމެވެ.
ދެ މީހުންގެ ދެމެދުގައި ލޯބި އުފެދުނު ނަމަވެސް ޝިއައޮފެންގްގެ އާއިލާއިން އެ ދެ މީހުންގެ ގުޅުމާ ވަރުގަދައަށް ދެކޮޅުހެދިއެވެ. ދެ މީހުންގެ އުމުރުގައި 57 އަހަރުގެ ތަފާތެއް ހުރުމުން ޝިއައޮފެންގްގެ ނާޖާއިޒު ފައިދާއެއް ލީ ނަގަނީކަމުގެ ބިރު ހީވެގެންނެވެ.
މި ކަމާ އަޅާނުލާ ޝިއައޮފެންގް އޭނާގެ އާއިލާއާ ގުޅުން ކަނޑައިލިއެވެ. އަދި އާއިލާގެ މެންބަރުން ހާޒިރު ނުވާ އާދައިގެ ހަފުލާއެއްގައި ލީއާ ކައިވެނިކުރިއެވެ.
ދެމަފިރިންގެ ކައިވެނި ޗައިނާގެ ސޯޝަލް މީޑިއާގައި ބޮޑު ބަހުސަކަށްވިއެވެ. ބައެއް މީހުން ތުހުމަތުކުރީ ޝިއައޮފެންގްގެ "ގޮތްނޭނގޭ އެދުމެއް"ވާ ކަމަށެވެ. މިސާލަކަށް، މާލީ ބޭނުމެއް އޮވެގެން ލީއާ ކައިވެނިކުރީ ކަމަށެވެ. ނަމަވެސް އަނެއް ބައި މީހުން ޝިއައޮފެންގަށް ތައުރީފުކުރިއެވެ. އެއީ އޭނާ އޭނާގެ "ހިތް އެދޭ މަގުން ދިޔައިމަ" ކަމަށް ބުނެއެވެ.
ރިޕޯޓްކޮށްފައިވާ ގޮތުގައި ދެމަފިރިންގެ ހަރަދު ބަލަހައްޓަނީ ޝިއައޮފެންގެވެ. ސަބަބަކީ ލީގެ އުމުރުގެ ގޮތުން އޭނާއަށް ބަރޯސާ ވާންޖެހިފައިވަނީ އޭނާއަށް ލިބޭ ޕެންޝަނަށް ކަމަށްވާތީ އާއި ސިއްހީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީއެވެ.
"ޝިއައޮފެންގްގެ އާއިލާއަށް ވަރަށް ގިނަ މީހުން ހަމްދަރުދީ ފާޅުކުރަމުން އެބައާދޭ. ނަމަވެސް އަނެއްބައިމީހުން ޝިއައޮފެންގްގެ ކެރުންތެރިކަމާއި ލީއަށްޓަކައި އޭނާ ހުރިކަން ދައްކައިދޭތީ ޝިއައޮފެންގަށް ތަރުހީބު ދޭ،" ޗައިނާގެ ވެބްސައިޓެއް އަދި ސާޗް އިންޖީނެއް ކަމަށްވާ ސޯހޫއިން ރިޕޯޓްކުރިއެވެ.
"ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް ޝިއައޮފެންގް ހުރީ ކުރިމަގު ރަނގަޅުވާނެ ކަމަށް އުއްމީދުކޮށްގެން. ލީގެ އެހީތެރިކަމާއެކު ދިރިއުޅުމުގައި ކުރިމަތިވާނެ ހުރަސްތައް ގިރާކުރެވޭނެކަމުގެ ޔަގީންކަމާއެކު. ދެމަފިރިންގެ ޒަވާޖީ ހަޔާތުގެ ކަންތައްތައް ޝިއައޮފެންގް އަންނަނީ ސޯޝަލް މީޑިއާގައި ހާމަކުރަމުން. ދެމަފިރިންގެ ގުޅުމަކީ ހަގީގީ ގުޅުމެއްކަން ފާހަގަކުރަމުން،" މެލޭޝިއާގެ ނޫހެއް ކަމަށްވާ ނިއު ސްޓްރެއިޓް ޓައިމްސްއިން ރިޕޯޓްކުރިއެވެ.



advertisment