އިރާގާއި ސީރިއާގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައި.އެސް)ގެ އިސް ލީޑަރެއް ކަމަށްވާ އަބްދުﷲ މައްކީ މުސްލިހް އަލް-ރިފާއީ ނުވަތަ އަބޫ ހަދީޖާ މަރައިލީ "އެމެރިކާގެ ބިރުކުޑަ ސިފައިން" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
"އަހަރެމެންގެ ބިރުކުޑަ ސިފައިން ކެނޑިނޭޅި އޭނާ ޝިކާރަ ކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔަ. އޭނާގެ ކަމީނާ ހަޔާތް ނިމުމަކަށް ގެނެވުނީ އިރާގު ސަރުކާރާއި ކުރުދީންގެ ސަރަހައްދީ ސަރުކާރާ ވެސް ވިލަރެސްކޮށްގެން،" ޓްރަމްޕްގެ ޓްރުތު ސޯޝަލް ޕްލެޓްފޯމްގައި އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ އަބޫ ހަދީޖާ މަރައިލުމަށް ދިން ވައިގެ ހަމަލާގައި އައި.އެސްގެ އެހެން މެންބަރެއް ވެސް މަރައިލެވުނު ކަމަށެވެ. އަދި "ސުލްހަ ގެނައުމަށް ބާރު"ގެ ބޭނުން ކުރުމުގެ ޝިއާރެއް ވެސް ޓްރަމްޕް ފާޅުކުރެއްވިއެވެ.
އަބޫ ހަދީޖާ ބުރާސްފަތި ދުވަހު މަރައިލައިފައިވަނީ އެމެރިކާ އާއި އެމެރިކާގެ ރަހްމަތްތެރި ގައުމުތަކުގެ ފައުޖުތަކާއި އިރާގުގެ ޖާސޫސީ އިދާރާއިން ގުޅިގެން ކަމަށް އެމެރިކާ އާއި އިރާގުން ބުންޏެވެ.

އިރާގުގެ ބޮޑު ވަޒީރު މުހައްމަދު ޝިއާ އަލް-ސޫދާނީ ވިދާޅުވީ އަބޫ ހަދީޖާއަކީ "އިރާގާއި މުޅި ދުނިޔޭގައި ވެސް އެންމެ ނުރައްކާތެރި އެއް ޓެރަރިސްޓް" ކަމަށެވެ.
އެމެރިކާ ސިފައިންގެ ކަންތައްތައް ބަލަހައްޓާ ޔޫ.އެސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް)އިން ބުނީ އަބޫ ހަދީޖާ މަރައިލުމަށް އިރާގުގެ ހުޅަނގުގައި އޮންނަ އަލް އަންބަރު ޕްރޮވިންސްގައި އަބޫ ހަދީޖާ ހުރި ތަނަށް "ސީދާ ވައިގެ ހަމަލާއެއް" ނުވަތަ "ޕްރިސިޝަން އެއާސްޓްރައިކެ"އް ދިން ކަމަށެވެ.
އަބޫ ހަދީޖާއަކީ އައި.އެސްގައި ނިންމުންތައް ނިންމުމުގެ އިދާރާގެ އެންމެ އިސް ވެރިޔާއެވެ. އަދި އައި.އެސްއިން ދުނިޔޭގެ ފެންވަރުގައި ހިންގާ އޮޕަރޭޝަންތަކާއި ލޮޖިސްޓިކްސް އާއި ރޭވުންތަކުގެ ޒިންމާ ނެގި މީހާއެވެ. މީގެ އިތުރުން އައި.އެސްއަށް ހޯދާ ފައިސާގެ އެންމެ ބޮޑު ބައި ހޯދުމުގައި އިސް ރޯލެއް ކުޅުނު މީހާއަކީ ވެސް އަބޫ ހަދީޖާ ކަމަށް ސެންޓްކޮމުން ބުންޏެވެ.
"އަބޫ ހަދީޖާގެ ހަށިގަނޑުގެ ކައިރީގައި އައި.އެސްގެ އެހެން މެންބަރެއްގެ ހަށިގަނޑު ވެސް އޮތް. ދެ ޓެރަރިސްޓުން ވެސް ލައިގެން ތިބީ އަމިއްލައަށް މަރުވުމަށް ބޮން ހަރުކޮށްފައިވާ ހެދުންތަކެއް. އަދި ދެ މީހުންގެ އަތުގައި ބައިވަރު ހަތިޔާރު އޮތް،" އެ ތަނުން ބުންޏެވެ.
މަރުވީ އަބޫ ހަދީޖާ ކަމަށް ސެންޓްކޮމާއި އިރާގު ސިފައިންނަށް ކަށަވަރު ކުރެވުނީ އޭނާ ކުރިން ސަލާމަތްވި ރެއިޑެއް ޖެހި ތަނަކުން ލިބުނު ޑީ.އެން.އޭ ހެކިން ކަމަށް ސެންޓްކޮމުން ބުންޏެވެ.
އެމެރިކާ ސިފައިންގެ ޖެނެރަލެއް ކަމަށްވާ އެރިކް ކުރިލާ ބުނީ އަބޫ ހަދީޖާއަކީ އައި.އެސްއިން ދުނިޔޭގެ ފެންވަރުގައި ހިންގާ ހަރަކާތްތަކުގެ އެންމެ މުހިންމު އެއް މެންބަރު ކަމަށެވެ.
"މި ސަރަހައްދާއި މި ސަރަހައްދުން ބޭރުގައި ވެސް އަހަރެމެންގެ ބިމާއި އެމެރިކާ އާއި އަހަރެމެންގެ ރަހްމަތްތެރި ގައުމުތަކާއި އަދި އަހަރެމެންނާ ބައިވެރިވާ ގައުމުތަކަށް ބިރު ދައްކާ ޓެރަރިސްޓުން މަރައިލަމުން އަދި އެ މީހުންގެ ޖަމާއަތްތައް ނައްތައިލަމުން އަހަރެމެން ކުރިއަށްދާނަން،" އޭނާ ބުންޏެވެ.



advertisment