އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދެއްވަން ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ރޯދަ އިނާޔަތުގެ ގޮތުގައި ސަރުކާރުގެ މުވައްޒަފުންނަށް ދެއްވަނީ ތިން ހާސް ރުފިޔާއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަކީ، ޤާނޫނުގައި އޮންނަ ނުކުތާއެއްގެ ނިވަލުގައިވާ ބޭއިންސާފެއް ތަޙައްމަލުކުރަމުންދާ ކޮމެޓީތަކެއް ކަމަށާއި، ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން އެ ކޮމެޓީތަކުގެ ޝަކުވާތައް އަޑުއެއްސެވި ނަމަވެސް، އެކަމަށް ޙައްލެއް ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާތީ، ވޭތުވެދިޔަ ދުވަސްތައް ހޭދަކުރެއްވީ ކަމާ ގުޅުންހުރި ލަފާ ހޯއްދަވައި ދިރާސާތައް ކުރެއްވުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަންހެނުންގެ ކޮމެޓީތަކުގެ މެންބަރުންނަކީ، މުސާރަ ލިބޭ، ރަމަޟާން މަހުގެ އިނާޔަތް ލިބޭ، އަދި މާލީ އިދާރާތަކުގެ އެކި ސްކީމްތަކަށް ޝަރުޠު ހަމަވާ ބައެއްކަމުގައި ހެދުމަށްޓަކައި، ލާމަރުކަޒީ ޤާނޫނަށާއި، ވަޒީފާއާ ބެހޭ ޤާނޫނަށް ގެންނަން ޖެހޭ އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުގެ ދެން އޮންނަ ދައުރުގެ މަސައްކަތް ފެށުމާއެކު ސަރުކާރުން ހުށަހަޅުއްވާނޭ ކަމަށް ވެސް އެމަނިކުފާނު އިޢުލާންކުރެއްވިއެވެ. އަދި އެ އިޞްލާޙުތައް ގެނެސް، އަންނަ ރަމަޟާން މަހު އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދެއްވަން ފައްޓަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަދު ތަސްދީޤުކުރެއްވި ބޭރު ފައިސާއާ ބެހޭ ބިލަށްވެސް އިޝާރާތްކުރައްވާފައެވެ. އެގޮތުން، މި ބިލަށް ޢަމަލީ ސިފައެއް އައިސް، މި ބިލުގައި ވާގޮތުން ޑޮލަރު މާރުކުރެވެން ފެށުމުން، ކްރެޑިޓް ކާޑު ލިމިޓް ޑަބަލްކުރެވުން ފަދަ ފައިދާތައް ޢާންމު ރައްޔިތުންނަށް ލިބޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ލޯކަލް ޓޫރިޒަމުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކުރަންޖެހޭ ގޮތަށް ޤާނޫނަށް އިސްލާޙު ގެނައުމަށް ކުރަމުންދާ ފަންނީ މަސައްކަތްވެސް ނިމުނުހާ އަވަހަކަށް މަޖިލީހަށް ހުށަހަޅައި، ފަތުރުވެރިކަމުން ލިބޭ ޓެކްސް ސީދާ ކައުންސިލްތަކަށް ލިބޭނޭ މަގު ފަހިވެ، ކައުންސިލްތަކަށް މާލީ ބާރުވެރިކަން އިތުރަށް ލިބޭނޭ މަގު ފަހިކޮށްދެއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.



advertisment
One Response
ރަށުކައުންސިލްގެ ނުވަތަ ސަރުކާރު ވަޒީފާގައި ތިބެ މިހާރުވެސް ދެމުސާރަނަގާ، އަދި އިނާޔަތްލިބޭ މުއައްޒަފުންވެސް ތިބޭ އަންހެނުންގެ ކޮމެޓީގައި އެފަދަ ބޭފުޅުންނަށްވެސް އަނެއްކާ ހަމަ އިތުރަށް އިނާޔަތް ދެއްވަނީތޯ