Support Us

މަގާމުން އިއްޔެ ދުރުކުރެވުނު ފްރާންސްގެ ބޮޑުވަޒީރު މީޝެލް ބާނިއޭ

ފްރާންސްގެ ބޮޑުވަޒީރަށް އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ދުރުކޮށްފި

ފްރާންސްގެ ބޮޑުވަޒީރު މީޝެލް ބާނިއޭގެ ސަރުކާރަށް އިތުބާރު ނެތްކަމަށް ގާނޫނު ހަދާ މަޖިލީހުން ވޯޓު ދީފިއެވެ.

މިއީ އިތުބާރު ނެތްކަމުގެ ވޯޓަކުން ފްރާންސްގެ ސަރުކާރެއް މި ވީ 60 އަހަރުގެ ތެރޭގައި ވައްޓައިލި ފުރަތަމަ ފަހަރެވެ.

މި ކަމުގެ ސަބަބުން ފްރާންސަށްވަނީ ސިޔާސީ ކާރިސާއަކާ ކުރިމަތިވެފައެވެ. އަދި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާމެދުވެސް ސުވާލުވަނީ އުފެދިފައެވެ.

މެދުމިނުގެ ސިޔާސަތް ގެންގުޅުއްވާ، އުމުރުން 73 އަހަރުގެ ބާނިއޭގެ ސަރުކާރު ވައްޓައިލީ އޭނާއާ ދެކޮޅަށް، ޕާލަމަންޓްގެ ދަށު ގޭގެ 577 މެންބަރުންގެ ތެރެއިން 331 މެންބަރުން އިއްޔެ ވޯޓު ދީގެންނެވެ.

ހަރުކަށި ވާތުފިޔައިގެ ޕާޓީތަކާއި ހަރުކަށި ކަނާތުފިޔައިގެ ޕާޓީތަކުންވަނީ ބާނިއޭއާ ދެކޮޅަށް ގުޅިންގެ ވޯޓުލައިފައެވެ. ސަބަބަކީ ހާއްސަ ބާރުތައް ބޭނުންކުރައްވައިގެން ދައުލަތުގެ ބަޖެޓް ޕާލަމަންޓްގެ އަޣުލަބިއްޔަތު ނެތި ފާސްކުރައްވަން އުޅުއްވުމުންނެވެ.

"ބާނިއޭއަށް ދެން ޖެހިވަޑައިގަންނަވާނީ އޭނާގެ އިސްތިއުފާ ރައީސް އެމަނުއެލް މެކްރޮންއަށް ހުށަހަޅުއްވަން،" ޕާލަމަންޓްގެ ރައީސް ޔެއެލް ބްރޯން-ޕައިވޭ ބުންޏެވެ. އަދި އެހެން ބުނެފައި ޕާލަމަންޓްގެ މި ދައުރު ނިމުނީކަމަށް ޔެއެލް އިއުލާންކުރިއެވެ.

ދާދި އަވަހަށް ބާނިއޭ އާއި އޭނާގެ ސަރުކާރު މެކްރޮންގެ އަރިހުގައި އިސްތިއުފާ ދެއްވާނެކަމަށް ބެލެވެއެވެ.

ޕާލަމަންޓުން ބާނިއޭގެ ސަރުކާރު ވައްޓައިލުމާ ވިދިގެން ހަރުކަށި ކަނާތު ފިޔައިގެ ލީޑަރު މަހީން ލެ ޕެން ބުނީ މެކްރޮންގެ އަރިހުގައި އިސްތިއުފާދެއްވަން ނުއެދުނަސް އިސްތިއުފާދެއްވަން މެކްރޮންއަށް ޕްރެޝަރު ބޮޑުވެފައިވާކަމަށެވެ.

"އެ ކަމުގައި އެންމެ ފަހު ބަސް ވިދާޅުވާނީ މެކްރޮން،" މަހީން ބުންޏެވެ.

ހަރުކަށި ވާތުފިޔައިގެ ޕާޓީގެ ޕާލަމަންޓް ލީޑަރު މަތީލްޑެ ޕަނޮތު ނޫސްވެރިންގެ ގާތުގައި ބުނީ މެކްރޮން އިސްތިއުފާދެއްވަން ގޮވާލާކަމަށެވެ.

"ބޮޑުވަމުންމިދާ ސިޔާސީ ކާރިސާ ހައްލުކުރުމަށް ރިޔާސީ އިންތިހާބު އަވަސްކުރަން ގޮވައިލަން،" އޭނާ ބުންޏެވެ.

ބާނިއޭގެ ސަރުކާރު ވައްޓައިލި ވޯޓު ފާސްވުމާއެކު މެކްރޮން ވިދާޅުވީ މިއަދު ހަވީރު ޓީވީގެ ޒަރީއާއިން ގައުމާ މުހާތަބުކުރައްވާނެކަމަށެވެ.

ބާނިއޭ ބޮޑުވަޒީރުގެ މަގާމަށް ހަމަޖެއްސެވީ ސެޕްޓެމްބަރު މަހު މެކްރޮންއެވެ. އެއީ ޖުލައި މަހު ބޭއްވި ކުއްލި ޕާލަމަންޓް އިންތިހާބުގައި ވަކި ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބުމުންނެވެ.

ބާނިއޭ ދެކެ ރައްޔިތުން ނަފުރަތުކުރަން ފެށީ ބަޖެޓް އެކުލަވައިލި ގޮތުން ފަގީރު މީހުން އިތުރަށް ފަގީރުވަމުންދާތީކަމަށް އަލް ޖަޒީރާއިން ރިޕޯޓްކުރިއެވެ.

ބާނިއޭގެ ސިޔާސީ ހަޔާތް ޕާލަމަންޓުން އިއްޔެ ކަފުންކުރީ ދައުލަތުގެ ޑެފިސިޓް ދަށްކުރުމަށް އެކުލަވައިލި ބަޖެޓަށް 63 ބިލިއަން ޑޮލަރު (970 ބިލިއަން ރުފިޔާ) ހޯދަން ޕާލަމަންޓްގެ ރުހުން ނެތި ގާނޫނު އަސާސީގެ ފައިދާ ނަގައިގެން ބަޖެޓު ފާސްކުރައްވަން އުޅުއްވުމުންނެވެ.

ފްރާންސްގެ އާއްމު ޑިފިސިޓަކީ ގައުމީ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ)ގެ 6.1 ޕަސެންޓެވެ. ބާނިއޭ ބޭނުންވެވަޑައިގަތީ ޔޫރަޕްގެ އިއްތިހާދުގެ ގަވައިދުތަކަށް ފެތޭ މިންވަރަށް ޑިފިސިޓް ދަށްކުރައްވާށެވެ. ޔޫރަޕްގެ އިއްތިހާދުގެ ގަވައިދުތައް ބުނާ ގޮތުން މެންބަރު ގައުމެއްގެ ބަޖެޓް ޑެފިސިޓް ހުންނަންވާނީ ތިން ޕަސެންޓްގެ ރޭޝިއޯއެއްގައެވެ.

ކަންތައްތައް މިހާރު ހުރި ގޮތުން އަންނަ އަހަރުގެ ޖުލައި މަހުގެ ކުރިން ޕާލަމަންޓް އިންތިހާބެއް ބާއްވާކަށް ތަނެއް ނުދެއެވެ. އާ ބޮޑުވަޒީރެއް ހޮވި ނަމަވެސް ބާނިއޭއަށް ކުރިމަތިވެވަޑައިގަތް މައްސަލަތައް ދިމާވާނެއެވެ. އެއީ ގާނޫނުތައް ފާސްކުރަން ބޭނުންވާ ބިލްތަކާއި 2025 ގެ ބަޖެޓު ފާސްކުރުމުގެ މައްސަލައެވެ.

މެކްރޮންއަށް ދެން ކުރެއްވޭނެ ކަމަކީ ގާނޫނުތައް ފާސްކުރުމަށްޓަކައި، ހުރިހާ ޕާޓީތަކުން އެއްބަސްވާ މީހަކަށް ބޮޑުވަޒީރުކަން ދެއްވުމެވެ. އެއީ އެ މީހަކު މަގާމަށް ގެންނެވެންދެން ބާނިއޭ އާއި އޭނާގެ ވަޒީރުން މަގާމުގައި އެހައް ބައިތިއްބާވެސް ގޮތަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *