އާޓާ ފިޝާއަކީ ޖަރުމަނަށް ނިސްބަތްވާ އީޖާދުކުރުންތެރިއެކެވެ. އޭނާއަކީ އެތައް އީޖާދެއްކޮށް، 1،100 އަށްވުރެ ގިނަ ތަކެތި ކޮޕީރައިޓް ކޮށްފައިވާ މީހެކެވެ.
މުކޮޅު އުފެއްދުމުން މަޝްހޫރުވި އާޓާ އުފަންވީ 31 ޑިސެމްބަރު 1919 ގައެވެ. މަރުވީ އުމުރުން 96 ގައި 27 ޖަނަވަރީ 2016 ގައެވެ.
އިމާރާތްކުރުމުގެ ދާއިރާ ދާއިމީ ގޮތެއްގައި އާޓާ ބަދަލުކޮށްލީ 1958 ގައެވެ. އެއީ މުކޮޅު ތައާރަފުކޮށްގެންނެވެ. އޭނާގެ ނަމަށް ނިސްބަތްކޮށް އިނގިރޭސި ބަހުން "ފިޝާ ޕްލަގް" ނުވަތަ އާއްމުކޮށް ނަމަ "ވޯލް ޕްލަގް" ވެސް ކިޔާ މުކޮޅުގެ ސަބަބުން ވަރަށް ސާދާ އެހެނަސް މުހިންމު ކަމަކަށް މަގުފަހިވިއެވެ. އެއީ ކޮންކްރީޓް، އެޅިގާ އަދިވެސް އެހެނިހެން ތަކެތިން ހަދާފައި ހުންނަ ފާރުގައި އިތުބާރު ހިފޭ ގޮތަށް ތަކެތި ހަރުކުރުމަށް މުކޮޅު އެކަށީގެންވާތީއެވެ.
ތަފާތު ބާވަތްތަކުގެ މުކޮޅު ހުންނަ އިރު، ހުރިހާ އެއްޗެއް ވެސް މައިގަނޑު ގޮތެއްގައި މަސައްކަތްކުރަނީ އެއް ގޮތަކަށެވެ. އެއީ ކޮންކްރީޓް ނުވަތަ ލަކުޑި ނުވަތަ އަދި އެހެން ވެސް އެއްޗެހި ތޮރުފައިފައި މުކޮޅު ލައްވައި، އެއަށް އިސްކުރު ޖެހުމުން އެ އިސްކުރެއް އެ ތަނެއްގައި ހިފަހައްޓައިދޭތީއެވެ.

މި ގޮތަށް އިސްކުރު ޖެހުމުން އެކި ތަންތާނގައި އެއްޗެހި ހަރުކުރަންވަނީ މަގުފަހިވެފައެވެ.
އާޓާގެ އިތުރު އުފެއްދުންތަކުގެ ސަބަބުން އޭނާ ވެގެންދިޔައީ 20 ވަނަ ގަރުނުގެ އެންމެ ނުފޫޒު ގަދަ ޖަރުމަނު އީޖާދުކުރުންތެރިންގެ ތެރެއިން އެކަކަށެވެ.



advertisment