ރާއްޖެއާ 310 މޭލު ދެކުނުގައި އޮންނަ ފޯޅަވަހި ނުވަތަ ޗާގޮސް ޖަޒީރާ، އިންޑިއާ ކަނޑުގައިވާ ޖަޒީރާ ގައުމު މޮރިޝަސްއާ ހަވާލުކުރަން އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ކަމަށް އޭނާގެ ހިޔަނި ކެބިނެޓްގެ މެންބަރަކު ބުނެފިއެވެ.
"ޗާގޮސް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ވިލާތުން ނިންމުމަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް،" ޓްރަމްޕްގެ ސަރުކާރުގެ ހާރިޖީ ވަޒީރަކަށް އައްޔަނުކުރަން ހަމަޖައްސައިފައިވާ މާކް ރޫބިއޯ ބުންޏެވެ.
އިނގިރޭސި ވިލާތުގެ ދި އިންޑިޕެންޑެންޓުން ބުނީ ޓްރަމްޕްގެ ޓީމުން އިނގިރޭސި ވިލާތުން މޮރިޝަސްއާހެދި އެއްބަސްވުން ވީޓޯ ކުރުން ވެސް އެކަށީގެންވާ ކަމަށެވެ.
"އެމެރިކާގެ މުހިންމު އަސްކަރީ މަރުކަޒެއް ހުންނަ ޗާގޮސް ޖަޒީރާ މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ވިލާތުން އެއްބަސްވުމުން ޓްރަމްޕްގެ އަންނަން އޮތް ސަރުކާރާ ހަތުރުވެރިކަމެއް އުފެދިދާނެ،" ޕޮލިޓިކޯ ނޫހުން ބުންޏެވެ.
ރޫބިއޯ ބުނީ މޮރިޝަސްއަށް ޗާގޮސް ދީފި ނަމަ އިންޑިއާ ކަނޑަށް ބާރު ފޯރުވަން އެމެރިކާގެ ވާދަވެރި ޗައިނާއަށް ފުރުސަތު ލިބޭނެކަމަށެވެ.
"ޓްރަމްޕްގެ ޓީމާއި ޗައިނާއާ ދެކޮޅު ފަރާތްތަކުން ދަނީ އިނގިރޭސި ސަރުކާރަށް ޕްރެޝަރުތައް ކުރިމަތިކުރަމުން،" ޕޮލިޓިކޯއިން ބުންޏެވެ.
އިނގިރޭސި ސަރުކާރުން ބުނީ މޮރިޝަސްއާ ޗާގޮސް ހަވާލުކުރަން ނިންމީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ތަބާވުމުގެ ގޮތުންނާއި މޮރިޝަސްއާމެދު ބޭއިންސާފުން އެތައް އަހަރެއްވަންދެން ކަންތައްކުރެވިފައިވާތީކަމަށެވެ.
ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމީ މިދިޔަ މަހުއެވެ. އެ ޖަޒީރާ ސިފަކޮށްފައިވަނީ އެއީ އިނގިރޭސީންގެ އެންމެ ފަހު އެފްރިކާގެ އިސްތިއުމާރުކުރި ބިމުގެ ގޮތުގައެވެ.
ޗާގޮސްގެ އެންމެ ބޮޑު ރަށްކަމަށްވާ ޑިއެގޯ ގާސިއާގައި އިނގޭސީންނާއި އެމެރިކާއިން ގުޅިގެން އަސްކަރީ މަރުކަޒެއް ހިންގައެވެ. މި ތަން ހިންގުމަށް 99 އަހަރަށް މި ރަށް އިނގިރޭސި ވިލާތަށާއި އެމެރިކާއަށް ކުއްޔަށް ދިނުމަށް ވަނީ މޮރިޝަސްއާއެކު ހެދި މުއާހަދާގައި އެއްބަސްވެފައެވެ.
މީގެ އެތައް އަހަރެއް ކުރިން ވެސް މޮރިޝަސްއިން ބުނަމުން އައީ ޗާގޮސް ދޫކޮށްލަން ޖެހުނީ 1968 ގައި އިނގިރޭސީންގެ އަތުން މިނިވަންކަން ހޯދަން މަޖުބޫރުވުމުންކަމަށެވެ. ޗާގޮސްގެ 1،000 އެއްހާ ރަށްވެހިން ވަނީ އެމެރިކާގެ އެދުމުގެ މަތިން އެ ޖަޒީރާއިން ބޭރުކޮށްލައި، ސީޝެލްސް އާއި އިނގިރޭސި ވިލާތުގައި ގަދަކަމުން ވަޒަންވެރިކުރުވައިފައެވެ. މި ރައްޔިތުން ވަނީ މި މައްސަލައިގައި އިނގިރޭސި ސަރުކާރު އެތައް ފަހަރަކު ކޯޓަށް ގެންގޮސްފައެވެ.
މޮރިޝަސްއަށް ޗާގޮސް ދޫކޮށްލީ ދުނިޔޭގެ ކޯޓުކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)ގެ އިރުޝާދުގެ ދަށުންނެވެ. ނަމަވެސް މި އެއްބަސްވުމަކީ އަސްކަރީ ގޮތުން އިނގިރޭސި ވިލާތުން އެޅި ޅައެއްޗެއްކަމަށާއި މި ކަމުން ފައިދާކުރާނީ ޗައިނާއަށްކަމަށް ފާޑުކިޔާ ފަރާތްތަކުން ބުންޏެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ބޭއްވުމުގެ ކުރިން މިދިޔަ މަހު ރޫބިއޯ ބުނެފައިވަނީ މޮރިޝަސްއާއެކު އިނގިރޭސީން ވި އެއްބަސްވުމަކީ ކަންބޮޑުވާ މުއާހަދާއެއްކަމަށާއި މޮރިޝަސްގައި ހުރި އެމެރިކާގެ ކަނޑުގެ ސިފައިންނަށް އެހީވާ އިދާރާއާ ބެހޭ ޖާސޫސީ މައުލޫމާތު އެއްކުރުމަށް މި މުއާހަދާގެ ސަބަބުން ޗައިނާއަށް ފުރުސަތު ލިބޭނެކަމަށެވެ.
"މިއީ އިންޑިއާ ކަނޑުގައިވާ އަހަރެމެންގެ ގައުމީ ސަލާމަތާ ގުޅޭ ކަންތައްތަކަށް ނުރައްކާކުރާ އެއްބަސްވުމެއް. މި ސަރަހައްދުގައި އޮތް އެމެރިކާގެ އަސްކަރީ ބާރަށް ވެސް ހުރި ނުރައްކަލެއް،" ރޫބިއޯ ބުނެފައިވެއެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ކުރީގެ ޗީފް އޮފް ސްޓާފްކަމާއި ޓްރަމްޕްގެ ޑެޕިއުޓީ އެސިސްޓެންޓްކަންކުރި އެލެކްސް ގްރޭ ބުނީ މޮރިޝަސްއާއެކު އިނގިރޭސިން ހެދި އެއްބަސްވުމުގެ ސަބަބުން ޓްރަމްޕްގެ އަންނަން އޮތް ސަރުކާރާ އިނގިރޭސި ސަރުކާރާ ދެމެދު ދެބަސްވުމެއް އުފެދޭނެކަމަށެވެ.
"އެއީ ކަންބޮޑުވާން ޖެހޭނެ ކަމެއް،" އޭނާ އިންޒާރުދިނެވެ.
ޓްރަމްޕަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމުން އުފާފާޅުކުރި އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނައިޖެލް ފެރެޖް ވަނީ ބުދަ ދުވަހު އިނގިރޭސި ޕާލަމަންޓްގައި މި މައްސަލަ ހޫނުކޮށްލައިފައެވެ.
"މޮރިޝަސްއާ ޗާގޮސް ހަވާލުކުރަން ޓްރަމްޕް ކަނޑައެޅިގެން ދެކޮޅު. އެ ކަމަށް އޭނާ ގޮންޖައްސަވާނެ. ޓްރަމްޕްގެ އިސް ގާތް ފަރާތެއް އަހަރެންގެ ގާތުގައި ބުނީ ޑިއެގޯ ގާސިއާއަކީ މި ދުނިޔޭގައި މި ވަގުތު އެމެރިކާއަށް އޮތް އެންމެ މުހިންމު ރަށްކަމަށް،" ނައިޖެލް ބުންޏެވެ.
ޓްރަމްޕްގެ އިންތިގާލީ ޓީމުން މިހާރު ވަނީ އިނގިރޭސީން މޮރިޝަސްއާއެކު ހެދި އެއްބަސްވުމާ ގުޅޭ ގޮތުން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓެގަންގެ އިރުޝާދެއް ލިބޭތޯ މަސައްކަތް ފަށައިފައެވެ.
"އެމެރިކާގެ ގައުމީ ސަލާމަތާ ގުޅޭ ކަންބޮޑުވުންތަކެއް ހުރުމުން އެ މުއާހަދާ ނައްތައިލުން އެކަށީގެންވޭ،" ދި އިންޑިޕެންޑެންޓުން ބުންޏެވެ.
ފެރެޖްއަށް ރައްދު ދެމުން އިނގިރޭސި ހާރިޖީ އިދާރާގެ ވަޒީރު ސްޓީވަން ޑައުޓީ ޕާލަމަންޓްގައި ބުނީ މޮރިޝަސްއަށް ޗާގޮސް ދޭން ވި އެއްބަސްވުން އެކުލަވައިލަން ފެށީ އިނގިރޭސި ވިލާތުގެ ކުރީގެ ސަރުކާރުންކަމަށެވެ.
"ބައިނަލްއަގުވާމީ ގާނޫނުތަކަށް އިނގިރޭސި ވިލާތުން ބޯލަނބާކަން މި މުއާހަދާއިން ދައްކައިދެނީ. އަދި މި އެއްބަސްވުމުގައިވާ ކަންތައްތަކުގެ ދަށުން ޗާގޮސްގެ އެހެން ރަށެއްގައި އެހެން އެއްވެސް ގައުމަކަށް އަސްކަރީ މަރުކަޒެއް ނުހެދޭނެ. އިނގިރޭސި ވިލާތާއި އަހަރެމެންގެ އެހެން އެކުވެރި ގައުމުތަކުގެ ގައުމީ ސަލާމަތަށް ނުރައްކާކޮށްފާނެ ކަމެއް އަހަރެމެން ނުކުރާނަން،" އޭނާ ބުންޏެވެ.
ނަމަވެސް އެހެން އިނގިރޭސި ފަރާތްތަކުން މި ކަމާ އެއްބަހެއް ނޫނެވެ. އެ ގޮތުން ކުރީގެ އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ އިސް މުސްތަޝާރެއްގެ މަގާމުގައި ހުރި އެޑީ ލިސްޓާ ބުނީ މޮރިޝަސްއާއެކު ހެދި އެއްބަސްވުން އުވާލަން ޕްރެޝަރު އަންނާނެކަމަށް ފެންނަ ކަމަށެވެ.
"ވަރަށް ބޮޑު ޕްރެޝަރެއް އަންނާނެ،" އޭނާ ބުންޏެވެ.
މި އަހަރުގެ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވީ ފޯޅަވައްސާ ރާއްޖެއާ ދެމެދު އޮތް ތާރީހީ ގުޅުމާ ބެހޭ ގޮތުން އަލިއަޅުވައިލައިފައިވާ ސިޓީފުޅެއް އިނގިރޭސި ސަރުކާރަށް ފޮނުއްވިކަމަށެވެ.
ދާދި މިދާކަށް ދުވަހު އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޮސް ހަވާލުކުރުމާބެހޭ ވާހަކަތަކެއް އިވިވަޑައިގަތުމުން، ޗާގޮސްއަކީ އަޅުގަނޑުމެންނާ ތާރީހީ ގުޅުމެއް ވަރަށް ބޮޑަށް އޮތް ތަނަކަށް ވާތީ، ރަސްމީ ލިޔެކިޔުމުން އެކަންކަން ބަޔާންކޮށް، ދިވެހި ސަރުކާރުން މިހާރު އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކަނޑުން ގެއްލުވާލި ބައި އަނބުރާ ހޯދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރޯމާ ދުވާލު، ކަނޑައެޅިފައިވާ ދުސްތޫރީ ނިޒާމާ ޚިލާފަށް، ޤާނޫނު އަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގައި އަހާލުމެއްނެތި، އަޅުގަނޑުމެންގެ ކަނޑުން ބޮޑު ބައެއް ދޫކޮށްލާފައިވާ ކަމަށާއި އެކަން ކޮށްފައިވާގޮތުން އެ މައްސަލަ ޙައްލުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި މި ސަރުކާރު ވެރިކަމަށް އައި ހިސާބުން ފެށިގެން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅަކު އ.ދ.ގައި ބަހައްޓައިގެން އަދި ގާނޫނީ ވަކީލުންގެ ޓީމަކުން ވެސް ގިނަ މަސައްކަތްތަކެއް މެދުކެނޑުމެއްނެތި ކުރަމުންގެންދާ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ދެކުނުން، މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، ރާއްޖޭގެ ދެކުނުން 47،232 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި 45،331 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް މޮރިޝަސް އަށް ދޭގޮތަށް ކަނޑާ ބެހޭ ބައިނަލްއަގުވާމީ ކޯޓު، އިޓްލޮސް އިން މިދިޔަ އަހަރު ކުރީކޮޅު ނިންމުމުން ރާއްޖެ އަށް ގެއްލުންވެފައިވާ ކަމަށް ބުނެ ސިޔާސީ ޕާޓީތަކާއި ދިވެހީންގެ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔައިފައެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ބަހާލި ގޮތުންނެވެ. އިޓްލޮސް އިން އެގޮތަށް ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.



advertisment
One Response
ޓްރަމްޕް ގެ މި ވިސްނުމަކީ ރާއްޖެ އަށް ފަހި ނިންމުމެއް ކަމަށް ދެކެނީ!