ރާއްޖޭގައި ދުވަހަކުވެސް މަޢުލޫމާތު ހާމަނުކުރާ ވަރަށް މި ސަރުކާރުން ދަނީ މަޢުލޫމާތު ހާމަކުރަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް "ރައްޔިތުންނާއެކު ކުރިއަށް– ހަފުތާ 52″ ނަމުގައި ރޭ ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ދެފުށްފެންނަ ސަރުކާރެއްގެ ގޮތުގައި މި ސަރުކާރު ކުރިއަށްގެންދިއުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ރައްޔިތުން ހުށަހަޅާފައިވާ އާރް.ޓީ.އައި. ތަކުގެތެރެއިން ގާތްގަނޑަކަށް 91 އިންސަތަ އާރް.ޓީ.އައި. އަށް ޖަވާބުދާރީވެވަޑައިގެންފައިވާކަން ހާމަކުރައްވާފައެވެ. ހަމަ އެއާއެކު ސަރުކާރުގެ ވެބަސައިޓުގެ ނަމުގައި ވެބްސައިޓެއް ޤާއިމުކުރައްވާފައި ވާނެ ކަމަށާއި، ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތަކަށް ޚާއްޞަ ވެބްސައިޓެއް ހައްދަވާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް 791 ފަހަރު ވުޒާރާތަކުންނާއި ވަޒީރުން އެކި މީޑިއާތަކަށް މަޢުލޫމާތުދީފައިވާ ކަމަށާއި 73 ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އަޑު ޕޯޓަލުންވެސް ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދާރީވަމުންގެންދަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތެދު މަޢުލޫމާތު ނޫސްތަކުންނާއި ޚަބަރު ފަތުރާ ވަޞީލަތްތަކުން ފޯރުކޮށްދިނުމަށް ބާރުއަޅުއްވާފައެވެ. އަދި ސަރުކާރުން މީޑިއާތައް މިނިވަންކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް މި ރަސްމިއްޔާތުގައި އެމަނިކުފާނު އަލިޅުއްވާލެއްވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު މަޤާމެއް ދީފައި ހުރި އެއްވެސް މީހަކު ޝަރުޢީ ދާއިރާގެ ތެރެއަށް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި އެފަދަ ކަމެއް ފާހަގަވެއްޖެނަމަ އެ ފަރާތެއް ވަޒީފާއިން ދުރުކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި މި ސަރުކާރު އައި ދުވަހުން ފެށިގެން ޝަރުޢީ ދާއިރާއަށް ނުފޫޒުފޯރުވުން ނިމިއްޖެކަމުގައި ވިދާޅުވާ ވިދާޅުވުން ރޭވެސް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
މި ސަރުކާރު ކުރިއަށްގެންދާނީ ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންގެ އަޑުއަހައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ރޭވެސް ފާހަގަކުރެއްވިއެވެ. އެގޮތުން 70 ރަށަށް ދަތުރުފުޅުކުުރައްވައި 169 ކައުންސިލާ ބައްދަލުކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށް އަބަދުވެސް އެންމެ މުހިންމީ މިނިވަންކަމާ ސިޔާދަތު ޙިމާޔަތްކުރުން ކަމުގައި ވިދާޅުވެފައެވެ. އެގޮތުން ބޭރުގެ ސިފައިންގެ ބަދަލުގައި ފަޚުރުވެރި ދިވެހި ސިފައިން މިހާރު ރާއްޖޭގެ ކަނޑުގެ އަޑިއާ މަތިވެސް ބަލަހައްޓާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޤައުމުގެ އީ.އީ.ޒެޑް ބަލަހައްޓާނީވެސް އަމިއްލަ ވަޞީލަތްތަކާއެކު އަމިއްލަ ޤައުމުގެ ދިފާއީ ބާރުންކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުންވެސް އިސްލާމްދީނާ ފުށުނާރާ އަދި ޤަވާއިދާ ޤާނޫނު ފުށުނާރާ ކޮންމެ ކަމެއްގައިވެސް އެހެން ޤައުމުތަކާއެކު ގުޅުން ބާއްވަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ މި ސަރުކާރު ހިންގުމުގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.



advertisment