އަދުގެ ސަރުކާރުން ގެންގުޅޭ ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި ހއ. ދިއްދޫގައި އެއަރޕޯޓެއް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، މާތް ﷲގެ އިރާދަފުޅާއެކު އެ މަނިކުފާނު ދެން ދިއްދޫއަށް ވަޑައިގަންނަވާނީ، އެ އެއަރޕޯޓަށް ޖައްސާ މަތިންދާ ބޯޓުގައި، އެ އެއަރޕޯޓް ހުޅުވައިދެއްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިއްދޫގައި އެއަރޕޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައި މި ވަނީ، ހއ.ގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި މިރޭ ދިއްދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި މޭރުމުން ވާހަކަފުޅުދައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިއްދޫގައި އެއަރޕޯޓް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ތަރުތީބުކުރެވިފައިވާ ކަމަށެވެ. އެގޮތުން، އެމް.ޓީ.ސީ.ސީ އާއި ބޭރުގެ ފަރާތަކާއެކު ފްރޭމްވަރކް އެއްބަސްވުމެއް އެކުލަވައިލެވި، ޢަމަލީ މަސައްކަތްތައް ފެށުމާ ހަމައަށް މިހާރު ދަތުރުކުރެވިފައިވާ ކަމުގައި ވިދާޅުވިއެވެ.
އެގޮތުން މި ހިނގާ 2025 ވަނަ އަހަރު، ވަރަށް އަވަހަށް އަމަލީ ސިފައެއްގައި، ބިން ހިއްކުމުގެ މަސައްކަތާއެކު ފައްޓަވައި، އެކަން ނިންމަވައި، ދެންވެސް ކުރަން ހުރި ހުރިހައި ކަމެއް ބާރު ދުވެލީގައި ފައްޓަވައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަރައްޤީއަކީ އެންމެންނަށް ހަމަހަމަކޮށް ގެނެސްދެވޭ އެއްޗެއް ކަމަށާއި، އެ މަނިކުފާނުގެ ކުރިފުޅުމަތީގައި އެންމެންނަކީވެސް ހަމަހަމަ ބައެއް ކަމަށެވެ. އެ މަނިކުފާނަށް ސިޔާސީ ފިކުރު މުހިންމެއް ނޫން ކަމަށާއި، ހުރިހާ ރައްޔިތުން ހަމަހަމަކަމުގައިވެސް ވިދާޅުވިއެވެ. ޤައުމަށް، އަދި ރަށަކަށް ގެނެވޭ ތަރައްޤީއަކީ ސިޔާސީ ކަމެއް ނޫން ކަމުގައި ވިދާޅުވެ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއީ މުސްތަޤުބަލަށްޓަކައި ކުރެވޭ ސީރިއަސް މަސައްކަތެއް ކަމަށެވެ.
އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އިތުރުން ދިއްދޫގެ ތަރައްޤީއަށްޓަކައި ކޮށްދެއްވާނެ އިތުރު މަސައްކަތްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ. އަދުގެ ސަރުކާރަކީ ނަތީޖާ ނެރެދޭނެ ސަރުކާރެއް ކަމުގައި ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ގުޅިލާމެހިފައިވާ، ވަށާޖެހޭ ތަރައްޤީ، ރަށަށް ގެނެސްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އެގޮތުން ދިއްދޫގެ ބަނދަރުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، ބައިނަލްއަޤުވާމީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް މި އަހަރު ތެރޭގައި ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި ދިއްދޫގެ ހޮސްޕިޓަލުގެ ތަރައްޤީއަށްޓަކައިވެސް މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިއްދޫގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަކީ ސަރަޙައްދީ ތަރައްޤީއާ ގުޅިފައިވާ ކަމެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. ހަމަ މިއާއެކު ބޯހިޔާވަހިކަމުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިންވެސް މަޝްރޫޢުތައް ހިންގަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ދިއްދޫގައި ކުނިމެނޭޖު ކުރުމުގެ ކަންކަން، ވެމްކޯގެ ދަށުން، މި އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން ހަމަޖެހިގެންދާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.



advertisment