Support Us

އަރބަން ޑިވެލޮޕްމަންޓްގެ ބިލު ތަޞްދީޤުކުރައްވައިފި

އަރބަން ޑިވެލޮޕްމަންޓްގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ތަޞްދީޤު ކުރައްވައިފިއެވެ.

ނޮވެންބަރު މަހުގެ 27 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި އާބަން ސަރަޙައްދުތައް ކަނޑައެޅުމާއި އެފަދަ ސަރަޙައްދުތައް ތަރައްޤީކުރުމާ ގުޅޭ ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކުރުމަށްޓަކައި، އަރބަން ސަރަޙައްދުތަކާއި އެފަދަ ސަރަޙައްދުތަކުގެ ޒޯންތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާއި، އެފަދަ ސަރަޙައްދުތައް ތަރައްޤީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި، އަރބަން ސަރަޙައްދުތަކުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް މޮނިޓަރކޮށް ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާންކުރުމެވެ.

އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނުގެ ދަށުން ރާއްޖޭގައި އަރބަން ސަރަޙައްދުތައް ކަނޑައެޅުމާއި، އަރބަން ސަރަޙައްދުތައް ތަރައްޤީކޮށް ހިންގުމާގުޅޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

މި ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައި ވަނީ ޢުމްރާނީ ތަރައްޤީގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ. އެއީ މިހާރު، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މި ޤާނޫނުގެ ދަށުން ކަނޑައަޅާ އަރބަން ސަރަޙައްދުތަކުގެ އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން ތައްޔާރުކޮށް، އެފަދަ ސަރަޙައްދުތައް ތަރައްޤީކުރާ ފަރާތްތަކަށް ތަރައްޤީކުރުމުގެ ހުއްދަތައް ދިނުމާއި، އެފަރާތްތަކުން އެ ސަރަޙައްދުތަކުގައި ކުރިއަށްގެންދާ ތަރައްޤީގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި، "އަރބަން ޑިވެލޮޕްމަންޓް އޮތޯރިޓީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދޭނެ ކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި އޮތޯރިޓީ ހިނގަމުންދާނީ ޢުމްރާނީ ތަރައްޤީގެ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އަރބަން ޑިވެލޮޕްމަންޓްގެ ބިލު މިއަދު ތަޞްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން ހަ މަސް ދުވަސް ފުރިހަމަވާ ތާރީޚުން ފެށިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *