އުމުރުން ދުވަސްވެ، މުސްކުޅިވެ، ގައިބާރު ދެރަވުމަކީ ދެނިޔޭގައި ލެހެއްޓެވިއްޔާ ކޮންމެ މީހަކަށްވެސް ކުރަންޖެހޭނެ ތަޖުރިބާއެކެވެ. އެއީ އަންނާނެ ދުވަހެކެވެ. އޮއްސިގެންދާ އިރާއެކު ދުނިޔޭން ފާއިތުވަނީ ދުވަހެކެވެ. އިންސާނާގެ އުމުރުން ވެސް ދުވަހެއް ފާއިތުވެ އުމުރުން ދުވަސްވުމުގެ ހަގީގަތާ ގާތަށް ގެންދެއެވެ.
އިންސާނާ މުސްކުޅިވަމުން އަންނައިރު މަޑުމަޑުން ގައިގެ މަސްތަކުގެ ބާރު ދެރަވެ، ގައިގެ ހަންގަނޑަށް ރޫއަރައި އިހުހުރި އާރާއި ބާރު ދޫވެ ބަލިކަށިވެއެވެ. ދުވަސްވަމުން އަންނައިރު މަޑުމަޑުން ގައިގެ މަސްތަކުގެ ބާރު ދެރަވެ، ހަރަކާތްތެރިކަން ކުޑަވާ ބައްޔަށް ކިޔަނީ ސާރކޯޕެނިއާ (Sarcopenia) އެވެ. މި ބަލިން ރައްކާތެރިވުމަށް ތިރީގައި މިވާ ކަންތައްތަކަށް ސަމާލުކަން ދެވިދާނެއެވެ.
1. އާދަކުރާށެވެ.
ކޮޅަށް ހުންނަން ކުޅަދާނަ ނަމަ ގިނައިރު އިށީންދެ ނީންނާށެވެ. އިށީންދެ އިނދެވޭނަމަ ގިނައިރު އޮށޯވެ ނޯންނާށެވެ. ކިރިޔާ ވެސް ކުޅަދާނަކަން ލިބިގެންވާނަމަ އިށީންދެ އިނދެގެން ނަމާދު ނުކުރާށެވެ. ރަނގަޅު ކާނާ ކާން އާދަކުރާށެވެ. ގަވާއިދުން ޑޮކްޓަރަށް ދައްކައި ބޭނުންކުރަންޖެހޭ ބޭސް ގަވާއިދުން ބޭނުންކުރާށެވެ. ގަވާއިދުން ކަސްރަތު ކުރުމަށާއި ރަނގަޅަށް ފެން ބުއިމަށް ވެސް އާދަކުރާށެވެ.
2. އެނދުމަތިނުވާށެވެ.
ބަލިވެގެން ކޮންމެހެން އޮންނަން ޖެހިގެން ނޫނީ އެނދުމަތިނުވާށެވެ. އެނދުމަތި ނުކުރާށެވެ. ހަފްތާއެއްހާ ދުވަހު ހިނގާބިނގާނުވެ އުމުރުން ދުވަސްވީ މީހަކު އެނދުމަތިކޮށްފަްި ބާއްވައިފިނަމަ މަދުވެގެން ފަސް އިންސައްތަ މަސްތަކުގެ ބާރު ދަށްވާނެއެވެ. ހިތާމައަކީ އުމުރުން ދުވަސްވީ މީހުންގެ ހަށިގަނޑުގެ މަސްތަކުން ގެއްލިގެންދާ ބާރު ޖެއްސުމަކީ ވަރަށް ނާދިރު ކަމެކެވެ.
3. ކުރެވޭ ކަމެއް އެހެން މީހުންލައްވާ ނުކުރުވާށެވެ.
ހެދުންލުމާއި ފައިވާނަށް އެރުންފަދަ ކަންތައްތައް ތަކަކީ ގައިބާރު ދެރަ ދުވަސްވީ ބައެއް މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ކުރެވޭ ކުދިކުދި ކަންތައްތަކެވެ. އެ ފަދަ ކުދިކުދި ކަންތައްތައް ކުރެވެންޏާ ރަނގަޅީ އަމިއްލައަށް ކުރުމެވެ. މަންމަ ނުވަތަ ބައްޕަ ދެކެ ލޯބިން އެފަދަ ކަންތައްތައް ކޮށްލަދޭހިތް ވިޔަސް އެ މީހުންނަށް ރަނގަޅުވާނީ ކޮންމެހެން ބޭނުންވާ ހާލަތުގައި އެހީތެރިވެދިނުމެވެ.
4. ފަޔާމެދު ސަމާލުކަން ދޭށެވެ.
މަސްތަކުގެ ބާރު ދެރަވުމުން އެންމެ އަވަހަށް އަސަރުކުރަނީ ފަޔަށެވެ. ހަރަކާތް ނުކޮށް ފައި ނާވައިގެން އޮތުމުން ނުވަތަ އިށީންދެ އިނުމުން ފައިގެ މަސްތަކުގެ ބާރު ދެރަވެއެވެ. ސިޑިން މައްޗަށް އަރައި ފޭބުމާއި، ހިނގުމާއި، ދުވުމާއި، ބައިސްކަލް ދުއްވުމަކީ ފައިގެ މަސްތަކުގެ ބާރު އިތުރުކޮށް ކަންތައްތަކެވެ. އެންމެ ދެ ހަފުތާ ވަންދެން ފައިގެ ހަރަކާތް ނުކޮަށް އޮވެއްޖެނަމަ ފައިގެ ބާރު 10 އަހަރު ދަށްވެއެވެ.
5. ނަފުސާނީ ދުޅަހެޔޮކަމަށް އިސްކަންދޭށެވެ.
އުމުރުން ދުވަސްވުމަކީ އެތައްއެތައް ކަމެއް ކުރިމަތިވާ ދުވަސްވަރެކެވެ. ހަށިގަނޑަށް އަންނަ ބައެއް ބަދަލުތަކަކީ އުމުރާ ގުޅިގެން އަންނަ ބަދަލުތަކެކެވެ. ޖިސްމާނީ ބަލިކަށިކަން އިތުރުވެ، ދިރިއުޅުމަށް އަންނަ ބަދަލުތަކާއެކު ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކުރެއެވެ. މި ހާލަތުގައި އެހެން މީހުންގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި އަޅާލުމާއި ލޯބި ވަރަށް މުހިންމުވާނެއެވެ. ނަފުސާނީ ދުޅަހެޔޮކަމާއި ރޫޙާނީ ގޮތުން ހިތްހަމަ ޖެހޭނީ އެހެން މީހުންގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުން ދެވިގެންނެވެ.
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment