Support Us

ސްޓެލްކޯގެ މެނެޖިން ޑިރެކްޓަރު ހުސައިން ފަހުމީ

ސްޓެލްކޯގެ އެމް.ޑީ ފަހުމީއަށް އޭސަސް އެވޯޑު

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މެނެޖިން ޑިރެކްޓަރު (އެމް.ޑީ) ހުސައިން ފަހުމީއަށް އޭޝިއާ ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ (އޭސަސް) އެވޯޑު ލިބިއްޖެއެވެ. އޭނާއަށް ދިނީ އޭޝިއާގެ އެންމެ ހިތްވަރުލިއްބައިދޭ ވެރިން ނުވަތަ "އޭޝިއާސް މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސް" ކެޓިގަރީގެ އެވޯޑެވެ.

މި އެވޯޑަކީ އޭޝިއާގެ ކުންފުނިތަކާއި ބްރޭންޑްތަކާއި ވިޔަފާރިވެރިންގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީގެ ރޮނގުން ކާމިޔާބީތައް ހޯދާ ފަރާތްތަކަށް ދޭ އެވޯޑެކެވެ. މި އެވޯޑުގެ ސަބަބުން އެވޯޑު ލިބޭ ފަރާތްތަކަށް ޝަރަފުވެރި ނަމެއް ލިބުމުގެ އިތުރުން އެ މީހުން މަސައްކަތްކުރާ ތަންތަނުގެ އާމްދަނީ އާއި ތަރައްގީއަށް ކުރިއެރުން ލިބި، އެހެން ކުންފުނިތަކާއި ވިޔަފާރިތަކަށް މިސާލު ދައްކައިދޭ ބަޔަކަށްވެއެވެ.

ސްޓެލްކޯއާ 1998 ގައި ފަހުމީ ގުޅުނީ އެކައުންޓެންޓް އެސިސްޓެންޓް ޓްރޭނީއެއްގެ ގޮތުގައެވެ. އޭގެ ފަހުން ވިޔަފާރި ތަރައްގީކުރުމާއި ޕްރޮކިއޮމަންޓާއި އަދި ކަސްޓަމާ ސާވިސަސްގެ ދާއިރާއިން ކުރިއަށްދިޔައެވެ.

ވަޒީފާގެ އިތުރުން އިލްމީ ދާއިރާގައި ވެސް ފަހުމީ ވަނީ ތަފާތު ކާމިޔާބީތައް ހޯދައިފައެވެ. އެ ގޮތުން އޭނާ ވަނީ ދެ މާސްޓާޒް ޑިގްރީ ހާސިލުކޮށްފައެވެ. އެއީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް އެބަޑީންއިން އެކައުންޓެންސީގެ ދާއިރާއިންނާއި ޔުނިވާސިޓީ އޮފް އީސްޓް ލަންޑަނުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިންނެވެ.

ސްޓެލްކޯގެ ގަސް އިންދުމުގެ މަޝްރޫގައި ފަހުމީ ގަސް އިންދަނީ

"ކަރަންޓުގެ ހިދުމަތް ދޭ ދާއިރާގައި 26 އަހަރުގެ ތަޖުރިބާ ލިބިފައިވާކަމުން ދައްކައިދެނީ ހަކަތައިގެ ދާއިރާގައި ފަންނީ އަދި ހިންގުންތެރިކަމުގައި ވަރަށް ބޮޑު ތަޖުރިބާއެއް ފަހުމީއަށް ލިބިފައިވާކަން،" އޭސެސްއިން ބުންޏެވެ.

ސްޓެލްކޯއަކީ ރާއްޖެއަށް ކަރަންޓް ދޭ މައި ކުންފުންޏެވެ. އެ ގޮތުން ރާއްޖެއަށް އަންނަ ސިނާއީ ބޮޑެތި ކުރިއެރުންތަކާ އެއްވަރަށް މިހާރު ވެސް 60،000 ރައްޔިތުންނަށް އެކި ރަށްރަށުގައި ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެއެވެ.

އިރުގެ ހަކަތައިން ފޮޓޯވޮލްޓެއިކް ނިޒާމާއި ބެޓެރީ އެނަޖީ ސްޓޮރެޖް ސިސްޓަމްސް (ބީ.އީ.އެސް.އެސް)ގެ ހިދުމަތް ތައާރަފުކުރުމުގައި ފަހުމީ ވަނީ އިސް ރޯލެއް ކުޅެފައެވެ. މި ކަމުގެ ސަބަބުން ތެޔޮ ބޭނުންކުރުމުގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި ގޮތަށް ކަރަންޓް ދީ، ސްޓެލްކޯގެ އާމްދަނީ އިތުރުވުމަށް މަގުފަހިވިއެވެ.

ދަތުރުފަތުރުގެ ނިޒާމު ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބައްޓަންކުރަން ކަރަންޓުން ދުއްވާ ސައިކަލާއި ކަރަންޓުން ދުއްވާ ވެހިކަލްތައް (އީ.ވީ) ޗާޖުކުރަން ގާއިމުކުރި އިންފްރާސްޓްރަކްޗަރު ތައާރަފުކުރީ ވެސް ފަހުމީއެވެ. މި ކަމުގެ ސަބަބުން މި ސަރަހައްދުގައި ތިމާވެއްޓާ ރައްޓެހި ގޮތަށް ހަކަތަ ދިނުން އަނބުރައިލުމަށް ސްޓެލްކޯއަށް މަގުފަހިވިއެވެ.

އެޑްވާންސްޑް މީޓަރިން އިންފްރާސްޓްރަކްޗާ (އޭ.އެމް.އައި) އަދި ޒާމާނީ ބިޒްނަސް ސެންޓަރުގެ ޒަރީއާއިން ސްޓެލްކޯއިން މަސައްކަތްކުރަމުން އަންނަނީ އަވިން ހަކަތަ އުފައްދައިދޭ ސޯލާ ޕެނަލާއި ކަރަންޓުން ދުއްވާ އެއްގަމު އުޅަނދާއި ހަކަތައިގެ އެހެނިހެން ހިދުމަތްތައް ވެސް ތައާރަފުކުރުމަށް މަސައްކަތްކުރަމުންނެވެ. މި ކަމުގެ ސަބަބުން ސްޓެލްކޯގެ ކަސްޓަމަރުންނަށް އިތުރު ފަސޭހަތައް ލިބޭނެއެވެ.

ފަހުމީގެ މަސައްކަތްތަކުގެ ތެރޭގައި މުވައްޒަފުންގެ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުން ހިމެނެއެވެ. އެ ގޮތުން 360 ފްލެޓް ސްޓެލްކޯގެ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން މުވައްޒަފުންނަށް ދޭން ހަމަޖައްސައިފައިވެއެވެ. މި މަޝްރޫއަކީ ބޭންކުން ލޯނު ނުނަގާ ކުރިއަށްގެންދާ މަޝްރޫއެއްކަމަށްވާތީ މިއީ މުވައްޒަފުންނަށް މާލީ ތަކުލީފު އުފުލަން ނުޖެހޭ މަޝްރޫއެކެވެ. މުވައްޒަފުންގެ ދުޅަހެޔޮކަމަށް އިސްކަން ދީގެން ފަހުމީ ކުރިއަށް ނެރުނު މި ފަދަ މަޝްރޫއުތަކުގެ ސަބަބުން ކުންފުނީގެ ހިންގުމުގެ ސަގާފަތް ވަނީ ހަރުދަނާވެފައެވެ.

ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ރިއަލް ޓައިމް މޮނިޓަރިން އާއި މެނޭޖްކުރުމުގައި ސްމާޓް ގްރިޑް ޓެކްނޮލޮޖީ ނުވަތަ ޑިޖިޓަލް ޓެކްނޮލޮޖީ ތައާރަފުކުރުމަށް ވެސް ފަހުމީ އަންނަނީ ތައްޔާރުވަމުންނެވެ.

ސްޓެލްކޯ ރިސާޗް ފައުންޑޭޝަން ގާއިމުކުރުމުގައި ވެސް ފަހުމީ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. އެ ފައުންޑޭޝަންގެ ދަށުން ކަރަންޓްގެ ހިދުމަތް ދިނުމުގައި އާ ހައްލުތައް ހޯދުމަށް ދިރާސާތައް ހިންގުމަށް މަގުފަހިކޮށްދީފައިވެއެވެ. އަދި އޭނާ ވަނީ ސްޓާޓްއަޕް ވިޔަފާރިތަކާއި އިލްމީ މުއައްސަސާތަކާ ވެސް ގުޅުން ގާއިމުކޮށްފައެވެ.

މި މަޝްރޫއުތަކުގެ ދަށުން ފަހުމީ ވަނީ ރާއްޖޭގެ ގައުމީ ލަނޑުދަނޑިތަކަށް ސްޓެލްކޯގެ ހުވަފެންތައް އަމާޒުކޮށްފައެވެ. ހާއްސަކޮށް އިއާދަކުރަނިވި ހަކަތަ އާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިންނެވެ. މާކެޓަށް އަންނަ ބަދަލުތައް ވަނީ ކުންފުނީގެ ކުރިއެރުމާ އެއްހަމައަކަށް ގެނެސްފައެވެ. ފަހުމީގެ ލީޑަޝިޕްގެ ދަށުން ސްޓެލްކޯ ވަނީ އުފެއްދުންތެރިކަމާއި ދެމެހެއްޓެނިވި ތަރައްގީ އާއި ހިންގުމުގެ ދާއިރާއިން ހާއްސަ ކުރިއެރުމެއް ހޯދައިފައެވެ.