ހުޅުމާލޭގެ ފޭސް ދޭއްގެ ބާރުގަދަ ދެ ޓްރާންސްފޯމަރު މިއަދު ހެނދުނު ހަލާކުކޮށްލައިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
"ހައި-ވޮލްޓެޖް (އެޗް.ވީ)ގެ މި ދެ ޓްރާންސްފޯމަރު ހަލާކުކޮށްލައިފައިވަނީ ބަޔަކު ގަސްދުގައި. މި ކަމުގެ ސަބަބުން ކަރަންޓްގެ ހިދުމަތުގެ ވިއުގައަށް ގެއްލުން ލިބިފައިވޭ،" ސްޓެލްކޯގެ މެނެޖިން ޑިރެކްޓަރު ހުސައިން ފަހްމީ އެކްސްގައި ލިޔުއްވައިފައިވެއެވެ.
ފާރު ރާނައި ދެ ތަޅު ލައިފައި ވަށައިގެން ބައްދައިފައިވާ ތަނެއްގައި ހުރި ދެ ޓްރާންސްފޯމަރު ހަލާކުކޮށްލީ އެ ތަނުގެ ގޭޓްތަކާއި އޭގެ ތަޅުތައް ވެސް ހަލާކުކޮށްލައިގެންނެވެ. އަދި އެޗް.ވީ ނިޒާމަށް ވެސް ވަނީ ގެއްލުންދީފައެވެ.
"އެޗް.ވީ ސްވިޗްތައް ނިއްވައިލައިފައިވާ ގޮތުން ހާމަވަނީ މި ދެ ޓްރާންސްފޯމަރު ހަލާކުކޮށްލީ ޓްރާންސްފޯމަރުތައް މަސައްކަތްކުރާ ޓެކްނިކަލް ނިޒާމު އެނގޭ ބަޔަކު ކަމަށް. މި ފަދަ އަމަލުތަކުގެ ސަބަބުން ކަރަންޓްގައި ޖެހި، ޒަހަމްވެ، އަދި މަރުވުން ވެސް އެކަށީގެންވޭ. އަދި މި ފަދަ ކަންތައް ކުރާ މީހުންގެ އިތުރުން މުޖުތަމައުގެ އެހެނިހެން އަފުރާދުންނަށް ވެސް ގެއްލުން ލިބިދާނެ،" ފަހުމީ އެކްސްގައި ލިޔެފައިވެއެވެ.
"ޓްރާންސްފޯމަރުތަކެއް ހަލާކު ކުރަނިކޮށް މި ދިޔަ އަހަރު ބަޔަކު މަރުވެގެން ދިޔުމަކީ މި ކަހަލަ އަމަލުތަކުގެ ވޭނީ ހަނދާންތައް އާކޮށްދޭ ކަމެއް،" ފަހުމީ ބުނެފައިވެއެވެ.
ދެ ޓްރާންސްފޯމަރު މިއަދު ހަލާކު ކޮށްލުމުން ހާމަވަނީ އާއްމުން ހޭލުންތެރިކުރުމުގެ މުހިންމުކަން ކަމަށާއި ފުރާނަ ސަލާމަތްކުރުމަށް ފިޔަވަޅު އެޅުމުގެ އިތުރުން މުހިންމު އިންފްރާސްޓްރަކްޗަރު ރައްކާތެރިކުރުން މުހިންމުު ކަމަށް ފަހުމީ ބުންޏެވެ.
ސްޓެލްކޯއިން ބުނީ މިއަދުގެ ހާދިސާ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި މި ފަދަ ކަންތައްތައް ކުރިމަގުގައި ނުހިނގާނެ ގޮތަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.



advertisment

