Support Us

ގެޒެޓުގައި ޝާއިޢުކުރާ ޤާނޫނީ ލިޔުންތައް ބަހުގެ ހަމަތަކަށާއި ޤާނޫނީ ހަމަތަކަށް ރަނގަޅަށް ބަލައި ކުށް ފިލުވުމަށްފަހު ފޮނުވުމަށް އަންގައިފި

ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ފޮނުވާ ޤާނޫނީ ލިޔުންތައް ބަހުގެ ހަމަތަކަށާއި ޤާނޫނީ ހަމަތަކަށް ރަނގަޅަށް ބަލައި ކުށް ފިލުވުމަށްފަހު ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ވާގޮތުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްދިނުމަށް އެދި، ދައުލަތުގެ އެންމެހައި ވުޒާރާތަކާއި މުއައްސަސާތަކާއި އިދާރާތަކުން ފޮނުވާ ޤާނޫނީ ލިޔުންތައް ފޮނުވާނީ legalaffairs@po.gov.mv މި އީމޭލަށެވެ. ހަމަ އެއާއެކު، ގެޒެޓުގައި ޝާއިޢުކުރުމަށް ފޮނުވާ ލިޔުމެއްގައި އިޞްލާޙުކުރަންޖެހޭ ކަންކަން ހުރި ނަމަ، އެ ކަންކަން އިޞްލާޙުކުރުމަށްފަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްދިނުމަށް އެންމެ ފަހުގެ ދެލިކޮޕީ ފޮނުވާއިރު، ދައުލަތުގެ އެކި ވުޒާރާތަކާއި އެ ވުޒާރާތަކުގެ ދަށުން ހިންގަމުންދާ މުއައްސަސާތަކާއި އިދާރާތަކުން ފޮނުވާނީ، އެ ވުޒާރާގެ ވަޒީރު ނުވަތަ އެ ވަގުތަކު އެ ވުޒާރާ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅަކު ސޮއިކުރައްވައިފައިވާ ލިޔުމަކާ އެކުގައި ކަމަށް ވެސް މި ދެންނެވުމުގައިވެއެވެ. އަދި ދައުލަތުގެ އެކިއެކި ވުޒާރާތަކާއި އެ ވުޒާރާތަކުގެ ދަށުން ހިންގަމުންދާ މުއައްސަސާތައް ފިޔަވައި ދައުލަތުގެ އެހެން އިދާރާތަކާއި މުއައްސަސާތަކުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްދިނުމަށް އެންމެ ފަހުގެ ދެލިކޮޕީ ފޮނުވާނީ ވެސް އެ ތަނެއްގެ އެންމެ އިސްވެރިޔާ ނުވަތަ އެ ތަނެއް އެ ވަގުތަކު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅަކު ސޮއިކުރައްވައިފައިވާ ލިޔުމަކާއެކުގައި ކަމަށް ވެސް އެ ދެންނެވުމުގައި ވެއެވެ.

މީގެ އިތުރުން ގެޒެޓުގައި ޝާއިޢުކުރުމަށް، ޤާނޫނީ ލިޔުންތައް ފޮނުވާއިރު، ބަންޑާރަ ނައިބުގެ ޤާނޫނީ ލަފާފުޅު ހޯދަންޖެހޭ ދައުލަތުގެ އިދާރާތަކުން އެ ލަފާފުޅު ހޯދައި، އެ ލަފާފުޅާ އެއްގޮތަށް ޤާނޫނީ ލިޔުންތައް ތައްޔާރުކޮށް، ބަންޑާރަ ނައިބުގެ ޤާނޫނީ ލަފާފުޅާއެކު ފޮނުވުމަށާއި، އެ ލިޔުމަކާ ގުޅޭގޮތުން ރައީސުމްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން އެ ވުޒާރާއަކާ ނުވަތަ އެ މުއައްސަސާއަކާ ނުވަތަ އެ އިދާރާއަކާ މުޢާމަލާތުކުރާނެ ބޭފުޅެއްގެ ނަމާއި މަގާމާއި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް ފޮނުވަމުން ގެންދިއުމަށާއި، ޤާނޫނީ ލިޔުންތައް ފޮނުވާއިރު ބަހުގެ ހަމަތަކަށާއި ޤާނޫނީ ހަމަތަކަށް ރަނގަޅަށް ބަލައި ކުށް ފިލުވުމަށްފަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ޤާނޫނީ ލިޔުންތައް ތައްޔާރުކުރާ ފޯމެޓުގައި ފޮނުވުމަށް ވެސް އެ ދެންނެވުމުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *