އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި މީޑިއާގެ ކުރިމަތީގައި ހުކުރު ދުވަހު ލައިވްކޮށް ހިނގި ޒުވާބަށް ފަހު ވެސް އެމެރިކާއަށް މައުދަން ވިއްކާ މުއާހަދާއަށް ތައްޔާރު ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
އޭނާ އެމެރިކާއަށް ވަޑައިގަތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނައިބު ރައީސް ޖޭ.ޑީ ވާންސްއާ މަޝްވަރާ ކުރެއްވުމަށް ފަހު އެ ދުވަހުން ދުވަހަށް އެ މުއާހަދާގައި ސޮއި ކުރެއްވުމަށެވެ. ނަމަވެސް ތިން ބޭފުޅުންގެ މެދުގައި ދުނިޔޭގެ ކުރިމަތީގައި ލައިވްކޮށް ހޫނު ޒުވާބެއް ހިނގުމަށް ފަހު ޒެލެންސްކީ އެނބުރި ޔޫރަޕަށް ވަޑައިގަތީ ހުސްއަތާއެވެ.
"ރަޝިއާއާއެކު ކުރަމުންދާ ހަނގުރާމާގައި ވޭތުވެދިޔަ ތިން އަހަރު ޓްރަމްޕާއި އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ކޮންގްރެސްއިން ޔޫކްރެއިނަށް ތާއީދުކުރާތީ ޝުކުރުވެރިވަން،" ތިން ބޭފުޅުންގެ މެދުގައި ހިނގި ޒުވާބުގެ ވާހަކަ ނުދައްކަވާ ޒެލެންސްކީ އެކްސްގައި އިއްޔެ ލިޔުއްވިއެވެ.
އޭނާ ވިދާޅުވީ މި މުއާހަދާއަކުން ހަމައެކަނި ނުފުދޭ ކަމަށާއި ޔޫކްރެއިންގެ ސަލާމަތްތެރިކަން ކަށަވަރު ނުކޮށް ރަޝިއާއާއެކު ސުލްހަ ގާއިމު ކުރުމަކީ ޔޫކްރެއިނަށް އޮތް ނުރައްކަލެއް ކަމަށާއި އެމެރިކާ އަދިވެސް އޮތީ ޔޫކްރެއިނާއެކުކަން ޔޫކްރެއިން ރައްޔިތުންނަށް އެމެރިކާއިން އެންގުމަކީ މުހިންމު ކަމެއް ކަމަށެވެ.
"އަޅުގަނޑު ބޭނުންވަނީ އެމެރިކާއިން މިހާރަށް ވުރެ ވެސް ވަރުގަދަކޮށް ޔޫކްރެއިނާއެކު ހުރުން. ދެ ގައުމުގެ ދެމެދުގައި އޮތީ ތާރީހީ ގުޅުމެއް. އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތީ ނުގުޑާ ފަދަ ގުޅުމެއް. މި ގުޅުމަކީ ޓްރަމްޕާއި އަދި އަޅުގަނޑަށް ވުރެ ވެސް ދުރަށް ދެމިފައިވާ ގުޅުމެއް،" ޒެލެންސްކީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރަޝިއާގެ ރައީސް ވްލަޑިމިއަ ޕުޓިންއާއެކު މަޝްވަރާތައް ބާއްވަން އެމެރިކާއިން ބޭނުންވެދާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް ޒެލެންސްކީ އެތައް ފަހަރަކު އެކްސްގައި ވިދާޅުވެފައިވަނީ ރަޝިއާއަކީ ދުޝްމިނެއް ކަމަށާއި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވަޑައިގަންނަވަން ޕުޓިންއަށް އިތުބާރެއް ނުކުރެވޭނެ ކަމަށެވެ.
ޒެލެންސްކީ އިއްޔެ މި ގޮތަށް ޓްވީޓް ކުރެއްވީ ޓްރަމްޕާއި ވާންސްއާއެކު ހިނގި ހޫނުގަދަ ޒުވާބަށް ފަހު ވެސް ތާއީދު އޮތީ ޒެލެންސްކީއަށް ކަމަށް އެތައް ގައުމެއްގެ ލީޑަރުން ފާޅުކުރިތާ އެއް ދުވަސް ފަހުންނެވެ. އެ ގޮތުން ތާއީދު އޮތީ އަދިވެސް ޔޫކްރެއިނަށް ކަމަށް ވިދާޅުވި ދުނިޔޭގެ ވެރިންގެ ތެރޭގައި ޖަރުމަނުގެ ޗާންސެލަރު އޮލަފް ޝުލްޒް، ސްވިޑްންގެ ބޮޑު ވަޒީރު އުލްފް ކްރިސްޓަސަން، ޔޫރަޕް އިއްތިހާދު ޕާލަމަންޓްގެ ރައީސް ރުބާޓާ މެޓްސޯލް އަދި ޔޫރަޕް ކޮމިޝަންގެ ރައީސް އާސިއުލާ ވޮން ޑަ ލެޔެން ހިމެނިވަޑައިގަތެވެ.
ޓްރަމްޕް ވިދާޅުވެފައިވަނީ ރަޝިއާއާ ޔޫކްރެއިނާ ދެމެދު ހިނގަމުންދާ ތިން އަހަރުވީ ހަނގުރާމައިގައި އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ އަސްކަރީ އެހީ ފޫބައްދަން ޔޫކްރެއިނުން އެމެރިކާއަށް މައުދަން ވިއްކަން ޖެހޭނެ ކަމަށެވެ. ޒެލެންސްކީ ވިދާޅުވެފައިވަނީ މި ފަދަ މުއާހަދާއެއްގައި ޔޫކްރެއިންގެ ސަލާމަތްތެރިކަން އިތުރުކުރަން އެއްބަސްވާ ނުކުތާއެއް އެކުލެވެން ޖެހޭނެ ކަމަށެވެ. ޖަވާބުގައި ޓްރަމްޕް ވިދާޅުވެފައިވަނީ އެއީ ފަހުން ހަމަޖެއްސިދާނެ ކަމެއް ކަމަށެވެ.
އެންމެ ފުރަތަމައިނުން ޓްރަމްޕް ހުށަހެޅުއްވީ ޔޫކްރެއިނާއެކު ގާއިމުކުރެވިދާނެ އެމެރިކާއަށް މައުދަން ވިއްކާ އެއްބަސްވުމެއްގެ ދަށުން އެމެރިކާއަށް 500 ބިލިއަން ޑޮލަރު (7،700 ބިލިއަން ރުފިޔާ) ޔޫކްރެއިނުން ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް މި ހުށަހެޅުމާ ޒެލެންސްކީ ވަނީ ދެކޮޅު ހައްދަވައިފައެވެ. މިއާ ވިދިގެން ޓްރަމްޕް ވަނީ ޒެލެންސްކީއަކީ "ޑިކްޓޭޓަރެ"އް ނުވަތަ ހުދުމުހުތާރު ވެރިއެއް ކަމަށް ސިފަކުރައްވައިފައެވެ. އެއަށް ފަހު ދެ ބޭފުޅުންގެ ދެމެދުގައި ވަނީ ހޫނު ބަސްތަކެއް ބަދަލުކުރައްވައިފައެވެ.
ޔޫކްރެއިންގެ ތިމާވެށި ރައްކާތެރިކުރާ އަދި ގުދުރަތީ ވަސީލަތްތައް ބަލަހައްޓާ ވުޒާރާއިން ބުނެފައިވަނީ މައުދަންތަކުގެ ތެރެއިން ޔޫރަޕްގެ އެންމެ ފެންވަރު ރަނގަޅު ގްރެފައިޓް، ލިތިއަމް، ޓައިޓޭނިއަމް އަދި ޔުރޭނިއަމް ހުރީ ޔޫކްރެއިންގައި ކަމަށެވެ. މިއީ ބެޓެރި، ހަތިޔާރު، ދިފާއީ އާލާތްތައް އަދި ނިއުކްލިއަ ތެޔޮ އުފައްދަން ބޭނުންކުރާ މައުދަންތަކެވެ. މި މައުދަންތައް ޔޫކްރެއިން އަތުން ހޯދާ ކަމަށް ވަނީ ނަމަ އެމެރިކާގެ ވާދަވެރި ދެ ގައުމު ކަމަށްވާ ރަޝިއާ އާއި ޗައިނާގެ އަތުން އެމެރިކާއަށް މި މައުދަންތައް ގަންނަ މިންވަރު ކުޑަކުރެވިދާނެއެވެ.



advertisment