Support Us

މި ސަރުކާރު އޮންނާނީ %100 ރައްޔިތުންގެ ފަޅީގައި: ރައީސުލްޖުމްހޫރިއްޔާ

މި ސަރުކާރު ކުރިއަށްދާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެއްކޮށް ކަމަށާއި، މި ސަރުކާރު އޮންނާނީ 100 އިންސައްތަ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް "ރައްޔިތުންނާއެކު ކުރިއަށް– ހަފުތާ 52″ ނަމުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ޒުވާނުންގެ މަޒުކަޒުގެ ހޯލްގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޑޮލަރުގެ މައްސަލައަށް މި ސަރުކާރުން ގެންނަން ބޭނުންވާ ޙައްލުގެ ތަފުޞީލު ބަޔާންކޮށްދެއްވާފައެވެ. އެގޮތުން މިހާރު ފަތުރުވެރިކަމުގެ ސެކްޓަރއިން ލިބޭ އާމްދަނީއިން ބޭންކުތަކަށް މާރުކުރަމުންދަނީ ޖުމްލަކޮށް، 1.5 އިންސައްތަކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމަށް ޙައްލު ހޯދުމަށް، އެމް.އެމް.އޭއިން ޤަވާއިދު ބަދަލުކޮށް، މިހާރު ހަދާފައިވާ ޤަވާއިދުގެ ތެރެއިން އަމަލުކުރަމުންދާނަމަ އަންނަ ޖަނަވަރީ މަހުން ފެށިގެން ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޑޮލަރުގެ 20 އިންސައްތަ ބޭންކުތަކަށް މާރުކުރާނެކަމަށް ބެލެވޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިހާރު ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ ކުންފުނިތަކަށް ބޭނުންވާ ޑޮލަރު ބޭންކް ރޭޓުން ލިބުމަށް މަގުފަހިވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމަ އެއާއެކު 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ ތެރޭގައި، ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް 1،000 ޑޮލަރު ބޭންކް ރޭޓުގައި ގަތުމަށް ފުރުޞަތު ދިނުމަށް މަގުފަހިވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުންވެސް ކްރެޑިޓް ކާޑުގެ ލިމިޓްވެސް 1،400 ޑޮލަރާ ހަމައަށް ބޮޑުކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓުކުރުމުގައި ބޭންކުތަކުން ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތްވެސް ޖުލައިމަހުން ފެށިގެން އިތުރުކުރުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ އިތުރުންވެސް މި ސަރުކާރު ހަވާލުވިއިރު ޤަވާއިދާ ޚިލާފަށްއުޅޭ ބިދޭސީންގެ އަދަދު ނުވެސް އެނގޭކަމުގައި ފާހަގަކުރައްވައި އެކަމަށް ޙައްލު ހޯދުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ 5،012 ބިދޭސީން ފޮނުވާލާފައިވާކަން ފާހަގަކުރައްވައި، މިއީ ފާއިތުވި ތިން އަހަރަށް ބަލާއިރުވެސް އެފަދަ ބިދޭސީން ބޭރުކުރެވިފައި ނުވާ މިންވަރެއް ކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ. ހަމައެއާއެކު، ބިދޭސީންގެ މައްސަލައާއި ގޭންގު ކުއްތަކާއި މަސްތުވާތަކެތީގެ މައްސަލަތައް ޙައްލުކުރުމަށް ކަމާގުޅޭ ހުރިހާ މުވައްސަސާއެއް އެއް ކުޑައެއްގެ ދަށަށް މިސަރުކާރުން ގެންނަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މުޖުތަމަޢުގެ ދެންވެސް ހުރި މައްސަލަތައް ޙައްލުކުރުމަށް މި ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކުގެ ތަފްޞީލު ވިދާޅުވެދެއްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ މަގުމަތީގައި ހިނގާ ނުރައްކާތެރި ޙާދިސާތައް 33 އިންސައްތަ މަދުކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ފާއިތުވި އަހަރާ އަޅާބަލާއިރު، މަސްތުވާތަކެތި އަތުލައިގަނެވިފައިވާ މިންވަރު 61 އިންސައްތަ އިތުރުކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އާސަންދަ ނިޒާމުގެ އިސްރާފު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ބަލްކް ޕްރޮކިއުމަންޓުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ބޭސް ގެނެސް، ރައްޔިތުންނަށް ފޯރުކޮށްދީ، އަގުތައް ކޮންޓްރޯލްކުރަން ފަށާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބޭހާއި ކޮންޒިއުމަބަލްސްގެ ސެންޓްރަލް ޕްރޮކިއުމަންޓަ ނިޒާމު ޤާއިމުކޮށް ކުރިއަށްގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވޭޕް މަނާކުރުމަށާއި ދުންފަތާ ދުރު ޖީލެއް ބިނާކުރުމަށް އެމަނިކުފާނުގެ އިސްނެގެވުމުގެ މަތީން ކުރައްވާފައިވާ ކަންކަން ރައްޔިތުންނާއި ޙިއްޞާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޑޮކްޓަރުންނާއި ކަމާގުޅޭ މަޢުލޫމާތު އެނގޭ ފަރާތްތަކުން ރައްޔިތުން ހޭލުންތެރިކުރުވައި ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *