މެދުނުކެނޑި ހަފުތާއެއް ވަންދެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޕާކިސްތާނުގައި 90 މީހުން މަރުވެ އެތައް ސަކޭތަ ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށް އެގައުމުގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޭޖަންސީން ބުނެފިއެވެ.
ވިއްސާރަ މޫސުމުގެ އަސަރު އެންމެ ބޮޑަށް ކުރި ޕާކިސްތާނުގެ ކަރާޗީގައި 1،245 މީހުން ސަލާމަތްކޮށް އަދިވެސް ހާލުގައި ޖެހިފައިވާ ރައްޔިތުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސަލާމަތީ ކަންކަމާ ބެހޭ އޮފިޝަލުން މައުލޫމާތު ދެއެވެ. ކަރާޗީގައި ފެންބޮޑުވުމުގެ ސަބަބުން އެއްގަމު އުޅަނދުތައް ބޭނުން ކުރުމަށް ހުރަސްއެޅި، މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ބުރޫ އަރާފައިވާ ކަމަށް ވެސް އޮފިޝަލުން ބުންޏެވެ. ކަރާޗީގައި ހަރަކާތްތެރިވަމުންދާ ފުލުހުންނަށް މީހުން ސަލާމަތްކުރުމަށް ދަތިތަކާއި ކުރިމަތިވެފައިވާއިރު، ރައްޔިތުންގެ އެހީގައި ފުލުހުން ސަލާމަތް ކުރާ މަންޒަރުވެސް އެ ގައުމުގެ ޓީވީ ޗެނަލްތަކުން ފެނިގެން ދިޔައެވެ.
ޕާކިސްތާނުގެ މީޓިއަރޮލޮޖިސްޓުން ބުނިގޮތުގައި މިއީ، ފާއިތުވި 90 އަހަރު ތެރޭގައި ކަރާޗީއިން ނުފެންނަވަރުގެ ބޯ ވިއްސާރައެކެވެ. މިހާދިސާގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުން ލިބި، ކޮވިޑް-19 އިތުރަށް ފެތުރުމުގެ ބިރު އޮތް ކަމަށް ކަމާ ބެހޭ މާހިރުން ބުނެއެވެ.



advertisment