Support Us

ސައުރަބް ޝަރްމާ އަދި އޭނާގެ އަތުން އަތުލައިގަތްފައިވާ ނަގުދު ފައިސާ

ސައުރަބް ޝަރްމާ: އިންޑިއާގެ ސިޔާސީ ކޮރަޕްޝަނާ ޓްރެފިކް ފުލުހެއްގެ ގޮތްނޭނގޭ ގުޅުން

އިންޑިއާގެ މަދްޔަ ޕްރަދޭޝް ސްޓޭޓްގެ ސަރަހައްދީ ޓްރާންސްޕޯޓް އޮފީސް ނުވަތަ ރީޖަނަލް ޓްރާންސްޕޯޓް އޮފީސް (އާރް.ޓީ.އޯ)ގެ ޓްރެފިކް ފުލުހެއްގެ ގޮތުގައި ކޮންސްޓަބްލްއެއްގެ މަގާމުގައި މަސައްކަތްކުރި ސައުރަބް ޝަރްމާ ކުރު މުއްދަތެއްގެ ތެރޭގައި މަހުޖަނަކަށްވުމުން ލޮކަޔުކްތާ ފުލުހުންނާއި އެންފޯސްމަންޓް ޑިރެކްޓޮރޭޓް (އީ.ޑީ)އިން ތަހުގީގު ކުރަން ފެށިއެވެ. މި މައްސަލަ މިހާރުވެފައިވަނީ ވެރިކަންކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ) އާއި އިދިކޮޅު ކޮންގްރެސް ޕާޓީގެ ކޯޅުމަކަށެވެ. ކޮންގްރެސް ޕާޓީން ތުހުމަތުކުރަނީ ބީ.ޖޭ.ޕީން ސައުރަބު ދިފާއުކުރަން އުޅޭ ކަމަށެވެ.

ސައުރަބް މި މުއްސަނދިކަން ހޯދި ގޮތެއް އަދިވެސް ތަހުގީގު ކުރަމުން އަންނަ އިރު ސައުރަބްގެ މިލްކިއްޔާތުގައި 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ހުރިކަން މިހާތަނަށް ވަނީ ހާމަވެފައެވެ. އޭގެ ތެރޭގައި 17 މިލިއަން ޑޮލަރު (261 މިލިއަން ރުފިޔާ)ގެ އަގުހުރި ގެއެއް އޭނާ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީން ގަނެފައިވާކަން ވެސް ދެނެގަނެވިފައިވެއެވެ.

މީގެ އިތުރުން ސައުރަބްގެ މިލްކްވެރިކަމުގައި މަދްޔަ ޕްރަދޭޝްގެ ބައިވަރު ބިންތަކާއި އާއްމު ވިޔަފާރިތަކާއި އަދި ވިޔަފާރިއަށް މަސް ގެންގުޅޭ "ދަނޑުތައް"ވެއެވެ.

ސައުރަބްގެ ގޮތްނޭނގޭ ކޮރަޕްޝަންގެ މުއާމަލާތްތައް މިހާރު އިންޑިއާގެ އިޖުތިމާއީ މައިދާނަށް އައި ތޫފާނެއް ފަދައިން މުޖުތަމައު ހަލަބޮލިކޮށްލައި، ސިޔާސީ މަސްރަހު ރަނގަޅަށް ކައްކައިލައިފިއެވެ. މީގެ ތެރެއިން ވެސް މިހާރު އެންމެ ބޮޑު މައްސަލައަކަށްވެފައިވަނީ އޭނާގެ ޑައިރީ ވީނުވީތަން ނޭނގޭތީއެވެ. ތުހުމަތު ކުރެވޭ ގޮތުގައި މި ޑައިރީގައިވާ އޭނާގެ ލިޔުންތަކުގައި ސައުރަބް ގުޅިފައިވާ ކޮރަޕްޓް ފަރާތްތަކުގެ ވިއުގައިގެ ބޮޑުކަމުގެ މައުލޫމާތުތައް ހިމެނެއެވެ.

ސައުރަބްގެ މައްސަލަ ފަޅާއެރީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެއީ ސިޓީއެއް ކަމަށްވާ ބޯޕާލްގެ ރަށްބޭރުގައި އޮންނަ މެންޑޯރީ ވިލެޖްގެ ކައުންސިލްގެ ކުރީގެ ރައީސަކަށް، ސްޕޯޓްސް ޔުޓިލިޓީ ވެހިކަލް (އެސް.ޔޫ.ވީ)އެއްގައި އާރް.ޓީ.އޯގެ ނަންބަރު ޕްލޭޓެއް ހަރުކޮށްފައިވާ ތަން ފެނިގެންނެވެ. ކާރުގެ ތެރޭގައި އެތައް ކޮތަޅެއްގެ ގޮތްނޭނގޭ އެއްޗެހިތަކެއް ހުރުމުން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެ ކަން އޭނާ ވަގުތުން ގެނައެވެ.

ފުލުހުންނާއި އާމްދަނީން ނަގާ ޓެކްސްއާ ބެހޭ އިދާރާ ނުވަތަ އިންކަމް ޓެކްސް (އައި.ޓީ) ޑިޕާޓްމަންޓްގެ އޮފިޝަލުން އައިސް ޗެކު ކުރިއިރު އެ ކާރުގެ ތެރެއިން މުޅިއެކު ބަރުދަނުގައި 52 ކިލޯ ހުރި ރަނާއި ރިއްސާއި ނަގުދު ފައިސާ ފެނުނެވެ. މި ތަކެތީގެ އަގު މުޅިއެކު 1.1 މިލިއަން ޑޮލަރު (16 މިލިއަން ރުފިޔާ)އަށް އަރައެވެ. ތުހުމަތު ކުރެވުނު ގޮތުގައި މި ކާރަކީ ސައުރަބްގެ އެހީތެރިއެއްގެ އުޅަނދެކެވެ. އަދި އެހާތަނުން މި ބޮޑު ކޮރަޕްޝަނާ ސައުރަބްގެ ގުޅުމެއްވާކަމަށް ތުހުމަތު ކުރެވުނެވެ.

ފުރަތަމަ މި ކާރަށް ރެއިޑް ޖެހުމަށް ފަހު ލޮކަޔުކްތާ އެންޑް އެންފޯސްމަންޓް ޑިރެކްޓޮރޭޓް (އީ.ޑީ)އިން ވަނީ ސައުރަބްގެ ޖިނާއީ ކޮރަޕްޝަންތަކުގެ "ހިލާފަތް" ފަޅާއަރުވައިލައިފައެވެ.

އެ ގޮތުން ހާމަވި ގޮތުގައި ސައުރަބް ވަނީ އޭނާގެ ކުންފުންޏެއް ކަމަށްވާ އެވައިރަލް ބިލްޑިން އެންޑް ކޮންސްޓްރަކްޝަނުން އޭނާގެ އާއިލާގެ ނަމުގައި ބިންތަކެއް ގަނެފައެވެ. މި ބިންތަކުގެ އަގު ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ)އަށް އަރައެވެ.

ތަހުގީގުތައް ކުރިއަށް ގެންދިޔަ އިރު އެނގުނީ ސައުރަބްގެ އަނބިމީހާ އާއި މަންމަ އާއި އެހެނިހެން ބައިވެރިންގެ ނަމުގައި އެތައް ވިޔަފާރިތަކެއް ރަޖިސްޓްރީކޮށްފައިވާ ކަމެވެ. މީގެ ތެރޭގައި އެވައިރަލް ކުންފުނި ހިމެނެއެވެ. އެ ތަނުގެ ޑިރެކްޓަރުންނަކީ ސައުރަބްގެ އެހީތެރިން ކަމަށްވާ ޗީޓަން ސިންގް ގައުރު އަދި ޝަރަދު ޖައިސްވަލްއެވެ. މީގެ އިތުރުން ބޯޕާލްގައި ޖައިޕޫރިއާ ސްކޫލްގެ ނަމުގައި މަދަރުސާއެއް އަޅަން ނިންމައިފައިވާކަން ހާމަވިއެވެ. މި ސްކޫލްގެ ޗެއާޕާސަންގެ ގޮތުގައި ސައުރަބްގެ އަނބިމީހާ ހަމަޖައްސައިފައިވާއިރު ޑިރެކްޓަރަކަށް ހަމަޖައްސައިފައިވަނީ ސައުރަބްގެ މަންމައެވެ.

އީ.ޑީއިން ފަހުން ހާމަކުރި ގޮތުގައި ގައުރުގެ ނަމުގައި 690،064 ޑޮލަރު (ދިހަ މިލިއަން ރުފިޔާ) ފިކްސްޑް ޑިޕޮޒިޓްގެ ގޮތުގައި ހަމަޖައްސައިފައިވެއެވެ. އަދި ސައުރަބްގެ އާއިލާ އާއި ވިޔަފާރިތަކާ ބޭންކް ބެލެންސްތައް 460،042 ޑޮލަރު (ހަތް މިލިއަން ރުފިޔާ)އަށް އަރާކަމަށް ދެއްކިއެވެ.

ސައުރަބްގެ ޑައިރީއަށް ވީ ގޮތެއް ނޭނގޭ ކަމަށް ބުނަމުން ކޮންގްރެސް ޕާޓީގެ ލީޑަރު ޖީތެންދްރާ ޕަތުވާރީ ތުހުމަތުކުރީ ބީ.ޖޭ.ޕީން ކޮރަޕްޓް އޮފިޝަލުންނަށް ހިމާޔަތް ދޭ ކަމަށެވެ. ބީ.ޖޭ.ޕީންވަނީ އެ ކަމާ ދެކޮޅު ހަދައި، ޑައިރީގެ ވާހަކައަކީ ޖީތެންދްރާގެ އަމިއްލަ ހިޔާލަކަށް އައިސްގެން އުޅޭ އެއްޗެއް ކަމަށް ބުނެފައެވެ.

ޓްރެފިކް ފުލުހުންގެ ވަޒީފާއިން ސައުރަބް ކެނޑުނީ އަމިއްލައަށެވެ. އެއީ 2023 ގެ ޑިސެމްބަރު މަހުއެވެ.

ކޮރަޕްޝަން ހުއްޓުވާ ގާނޫނު ކަމަށްވާ ޕްރިވެންޝަން އޮފް ކޮރަޕްޝަން އެކްޓް އާއި މަނީ ލޯންޑަރިން ހުއްޓުވައި ގާނޫނު ކަމަށްވާ ޕްރިވެންޝަން އޮފް މަނީ ލޯންޑަރިން އެކްޓް (ޕީ.އެމް.އެލް.އޭ)ގެ ދަށުން ލޮކަޔުކްތާ އާއި އީޑީން ވަނީ ސައުރަބާ ދެކޮޅަށް އެތައް ޖިނާއީ ދައުވާއެއް އުފުލައިފައެވެ. އީޑީން ޖެހި ރެއިޑްތަކުގައި ބޯޕާލްގެ އިތުރުން ގުވަލިއޯރު ސިޓީ އަދި ޖަބަލްޕޫރު ސިޓީން ވަނީ ސައުރަބު ޓްރެފިކް ފުލުހެއްގެ ވަޒީފާގައި އުޅުނުއިރު އޭނާ ގަވައިދާ ހިލާފަށް އެއްކޮށްފައިވާ މިލްކިއްޔާތަށް ހެކި ދޭ އަރަނިތަކާއި ލިޔެކިޔުންތައް ލިބިފައެވެ. އަދި ތަހުގީގު ފުންވަމުން އަންނަ އިރު ސައުރަބްގެ އަތުގައި ބާކީ ހުރި އަރަނިތަކަށާއި އޭނާގެ ކޮރަޕްޝަން ކުށްތަކުގައި ބައިވެރިވާ މީހުންނަށް ދޭ ސަމާލުކަން ވަނީ ކަމާ ބެހޭ އިދާރާތަކުން އިތުރު ކުރަން ފަށައިފައެވެ.

މި ކޭސް ސިޔާސީ ޕާޓީތަކުން ބޭނުން ހިފާނީ މަދްޔަ ޕްރަދޭޝްގެ ސްޓޭޓް ސަރުކާރުގެ ހިންގާ ގޮތް އިތުރަށް މޮނީޓާކޮށް، ބާއްވާ އިންތިހާބުތަކުން ފައިދާ ހޯދަން ކަމަށް ބެލެވެއެވެ.

ފިލައިގެން އުޅުމަށް ފަހު ސައުރަބް މިހާރު ވަނީ ގޮތް ހުސްވެގެން ބޯޕާލްގައި ހުންނަ ހާއްސަ ލޮކަޔުކްތާ ކޯޓަށް ސަރެންޑާ އެޕްލިކޭޝަނެއް ނުވަތަ އަމާންދިންކަމުގެ ފޯމެއް ހުށަހަޅައިފައެވެ. މިހެން ހެދުމުން އޭނާގެ މިލްކިއްޔާތާ ކޯޓުން ހަވާލުވެ، އޭނާ ވަނީ ޖުޑިޝަލް ކަސްޓަޑީއަށް ނުވަތަ ކޯޓުގެ ބެލުމުގެ ދަށުގައި ހުންނަ ޖަލެއްގައި ހައްޔަރުކޮށްފައެވެ. އަދި ސައުރަބްގެ އިތުރުން ޗީޓަން އާއި ޝަރަދު ވެސް ވަނީ މިހާރު ޖުޑިޝަލް ކަސްޓަޑީގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް