އަހަރެންގެ ނަމަކީ ނެލާއެވެ. އަހަރެންގެ ފިރިމީހާ އެރިކްއާ ކައިވެނިކޮށްގެން އުޅޭތާ 12 އަހަރު ފަހުން އޭނާ އަހަރެންގެ ގާތުގައި ބުނީ ސިއްސައިގެން ދާ ކަހަލަ ވާހަކައެކެވެ.
"އަހަރެން ކަންތައްތަކާ ވިސްނައިލަން 10 ދުވަސް ބޭނުމެވެ. މިއީ ނެލާއާ ގުޅޭ ކަމެއް ނޫނެވެ. އަހަރެންގެ ސިކުނޑި ސާފުކޮށްލަން ހަމަ ބޭނުންވީއެވެ،" އެރިކް ބުންޏެވެ.
އަހަރެމެންގެ ޒަވާޖީ ހަޔާތުގައި އެންމެ ވިސްނުންތެރި މީހަކީ އެރިކްއެވެ. މިހެންވެ ދަބަހަކަށް އެއްޗެހި އަޅައިގެން ކާރުގައި 10 ދުވަހު ނިދާނެ ކަމަށް ބުނުމުން އަހަރެންނަށް ހާސްކަން ލިބުނެވެ. މާޔޫސްވިއެވެ.
އަހަރެންގެ ވިސްނުމަށް އައީ ސިކުނޑިއަށް އުނދަގޫ ކުރާ ކަހަލަ ސުވާލުތަކެކެވެ. އެރިކް އަހަރެންނަށް ބޭވަފާތެރިވަނީ ހެއްޔެވެ؟ މިއީ އެރިކް އަހަރެން ދޫކޮށްލަން ރާވައިފައިވާ ގޮތް ހެއްޔެވެ؟

ގޭގައި މެހެމާނުން ތިބޭ ކޮޓަރީގައި ނިދަން ވީ ނޫން ހެއްޔޭ ބުނުމުން އެރިކް ބުނީ މިއީ އަހަރެމެން ދެ މީހުންނާ ގުޅޭ ކަމެއް ނޫން ކަމަށާއި ނަމަވެސް އޭނާއަށް ވަރަށް މުހިންމު ވެގެން ކުރާ ކަމެއް ކަމަށެވެ.
އެ 10 ދުވަހު ރޭގަނޑުގެ ކެއުން ކައިގެން ގެއިން ނުކުތުމަށް ފަހު އެރިކް އެނބުރި ގެއަށް އަންނަނީ އިރު އެރުމުގެ ތަންކޮޅެއް ކުރިންނެވެ.
އޭނާގެ އިސްތަށިގަނޑު ހުންނަނީ ހޭވިފައެވެ. ދެ ލޯ ވަޅުވަދެފައެވެ. އަދި ހަށިގަނޑުގެ ހަރަކާތްތައް ހުންނަނީ އެއް ގުނަން އަނެއް ގުނަނާ ގުޅުމެއް ނުވާ ކަހަލަ ގޮތަކަށެވެ.
ވެގެން އުޅޭ ގޮތެއް އަންގައިލުމަށް އަހަރެން އެދޭ ކޮންމެ ފަހަރަކު ވެސް ބުނަނީ ހަމަ އެއްކަލަހެންނެވެ: "ނެލާއެވެ. އަހަރެންނަށް ހަމަ ހުސް ވަގުތުކޮޅެއް ބޭނުންވަނީއެވެ. އަހަރެން ބޭވަފާތެރިއެއް ނުވަމެވެ. އެހެން އަންހެނަކު އަހަރެންގެ ހަޔާތަކަށް ނާދެއެވެ. ތިޔަ ހީކުރަނީ ކުށްހީއެކެވެ."

ނަމަވެސް އަހަރެންގެ ސިކުނޑިއަށް އަރަމުން ދިޔަ މަންޒަރަކީ ކޮންމެވެސް ހޮޓަލެއްގެ ކޮޓަރިއަށް އެހެން އަންހެނަކު ވައްދައިގެން އެރިކް އުޅޭ މަންޒަރެވެ.
އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ. ފަސް ވަނައަށް ވި ރޭ އަހަރެން ނިންމީ އެރިކްއަށް ފާރަލާށެވެ.
އެރިކް ކުރާ ކަމަކީ ޕާކެއް ކައިރިއަށް ދަނީއެވެ. ދެން ކާރު ނިއްވައިލައިފައި ބާލީހެއް ސީޓު މަތީގައި ބާއްވައިފައި އޭގައި ބޯ އަޅައިލައިގެން ރަޖާގަނޑު ގައި މަތީގައި އަޅައިގެން އޮންނަނީއެވެ. ކުރާ ކަމެއް އަހަރެންނަކަށް ނޭނގުނެވެ.
ދިހަ ވަނައަށް ވި ރޭ އަހަރެންނަށް ކެތެއް ނުކުރެވުނެވެ. ކޮންމެހެން ވެސް ކަންބަލާހިތްވިއެވެ.

އަހަރެން ގޮސް ކާރުގެ ދޮރުގައި ޓަކި ޖެހީމެވެ.
އެރިކް ދިޔައީ ސިއްސައިގެންނެވެ. އަދި އަވަސްއަވަހަށް ދޮރު ހުޅުވައިލައިފައި ކާރު ތެރެއަށް ވަނުމަށް އަހަރެންގެ ގާތުން އެދުނެވެ.
އަހަރެން ބުނީމެވެ: "އެރިކްއެވެ. މި ވަނީ ކިހިނެތް ހެއްޔެވެ؟ ތިޔަ އުޅެނީ ކޮން ގޮތަކަށް ހެއްޔެވެ؟ ތެދުތެދަށް ބުނާށެވެ. އެހެން އަންހެނަކާ ލޯބީގެ ގޮތުން ގުޅުނީ ހެއްޔެވެ؟ މި ތަނަށް ތިޔަ އަންނަނީ އެހެންވެ ހެއްޔެވެ؟ އަހަރެމެންގެ ދަރިންނަށް މި ކަން ފެނި ނުވަތަ އެނގިދާނެތީ ބިރުގަންނަނީ ހެއްޔެވެ؟"
އެރިކް ޖަވާބު ދިނެވެ: "އަހަރެން ބޭނުންވީ އަހަރެން މި ކުރާ ކަންތައް އެހަށް ނެލާއަށް ނާންގާށެވެ. އެއީ މި ވަގުތު ނެލާ ކަންބޮޑުވާން އަހަރެން ބޭނުން ނުވާތީއެވެ. އަހަރެން މި ކުރާ ކަމަކީ އަހަރެމެންގެ ދަރިންނަށް ރޭގަނޑު ނިންދަވަން ކިޔައިދޭ ކުޑަކުދިންގެ ވާހަކަތަކެއް އަހަރެންގެ އަޑުން ރެކޯޑު ކުރުމެވެ."

އަހަރެންނަށް ބުނެވުނެވެ: "ތިޔައީ އަހަރެން ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ހެއްޔެވެ؟"
އެރިކްގެ އަތް ތުރުތުރުއަޅަން ފެށިއެވެ. އަދި ހަގީގަތް ކިޔައިދޭން ފެށިއެވެ: "ނެލާއެވެ. މީގެ ހަފުތާތަކެއް ކުރިން އަހަރެން ޑޮކްޓަރަށް ދެއްކީމެވެ. އޭނާއަށް ފެނުނީ ޓިއުމާއެކެވެ. ދެން ބަޔޮޕްސީއެއް ހެދީއެވެ. ނަތީޖާ ލިބުނުއިރު އެނގުނީ އަހަރެންނަށް ކެންސަރު ޖެހިފައިވާ ކަމެވެ. އަދި މިހާރު ހުރީ ވަރަށް ނުރައްކާތެރި ހާލަތެއްގައެވެ."
އެރިކް އެހެން ބުނުމާއެކު އަހަރެންނަށް ހީވީ އަހަރެންގެ ފައިގެ ދަށުން ބިންގަނޑު ދެމިގަތްހެނެވެ. އަހަރެންގެ ނޭވާ ވެސް ބެދުނު ފަދައެވެ.
އަހަރެންނަށް ބުނެވުނެވެ: "ކީކޭ؟ އަހަރެންގެ ގާތުގައި ނުބުނީ ކީއްވެ؟"

އެރިކް ޖަވާބު ދިނެވެ: "އެ ވަރުގެ ނަފުސާނީ ތަކުލީފެއް ނެލާ އުފުލަން އަހަރެން ބޭނުންނުވީއެވެ. އަހަރެން ބޭނުންވީ އަހަރެންނާއި އަހަރެމެންގެ ދަރިންގެ ގާތުގައި ނެލާ އުޅޭއިރު ހަމަ އާދައިގެ ގޮތަކަށް ނެލާ އުޅޭށެވެ. ކާރު ތެރޭގައި މި ހޭދަ ކުރި ދުވަސްތަކަކީ އަހަރެމެންގެ ދަރިންނަށް އަހަރެންގެ މަތިން ހަނދާންވާނެ ކަމެއް ކޮށްދޭން ހޭދަ ކުރި ދުވަސްތަކެކެވެ."
އަހަރެންނަށް އެރިކްގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ. ހަގީގަތް އެނގުމުންނެވެ. މިއީ އެރިކް އަހަރެންނަށް ބޭވަފާތެރިވަނީއަކީ ނޫންކަން ޔަގީންވުމުންނެވެ. މިވީ ގޮތަކީ އަހަރެން ބޭނުން ނުވާ ކަހަލަ ކުރިމަގަކަށް އެރިކް ތައްޔާރުވަނީއެވެ.
އަހަރެން އެރިކްއާ ދިމާއަށް ބުނީމެވެ: "މި ކަންތަކާ އެރިކް އެކަނި ކުރިމަތިލާން އަހަރެން އެރިކް ދުލެއް ނުކޮށްލާނަމެވެ. ކޮންމެ ފަދަ ކަމެއް ވިޔަސް މި ކަމާ ކުރިމަތިލާނީ އަހަރެމެން ދެ މީހުން އެކުގައެވެ."
އަހަރެންނާ އެއްބަސްވެލުމުގެ ގޮތުން އެރިކް ބޯ ޖަހައިލިއެވެ. އެ ވަގުތު އޭނާގެ ލޮލުން ކަރުނަ ފޭދުނެވެ. އަހަރެންގެ ލޮލުން ވެސް ކަރުނަ އައެވެ.

ޖެހިގެން އައި މަސްތަކަކީ އެރިކްގެ ހަޔާތުގައި ޑޮކްޓަރުންނާ ބައްދަލުކުރުމާއި ފަރުވާ ލިބިގަތުމުގެ ދުވަސްތަކެކެވެ. އަހަރެމެން ދެ މީހުން ނިދީ އެކަކު އަނެކަކު ގައިން ދޫނުކޮށްލައެވެ.
މި ހުރިހާ ދުވަސްތަކެއް އެރިކް ހޭދަކުރީ އަހަރެމެންގެ ދަރިންނާއެކުއެވެ. އެ ކުދިންނާއެކު ކުޅެއެވެ. ބޭރަށް ދެވޭ ހާލަތެއްގައި ހުރި ނަމަ އެ ކުދިންނާއެކު ހިނގައިލަން ދެއެވެ. ރޭގަނޑުގެ ކެއުމަކަށް ބޯކިބާ އަޅައިދެއެވެ. އަދި ހެނދުނުގެ ނާސްތާއަށް ޕިއްޒާ ތައްޔާރުކޮށްދެއެވެ.
ކެންސަރާ އެރިކް ހަނގުރާމަކުރީ އަހަރެން ހީނުކުރާހާ ވެސް ވަރުގަދައެއްކޮށެވެ. ނަމަވެސް ކެންސަރު އޭނާއަށް ހަމަލާ ދެމުން ދިޔައީ އެއަށްވުރެ ވަރުގަދަކޮށެވެ. އެހާ ކުރިން ވެސް އެރިކްއަށް ވިސްނިފައި ހުރި ކަމަކީ ހުރިހާ ކަމެއް ވެސް ހުރީ އޭނާއާ ދެކޮޅަށްކަމެވެ. ކާރު ތެރޭގައި އޭނާގެ އަޑުން ވާހަކަ ރެކޯޑުކުރަން ފެށިއިރު ވެސްމެއެވެ. ހުރިހާ ނުރައްކަލަކާ އޭނާ ކުރިމަތިލަމުން ދިޔައިރު އޭނާ އެ ވަގުތު ވެސް ބޭނުންވީ އޭނާގެ ހުރިހާ ހެޔޮ ކަމެއް އަހަރެމެންނަށް ފޯރުކޮށްދިނުމަށެވެ.
"އަހަރެންނަށް ކުރެވުނު ހުރިހާ ކަމެއް ކޮށްދޭނަން. ނަމަވެސް އަހަރެންގެ ވަރުބަލިކަން ދަނީ ބޮޑުވަމުން،" އެއް ރެއަކު އެނދުގައި އަހަރެންގެ ގާތުގައި އޮވެ އެރިކް ބުންޏެވެ.

އަހަރެން ޖަވާބު ދިނީމެވެ: "އަހަރެންނަށް އެނގެއެވެ. ކޮންމެ ކަމެއް ކުރިޔަސް ތިބާގެ ހަށިގަނޑުގެ ދުޅަހެޔޮ ކަމަށް ބަލައިގެން އުޅޭށެވެ. އަރާމު ކުރަން އެ ހަށިގަނޑު އެދުމުން އަރާމުކުރާށެވެ."
އެރިކް މި ދުނިޔެ ދޫކޮށް ދިޔައީ ހަރީފު މޫސުމުގެ ފަތިހެއްގައެވެ. އެ ވަގުތު ގޭތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަމާއި އޭނާ ނެތުމުން ގެއަށް ވެރިވެފައިވާ ފަޅުކަން އަހަރެން އަދިވެސް ހަނދާން އެބަހުއްޓެވެ. އަހަރެމެންގެ ދަރިން ޅަކަމުން އެ ކުދިންނަށް މާބޮޑަކަށް އެ ކަހަލަ ބޮޑެތި މީހުން ކުރާ ކަހަލަ އިހުސާސްތަކެއް ނުކުރެވެއެވެ. ނަމަވެސް އެރިކްގެ ޖަނާޒާގައި އެ ކުދިން ތިބީ ކޮންމެވެސް ކަމަކަށް ގެއްލިފައި ތިބި ކަހަލަ ގޮތަކަށެވެ. އަހަރެން ވެސް އެ ދުވަހު ހަމަ އެފަދައެވެ.
އެރިކް އޭނާގެ އަޑުން ރެކޯޑުކުރި ވާހަކަތައް އަޑުއަހަން އަހަރެންނަށް ހިތްވަރު ލިބުނީ އޭނާގެ ޖަނާޒާއަށް ކުޑަ ދުވަސްކޮޅެއް ވީ ތަނާއެވެ. އެއިރު ގޭތެރޭގައި އާއިލާ މީހުންނާއި ހެޔޮ އެދޭ މީހުން އުޅެއެވެ.
އަހަރެން ގޮސް އެރިކްގެ ކާރު ތެރެއިން އޭނާ ދަބަހަށް ލައިފައިވާ ރެކޯޑަރު ނެގީމެވެ. ދެން އޭގައި ހުރި ފައިލްތަކުގެ ނަންތަކަށް ބަލައިލީމެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ "އަވާ ސްޓޯރީ" ނުވަތަ "އަހަރެމެންގެ ވާހަކަ" ނަން ދީފައިވާ ފައިލެކެވެ.
ފުން ނޭވާއެއް ލުމަށް ފަހު އަހަރެން އެ ރެކޯޑަރުގެ "ޕްލޭ" ފިތަށް އޮބައިލީމެވެ. އެރިކްގެ އަޑުގައި ހުރީ ހަމަޖެހުމުގެ ރާގެކެވެ. އެ އަޑު އަހަރެން ވަށައިލި ކަހަލައެވެ.
އެރިކް ކިޔައިދޭން ފެށިއެވެ:
"އެއް ސަހަރެއްގައި ޝެހެޒާދާއެއް އުޅުނެވެ. އޭނާއަކީ އެ ސަހަރުގެ އެންމެ ވަރުގަދަ ފަހުލަވާނުންނަށް ވުރެ ވެސް ހިތްހެޔޮ، ވިސްނުންތެރި އަދި ހިތްވަރު ގަދަ އަންހެނެކެވެ. ނަމަވެސް އެންމެ މުހިންމު ކަމަކީ އެހެން އެންމެނަށް ވުރެ އޭނާގެ ހިތް ތަނަވަސްކަމެވެ."
އެ ހިސާބަށް އެރިކް ބުނުމުން އަހަރެންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
އެރިކްގެ ވާހަކަ ކުރިއަށް ދިޔައެވެ:
"އެއް ދުވަހަކު އެ ޝެހެޒާދާއަށް އާދައިގެ މީހަކާ ބައްދަލުވިއެވެ. އެއްވެސް ކަހަލަ ލަގަބެއް މުއްސަނދިކަމެއް ނެތް ކުޑަ ވިލެޖެއްގެ މީހެކެވެ. ނަމަވެސް އެ މީހާއަށް އެ ޝެހެޒާދާ ފެނުނު ވަގުތާ ހިސާބުން އެ މީހާއަށް އެނގުނީ އެ ޝެހެޒާދާ އެ މީހާގެ ހަޔާތް ބަދަލުކޮށްލާނެ ކަމެވެ."
އެ ހިސާބަށް އެރިކްގެ ވާހަކަ ދިޔުމުން އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. އަހަރެން އެ ވާހަކަ އަޑުއަހަމުން ދިޔައިރު އަހަރެންނަށް އިހުސާސް ކުރެވުނީ އެރިކްގެ އަޑު އަހަރެންގެ ވަށައިގެން ބައްދައިލިހެނެވެ.
އެރިކްގެ ވާހަކަ ކުރިއަށް ދިޔައެވެ:
"ޝެހެޒާދާ އާއި އެ ފިރިހެން މީހާ އެކުގައި އެތައް އަހަރެން ވަންދެން އުޅުނެވެ. ކުޑަކުޑަ އެހެން ޝެހެޒާދާއަކާއި ޝެހެޒާދެއް ބަލާބޮޑުކުރިއެވެ. އަދި އެ ފިރިހެންމީހާ މުސްކުޅިވެ ވަރުބަލިވަމުން ދިޔަ އިރު ވެސް އޭނާއަށް އެނގުނީ އޭނާއަށް ލިބުނު ޝެހެޒާދާ ދިރިއުޅުމައިގެން ކުރިއަށް ދާނެ ކަމެވެ. އެ ދެމަފިރިންގެ ގޭގައި ވެރިކަން ދަމަހައްޓާނީ ލޯތްބާއެކުކަމެވެ."
އެންމެ ފަހު ވާހަކަކޮޅު ކިޔައިދިން އިރު އެރިކްގެ އަޑު ތުރުތުރުލައެވެ. އޭނާގެ މޫނުމައްޗަށް އަންނާނެ ހިތާމަ އަހަރެންނަށް ސިފަ ކުރެވުނެވެ.
ވަރަށް މަޑުމޮޅިކަމާއެކު އެރިކްގެ ފަހު ބަސްކޮޅުގައި ބުނީ މިހެންނެވެ:
"އެހެންވީމާ އަހަރެންގެ ލޯބިވާއެވެ. ތިބާ އަހަރެންގެ މި ވާހަކަ މި ވަގުތު އަޑުއަހަމުން އަންނަނީ ނަމަ ދަންނާށެވެ؛ ތިބާއަކީ އަހަރެންގެ ހަޔާތުގެ ޖާދުލެވެ. އަހަރެންގެ އާދައިގެ ދިރިއުޅުން އާދަޔާ ހިލާފު ދިރިއުޅުމަކަށް ބަދަލުކޮށްލަދިނީ ތިބާއެވެ. އަހަރެންނަށް މިހާރު ތިބާއާ އެކުގައި ނޫޅެވުނަސް، ތިބާގެ ޖާދޫ ތިބާ ކުރިއަށްގެންދަންވާނެއެވެ."
މިއީ އެރިކްގެ ފަރާތުން އަހަރެން އަޑުއަހަން ބޭނުންވި ބަސްކޮޅެވެ. މިހާރު އަހަރެންގެ ދުވަސްތައް އެއީ ބުރަހެލި ދުވަސްތަކެއް ކަމަށް އިހުސާސް ކުރެވެންޏާ އަހަރެން އެރިކްގެ އަޑުން އޭނާ ކިޔައިދިން އަހަރެމެން ދެ މީހުންގެ ވާހަކަ އަޑުއަހަނީއެވެ. އަދި މިހެންވެ ކޮންމެވެސް ސަބަބަކާ ހުރެ އަހަރެންނަށް މިހާރު ހިނިތުންވެވެއެވެ.
- ނޯޓު: މި ހަގީގީ ވާހަކަ ކިޔައިދިނުމުގައި ބޭނުންކޮށްފައި މި ވަނީ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ "އޭ.އައި" ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯތަކެކެވެ.
- ތަރުޖަމާއެއް



advertisment