Support Us

އޭދަފުށީގައި 1،000 ހައުސިން ޔުނިޓް ޢިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ބ. އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް ޢިމާރާތްކުރުމުގެ މަސައްކަތް، ޗައިނާގެ ސިނޯހައިޑްރޯ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތު ކުރިއަށްގެންގޮސްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ އަބްދުﷲ މުއްޠަލިބެވެ. މި އަހަރުގެ މޭ މަހުގެ އަށް ވަނަ ދުވަހު މި ދެ ފަރާތުން ވަނީ މި ކަމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށް، އެ ފަހުމުނާމާގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރިއަށްގެންގޮސްފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ އަބްދުﷲ މުއްޠަލިބު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން 15 ފަންގިފިލާގެ ތިން ޓަވަރު ޢިމާރާތްކޮށް، ތިން ކޮޓަރީގެ 336 ފުލެޓު އަދި ދެ ކޮޓަރީގެ 772 ފުލެޓު ތަރައްޤީކުރެވޭނެ ކަމަށެވެ. އޭދަފުއްޓަކީ، ރާއްޖޭގައި ތަރައްޤީކުރާ އަރބަން ސެންޓަރުތަކުގެ ތެރެއިން ތަރައްޤީގެ ނާރެހެއްގެ ގޮތުގައި ތަރައްޤީވެގެންދާނޭ ރަށެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ހައުސިން ޔުނިޓުތައް ވެގެންދާނީ، އޭދަފުއްޓާއި އެ ސަރަޙައްދުގެ ރިސޯޓުތަކުގައި މަސައްކަތްކުރާ އާބާދީތަކަށް ބޯހިޔާވަހިކަން ލިބިގެންދާނެ ފުރުޞަތަކަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށް ޚާއްޞަ ސޯޝަލް ހައުސިން ކެޓަގަރީއެއް ތަޢާރަފުކޮށް ސަރުކާރުން އެންމެ ފުރަތަމަ ހިންގާ ހައުސިން ސްކީމްތަކުގެ ތެރެއިން ގެދޮރުވެރިކަން ފަހިކޮށްދިނުމަކީ ދިވެހީންގެ ރާއްޖެ މެނިފެސްޓޯގެ މުހިންމު އަމާޒެކެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުމަށް ކަނޑައަޅާފައިވާ 40،000 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ތެރެއިން އެންމެ އިސްކަންދޭ އެއް ރަށަކަށް އޭދަފުށި ހައްދަވާނެ ކަމަށް، މި އަހަރުގެ މާރިޗު މަހު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މި ހިނގާ ނޮވެމްބަރު މަހު، "ހިޔާވެހި ފައިނޭންސިން ޕްރޮގްރާމް" އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހަށް މިހާރު ސަރުކާރުން ހުށަހަޅުއްވާފައިވާ 2025 ވަނަ އަހަރުގެ ބަޖެޓު ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވީ، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ބަޖެޓެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *