އެމެރިކާގެ ރައީސްކަމުގައި މިހާރު ދެ މަސް ހޭދަކުރައްވައިފައިވާ ޑޮނަލްޑް ޓްރަމްޕް ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން ވެސް މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރައްވާނެކަމަށް ވައުދުވެ ވަޑައިގަތެވެ. ނަމަވެސް ހަގީގަތަކީ މިއީ ބުހުތާނެއް ކަމެވެ. ބޭނުންވެ ވަޑައިގަތް ކަމަކީ ހަމާސް އާއި އިސްރާއީލުން ކުރަމުންގެންދިޔަ ހަނގުރާމަ ހުއްޓައިލުމުގެ ނަމުގައި އިސްރާއީލުގެ އަސީރުން މިނިވަން ކުރުމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫއަށް ފުރުސަތު ދެއްވުން ކަމެވެ. އަދި އެ ކަމުގެ ކްރެޑިޓް ނަންގަވައި، ޣައްޒާ ހަނގުރާމަ ހުއްޓުވައިލެއްވީ އޭނާ ކަމަށް ދުނިޔެއަށް ދައްކަވައިގެން އެ ކަމުން ރީތި ނަމެއް ހޯއްދެވުން ކަމެވެ.
މަދު ހަފުތާތަކަކަށް ދެމިގެންދިޔަ ސުލްހައިގެ ފަހުން މިހާރު އިސްރާއީލުން ވަނީ ވަކި ހަމައެއްލަމައެއް ނެތި ޣައްޒާ އަލުން ސުންނާފަތި ކުރަން ފަށައިފައެވެ. މިވީ ތިން ދުވަސް ތެރޭގައި 600 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފައެވެ. މި ކަމުން އެނގެނީ، ޣައްޒާއިން ފަލަސްތީނު ރައްޔިތުން ބޭރުކޮށްލައްވާނެ ކަމަށް ވިދާޅުވި ޓްރަމްޕް، ޣައްޒާ ހަނގުރާމަ ނިންމުމަކަށް ގެންނަވަން އެއްވެސް އިރެއްގައި އެއްވެސް ވަރަކަށް ޝައުގުވެރި ނުވާ ކަމަށް ސިޔާސީ ތަޖުރިބާކާރުން މިހާރު އަންނަނީ ބުނަމުންނެވެ.
އޮކްޓޫބަރު 2023 ގައި ފެށި ހަނގުރާމައިގައި މިހާރު ގާތްގަނޑަކަށް 50،000 އެއްހާ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފައިވުމުގެ އިތުރުން ފަލަސްތީނުގެ ކުޑަކުދިން ޝަހީދުކޮށްލަމުންދާ މަންޒަރުތައް މިހާރު ވަނީ އަލުން ދުނިޔޭގެ މޫނުމައްޗަށް ހުށަހެޅިފައެވެ. ޣައްޒާ ހަނގުރާމަ އަލުން ފަށައި މުޅި މެދުއިރުމަތީގައި ވެސް ކުރިމަތިލުންތައް ފަށައިފައެވެ.
ޓްރަމްޕްގެ މުނާފިގު ކަމަކީ، ޣައްޒާ ހަނގުރާމަ ހުއްޓުވައިލައްވާނެ ކަމަށް ކުރިން ވިދާޅުވެފައި، މިހާރު އެ ހަނގުރާމަ ކުރިއަށްގެންދަން ހިތްވަރު ދެއްވަމުން ވަޑައިގަންނަވާތީއެވެ.
"ހަގީގަތަކީ ޓްރަމްޕަކީ ދެގޮތެއް ނުވެ އިސްރާއީލަށް ތާއީދުކުރައްވާ މީހެއްކަން. އޭނާ ބޭނުންވެ ވަޑައިގަތީ ހަމައެކަނި މީޑިއާގެ ސަމާލުކަން ހޯދަން. ޣައްޒާ ހަނގުރާމަ ހުއްޓުވައިލުމުގެ އެއްވެސް ޝައުގުވެރިކަމެއް ހަގީގަތުގައި އޭނާގެ ކިބައިގައި ނެތް،" ސިޔާސީ ތަޖުރިބާކާރަކު ބުންޏެވެ.
މި ކަމަށް ހެކި ދޭ އެންމެ ބޮޑު އެއް ކަމަކީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން އެ ތަނުން ދާއިމީ ގޮތެއްގައި ނެރެލާނެ ކަމަށް ޓްރަމްޕް ވިދާޅުވުމެވެ. މިއީ އެތުނިކް ކްލެންސިން ނުވަތަ ނަސްލެއް ނައްތައިލުން ނޫން އެހެން ކަމެއް ނޫނެވެ. ތަފާތަކީ ޣައްޒާގައި ރިވިއެރާ ސްޓައިލްގެ ބީޗް ނުވަތަ ގޮނޑުދޮށް ރިސޯޓްތަކެއް ހައްދަވާނެ ކަމަށް ވިދާޅުވުމެވެ.
"މި ކަމުގެ ސަބަބުން ކުރީއްސުރެ ވެސް އެނގޭ ޓްރަމްޕްގެ އިހުލާސްތެރިކަމެއް ނެތްކަން. އެހެންކަމުން ޣައްޒާގައި އަނިޔާވެރިކަން އަލުން ހިންގަން ޓްރަމްޕް ފެހި ސިގްނަލް ދެއްވުމަކީ ހައިރާންވާ ކަމެއް ނޫން،" ޖޯޖްޓައުން ޔުނިވާސިޓީގައި ޝަރީއަތާއި ސުލްހަ މާއްދާ ކިޔަވައިދޭ ލެކްޗަރާއެއް ކަމަށްވާ ޖޯޝް ރޫބްނާ ބުންޏެވެ.
ޓްރަމްޕްގެ އިހުލާސްތެރިކަމެއް ނެތްކަން ފާޅުވާން ފެށި ހިސާބު:
މިހާރު އިސްރާއީލު ސިފައިން ޣައްޒާއަށް އަޅަމުންދާ ބޮންތަކާ ހަމައަށް އައުމުގެ ހަފުތާތަކެއް ކުރިން ވެސް، ޣައްޒާ ހަނގުރާމަ ހުއްޓާލާ އެއްބަސްވުމަށް ޝައުގުވެރިކަމެއް ޓްރަމްޕްގެ ނެތްކަން ހާމަވާކަމުގެ ނިޝާންތައް ފެންނަން ފެށިއެވެ. އަދި ނަތަންޔާހޫ ވެސް ޣައްޒާ ހަނގުރާމަ ހުއްޓައިލަން ބޭނުން ނުވާކަން ދޭހަވިއެވެ.
"ޣައްޒާގެ ސުލްހަ ދެމިގެންދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް،" މި ދިޔަ މަހު ޓްރަމްޕް ވިދާޅުވެފައިވެއެވެ.
އޭގެ ކުރިން ޖަނަވަރީ މަހު ސުލްހައިގެ އެއްބަސްވުން ތަންފީޒު ކުރުމުގެ ކުރިން ވެސް ނަތަންޔާހޫ ބުނެފައިވަނީ އެ މުއާހަދާއަކީ ހަމައެކަނި "ވަގުތީ އެއްބަސްވުމެއް" ކަމަށާއި އެއިރު އެމެރިކާގެ ރައީސްކަމުގައި ހުންނެވި ރައީސް ޖޯ ބައިޑެން ވެސް، ޓްރަމްޕެކޭ އެއްގޮތަށް، "އަލުން ޣައްޒާއަށް ހަމަލާ ދިނުމުގެ ހައްގު އިސްރާއީލަށް އޮތް ކަމަށް ފުރިހަމަ ތާއީދު ދެއްވި" ކަމަށެވެ.
ސުލްހައިގެ އެއްބަސްވުން ތަންފީޒު ކުރުމަށް ފަހު ވެސް އިސްރާއީލުން ދިޔައީ އެއާ އިދިކީލި ކަންތައްތައް ކުރަމުންނެވެ. އެ ގޮތުން ކޮންމެ ދުވަހަކުހެން ޣައްޒާއަށް ހަމަލާތައް ދެމުންދިޔައެވެ. އަދި އިމާރާތްތައް ހަލާކުވެ، އެ ތަންތަން އެއީ ރައްކާތެރި ތަންތަން ނޫން ކަމަށް ބެލެވިފައިވާ ނަމަވެސް، ޣައްޒާއަށް މޮބައިލް ގެތައް ވެއްދުން ހުއްޓުވިއެވެ. ދެން މި މަހުގެ ދެވަނަ ދުވަހު ޣައްޒާއަށް އިންސާނީ އެހީ ވެއްދުން އެއްކޮށް ހުއްޓުވައިލިއެވެ.
ސުލްހައިގެ މުއާހަދާ ތިން މަރުހަލާއަކަށް ބަހާލައިފައި އޮތެވެ. މި މަހު ކުރީކޮޅު މުއްދަތު ހަމަވި ނުވަތަ އެކްސްޕަޔާވި ފުރަތަމަ ފޭސްގެ ދަށުން އިސްރާއީލުގެ 30 އަސީރުން މިނިވަންކުރުމާއި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އެތައް ސަތޭކަ ގައިދީން މިނިވަންކުރި މަންޒަރު ފެނުނެވެ. ނަމަވެސް ޣައްޒާ ހަނގުރާމަ ދާއިމީކޮށް ހުއްޓައިލުމަށް ކަނޑައަޅައިފައިވާ ދެވަނަ ފޭސް ތަންފީޒުކުރަން އިސްރާއީލުން ދެކޮޅުހެދިއެވެ.
ތިން ވަނަ ފޭސްގައި އޮތީ ޣައްޒާ އާރާސްތުކުރާ ގޮތަށެވެ. ނަމަވެސް ޓްރަމްޕާއި ނަތަންޔާހޫ ބުނަމުން ދިޔައީ އަދިވެސް ފުރަތަމަ ފޭސް ކުރިއަށްގެންދާނީ ކަމަށެވެ. މިއާ ވިދިގެން ހަމާސްއިން ބުނީ އެ ގްރޫޕުން އިހުތިރާމް ކުރާނީ ބައިނަލްއަގުވާމީ ގޮތުން ގާއިމުކޮށްފައިވާ ޣައްޒާ ހަނގުރާމަ ހުއްޓާލާ މުއާހަދާގައިވާ ކަންތައްތަކަށް ކަމަށެވެ.
ޣައްޒާ ހަނގުރާމަ ހުއްޓުވައިލުމަށް ގާއިމުކުރި ސުލްހައިގެ މުއާހަދާގެ ނާޖާއިޒު ފައިދާ ޓްރަމްޕް ނެންގެވި:
ރޫބްނާ ބުނީ ޓްރަމްޕް ބޭނުންވެ ވަޑައިގަތީ އިސްރާއީލުގެ އަސީރުން މިނިވަންކުރެވެންދެން އޮންނާނެ ހަމައެކަނި ވަގުތީ ސުލްހައެއް ކަމަށެވެ. އެއީ ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް އިސްރާއީލަށް އެއްވެސް ބާރެއް ނާޅުއްވާ ހާލުގައިވެސް މެއެވެ.
މި ދިޔަ މަހު ނަތަންޔާހޫއާ އެއްކޮށް މީޑިއާގެ ކުރިމަތީގައި ޓްރަމްޕް ވިދާޅުވީ "ޣައްޒާއަކީ އެމެރިކާގެ ތަނަކަށް ހަދަން ބޭނުން" ކަމަށާއި "މެދުއިރުމަތީގެ ރިވިއެރާ ރިސޯޓުތަކަކަށް ޣައްޒާ ހަދަން ބޭނުން" ކަމަށެވެ.
"ނަމަވެސް މި ކަމާ މުޅި ބައިނަލްއަގުވާމީ މުޖުތަމައުހެން ދެކޮޅު ހެދުމުން ޓްރަމްޕް ދެން މި ކުރެއްވި ކަމަކީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ކުރިއަށްވުރެ މާ ބިރުވެރި އަނިޔާވެރިކަމެއް ހިންގަން އިސްރާއީލަށް ތަރުހީބު ދެއްވުން،" ރޫބްނާ ބުންޏެވެ.
"އިސްރާއީލުން ޣައްޒާއަށް އަލުން ހަމަލާތައް ދޭން ފެށި ފަހުން ފަލަސްތީނުގެ އެތައް އާއްމު ރައްޔިތުން މި ވަނީ މަރުވެފައި. އޭގެ ތެރެގޭއި ކުޑަކުދިން ހިމެނޭ. މިއީ ޓްރަމްޕްގެ ތާއީދު ލިބިގެންކުރި ކަމެއް. އެއީ ޓްރަމްޕް ރިޔާސީ ހުވާ ކުރައްވައިފައި ދެއްވި ތަގުރީރުގައި ސުލްހައިގެ ތަރިކައެއް ދޫކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސްމެ،" ރޫބްނާ އިތުރަށް ބުންޏެވެ.
ކުއިންސީ އިންސްޓިޓިއުޓުގައި، ޒިންމާދާރު ގޮތެއްގައި ސަރުކާރު ހިންގުމުގެ ދާއިރާއިން ދިރާސާކުރާ އެނެލް ޝެލައިން ބުނީ "ޓްރަމްޕްގެ ބޭނުން ފުދުމަށް ފަހު ވެސް ޣައްޒާ-އިސްރާއީލު ސުލްހައިގެ މުއާހަދާ އިތުރު ހަފުތާތަކަށް ދެމިގެންދިޔުމާމެދު ހައިރާންވާ" ކަމަށެވެ.
"ޓްރަމްޕްގެ ބޭނުމަކަށްވެ ވަޑައިގަތީ ބައިޑެންއަށް ނުވި ކަމެއް ކުރެއްވުނުކަން ދެއްކެވުން. އޭނާ މި ވަނީ (އެމެރިކާގެ ރިޔާސީ ގަނޑުވަރު) ވައިޓް ހައުސަށް ވެންނެވުމުގެ ކުރިން ވެސް މި އަމާޒަށް ވާސިލުވެ ވަޑައިގަތްފައި،" ޝެލައިން ބުންޏެވެ.
"ޣައްޒާ-އިސްރާއީލު ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުން ތަންފީޒު ކުރިއިރު ވެސް އެ މުއާހަދާ ދެވަނަ ފޭސްއާ ހަމައަށް ދާނެ ކަމާމެދު ވެސް އެތައް ބަޔަކު ތިބީ ޝައްކެއްގައި. ސަބަބަކީ މި ކަން ގުޅެނީ އިސްރާއީލުން ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމާ. މިއީ އިސްރާއީލުން، އަދި ވަކިން ހާއްސަކޮށް ނަތަންޔާހޫ ވެސް އެއްބަސްވާން ޝައުގުވެރިކަމެއް ނެތް ކަމެއް،" ޝެލައިން އިތުރަށް ބުންޏެވެ.
އެމެރިކާގެ ތިންކް ޓޭންކެއް ކަމަށްވާ ސެންޓާ ފޮ އިންޓަނޭޝަނަލް ޕޮލިސީ (ސީ.އައި.ޕީ)އިން ބުނީ ސުލްހައިގެ މުއާހަދާގެ ވެއްޓުމުގައި ޓްރަމްޕްގެ "ބޮޑު ޒިންމާއެއްވާ" ކަމަށެވެ.
"އަސީރުން މިނިވަންކޮށް، ސުލްހަ ގާއިމުކުރަން ޓްރަމްޕްގެ ޓީމުން ކާމިޔާބު ކަމާއެކު ބައިޑެން ސަރުކާރާ އެކު ކުރިން މަސައްކަތް ކުރިއަސް، ޓްރަމްޕަށް މިހާރު ކުރިމަތިވެ ވަޑައިގަތްފައިވާ އޭނާގެ މި ޑިޕްލޮމެޓިކް (ބައިނަލްއަގުވާމީ ސިޔާސަތު) ބޮޑު ފޭލިވުމަކީ އޭނާ ކުރިއަށް ގެންދިޔަ ލަދުވެތި ހަމަނުޖެހޭ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވި ނަތީޖާއެއް،" ސީ.އައި.ޕީގައި، ސަރުކާރު ހިންގުމާ ބެހޭ ދިރާސާ ކުރާ، އެ ޖަމިއްޔާގެ ނައިބު ރައީސް ޑިލަން ވިލިއަމްސް ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޓްރަމްޕަކީ "ދެއްކުންތެރިއެއް":
ވިލިއަމްސް ބުނީ ޣައްޒާއިން ފަލަސްތީނު ރައްޔިތުން ގަދަކަމުން ބޭރުކޮށްލުމަކީ "ޓްރަމްޕްގެ ލަދުހަޔާތެއް ނެތް ހުށަހެޅުމެއް" ކަމަށެވެ. އަދި ސުލްހައިގެ މުއާހަދާ "އަލުންބަލުން ލިޔަން" ނަތަންޔާހޫ ހުށަހެޅި ހުށަހެޅުމަށް ޓްރަމްޕް ތާއީދުކުރި ކުރުމަކީ "ޣައްޒާގައި މިހާރު ކުރިއަށްދާ ލޭއޮހޮރުވުމުގެ ފުރިހަމަ ބައިވެރިއަކަށް ޓްރަމްޕް ވެފައިވާ"ކަން ދޭހަވާ ކަމެއް ކަމަށެވެ.
ޣައްޒާގެ އާއްމު ރައްޔިތުން މިހާރު ގިނަ އަދަދަކަށް ޝަހީދުކޮށްލަމުންދާ އިރު ވެސް އިސްރާއީލަށާއި އިސްރާއީލުގެ އަސްކަރީ ހަރަކާތްތަކަށް ދެގޮއްނުވާ ތާއީދު އޮތްކަން ޓްރަމްޕް ވަނީ ހާމަކުރައްވައިފައެވެ.
އެމެރިކާގެ ސިޔާސީ ޖަމިއްޔާއެއް ކަމަށްވާ ޑިމޮކްރެޓިކް ސޯޝަލިސްޓްސް އޮފް އެމެރިކާގެ، ފަލަސްތީނު ނަސްލުގެ އެމެރިކާގެ ލިޔުންތެރިޔާ އަދި އެ ޖަމިއްޔާގެ ކަންތައްތައް ރައިވައި ހިންގުމުގައި މަސައްކަތްކުރާ ވައި.އެލް އަލް-ޝައިހު ޓްރަމްޕް ސިފަ ކުރީ "ދެއްކުންތެރިއެއް"ގެ ގޮތަށެވެ. އެ ގޮތުން ޓްރަމްޕް ބޭނުންވެ ވަޑައިގަންނަވަނީ "ފޮނިކަނޑާނެ ބޮޑު ކަމެއް ކުރައްވަން" ކަމަށެވެ.
"ޣައްޒާ ހަނގުރާމަ ނަތަންޔާހޫ ލައްވާ ދާއިމީކޮށް ހުއްޓުވައިލުމަށާއި ބާކީ ތިބި ޔަހޫދީ އަސީރުން ހަމާސް ލައްވާ ދޫކޮށްލަން ވެސް ޓްރަމްޕް މި ވަނީ ނުކުޅެދިފައި. އެހެންވީމާ އޭނާ ބޭނުންވެ ވަޑައިގަންނަވަނީ ކޮންމެވެސް ބަޔަކަށް ކެނޑިނޭޅި ހަމަލާ ދޭން. އެ ގޮތުން ފަލަސްތީނު ރައްޔިތުންނަކީ ފަސޭހަ އަމާޒުފަތްގަނޑެއް،" އަލް-ޝައިހު ބުންޏެވެ.
އެހެންކަމުން، ދެން ވާނީ ކިހިނެތް؟
ސިޔާސީ ކަންތައްތައް ދިރާސާކުރާ ފަރާތްތަކުން ދެކެނީ އިސްރާއީލުން ޣައްޒާއަށް މިހާރު ދެމުންދާ ހަމަލާތައް އަދިވެސް އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ. ނަތީޖާއަކަށްވާނީ އިތުރަށް އެތައް ފަލަސްތީނު ރައްޔިތުން ޝަހީދުވުމެވެ. އަދި ފަލަސްތީނުގެ ތިމާވެށްޓާއި ބިނާވެށި ވެސް ސުންނާފަތިވަމުންދިއުމެވެ. އިސްރާއީލުން މިހާރު ޣައްޒާއަށް ދޭން ފަށައިފައިވާ ހަމަލާތަކަކީ ޖެނޮސައިޑެއް ނުވަތަ ނަސްލެއް ނައްތައިލުމަށް ހިންގާ އަސްކަރީ ކެމްޕޭނެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި އަދި ޚުދު އދ.އިން ވެސް ވަނީ ސިފަކޮށްފައެވެ.
"މަރައިލައިގެން ނުވަތަ ނަސްލު ނައްތައިލައިގެން ނުވަތަ ގަދަކަމުން ބިމުން ބޭރުކޮށްލައިގެން ނަމަވެސް ޣައްޒާއިން ފަލަސްތީނު ރައްޔިތުން ބޭރުކޮށްލުމުގައި ޓްރަމްޕާއި ނަތަންޔާހޫގެ ހިޔާލު އެއްގޮތް،" ޝެލައިން ބުންޏެވެ.
އަލް-ޝައިހު ވެސް ބުނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގާ އަނިޔާވެރިކަން ކުރިއަށްގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"ނަތަންޔާހޫއަށް އޭނާގެ ސަރުކާރު ނެގެހެއްޓުން ފޭލިވުމުން ނޫނީ ޓްރަމްޕަށް މި ކަމުން ފޫހިކަން ލިބެންދެން އެ ދެ މީހުން ދާނީ މިހާރު އެ ދެ މީހުން އެ އިށީނދެގެން އިން އެނބުރޭ އުނދޯލީގައި ކުރިއަށް،" އަލް-ޝައިހު ބުންޏެވެ.



advertisment