އަންނަ އަހަރަކީ އދ. މަހިބަދޫގައި 100 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާ އަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަހިބަދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އަންނަ އަހަރަށް ސަރުކާރުން ފާސްކުރައްވާފައިވާ ގެދޮރުވެރިކަމުގެ ބަޖެޓަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރުވެސް ރަށުން ލިބެން އޮތް ބިމުގައި ހައުސިން ޔުނިޓު އެޅުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނޭ ކަމަށެވެ. އަދި މަހިބަދޫގެ އިހުތިޞާސްގައި ހިމަނައިފައިވާ މާފަރު ފަޅުހިއްކައި ތަރައްޤީކުރުމުގެ ކޮންސެޕްޓު ފަރުމާކުރުމުގައިވެސް ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރައްވާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
އަރބަން ސެންޓަރެއްގެ ގޮތުގައި މަހިބަދޫ ތަރައްޤީވުމުން، އެކަމުގެ ފައިދާ ލިބޭނީ ހަމައެކަނި އެ ރަށުގެ ރައްޔިތުންނަށް ނޫން ކަމަށާއި، މުޅި ސަރަޙައްދަށް އެ ފައިދާ ލިބޭނެކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މާފަރު ފަޅަކީ، އަރބަން ސެންޓަރުގެ ޙަޤީޤީ މާނައިގައި ތަރައްޤީވެގެންދާ ތަނަކަށް ވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މީގެ އިތުރުން ރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރައްވާފައިވާ ޢުމްރާނީ ތަރައްޤީގެ އިތުރުން، މާނަވީ ތަރައްޤީ ގެނެސްދެއްވުމަށް، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރައްވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ ސިޔާސަތަކީ، ހަތަރު އަހަރުގެ ތެރޭގައި، ރަށުގެ ރައްޔިތުން ބޭނުންވާގޮތަށް ތަރައްޤީގެ ކަންކަން ބައްޓަންކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



advertisment