Support Us

ބެންގަލޫރުގައި ހުސައިން ސުހައިލް ހުރި ކަނަކަ ކްރިޝްނާ ކޮމްފޯޓްސް ހޮޓެލް

ބެންގަލޫރު ހޮޓެލެއްގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިންޑިއާގެ ބެންގަލޫރުގެ ހޮޓަލެއްގައި އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެއް ގޮތްނޭނގޭ ގޮތަކަށް މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ކ. ހިންމަފުއްޓަށް އުފަން، ހުސައިން ސުހައިލް ނަމަކަށް ކިޔާ މީހާގެ ހަށިގަނޑު އިއްޔެ ފެނުނީ ހޮޓެލްގެ މުވައްޒަފުންނަށް އޭނާގެ ހަބަރެއް ނުވުމުން ފުލުހުންނަށް ގުޅައިގެން ދޮރުވައްޓައިލައިގެން ކޮޓަރިތެރެއަށް ވަނުމުންނެވެ.

"އޭނާ ކާބޯތަކެއްޗަށް އޯޑަރު ނުދޭތީ މުވައްޒަފުން އޭނާގެ ހަބަރު ބެލީ،" ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކުރިއެވެ.

އެ ނޫހުން ބުނީ ސުހައިލް މަރުވީ ކީއްވެކަން އަދި ސާފުނުވާ ކަމަށެވެ.

ފުލުހުން ފެށި ތަހުގީގުން އެނގުނީ ސުހައިލް މާލެއިން ބެންގަލޫރަށް އައީ މި މަހު 10 ވަނަ ދުވަހުކަމެވެ.

ސުހައިލް ހުރީ ކަނަކަ ކްރިޝްނާ ކޮމްފޯޓްސް ހޮޓެލްގައެވެ. އެއީ ބައްލަރި މަގުގައި އާރް.ޓީ ނަގަރުގައެވެ.

"ސުހައިލް އެންމެ ފަހުން ފެނުނީ މި މަހު 12 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް ހޮޓެލް މުވައްޒަފުން ފުލުހުންނަށް ރިޕޯޓްކުރި،" ޓައިމްސް އޮފް އިންޑިއާއިން ބުންޏެވެ.

ފުލުހުން ބުނީ މި މަހުގެ 11 ވަނަ ދުވަހު ބެންގަލޫރުން ބޯޕާލަށް ދިއުމަށް ފްލައިޓެއް ބުކްކުރި ނަމަވެސް ސުހައިލް ބޯޕާލަށް ދަތުރުނުކުރާ ކަމަށެވެ. އައިޓިނަރީގައި ދެން ބޯޕާލުން މުމްބާއީއަށް މި މަހު 14 ގައި ދަތުރުކުރަން ހަމަޖައްސައިފައިވާއިރު މުމްބާއީން ރާއްޖެއަށް އެނބުރި އައުމަށް މި މަހު 15 ގައި ދަތުރުކުރުމަށް ފްލައިޓް ބުކްކޮށްފައިވެއެވެ.

"ބޯޕާލަށް އޭނާ ދަތުރުނުކުރީ ކީއްވެ ކަމެއް ނޭނގޭ. ޖެހިގެން އައި ދުވަހު ފްލައިޓް އޮއްވައި ގަންގަނަގަރުގެ ހޮޓެލެއްގައި އައިސް ހުރީ ކީއްވެ ކަމެއް ނޭނގޭ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ފާހާނާ ކުރިމައްޗަށް ސުހައިލް ހުރީ ހޮޑުލައިފައި ކަމަށެވެ.

"ލޭގެ ޕްރެޝަރު ދަށްވެ، ޑީހައިޑްރޭޓްވުމުގެ ސަބަބުން ހަށިގަނޑުގައި ފެން މަދުވެ ހިތްހުއްޓުނީ ކަމަށް ޝައްކުކުރެވެނީ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ދިވެހި އެމްބަސީ އާއި އިމިގްރޭޝް އޮފިޝަލުންނަށް ގުޅައިފައިވާ ކަމަށާއި ޕޯސްޓްމޯޓަމްގެ ކަންތަކާއި އޭނާ އިންޑިއާއަށް އައި ސަބަބު ހޯދުމަށް އާއިލާގެ މެންބަރުންނަށް ގުޅައިފައިވާ ކަމަށެވެ.

"މީގެ ކުރިން އޮގަސްޓް މަހު ވެސް ސުހައިލް ބެންގަލޫރަށް އައި. އޭނާ އެހާ ގިނައިން ބެންގަލޫރަށް އަންނަ ސަބަބު އަދި ދެނެނުގަނެވޭ،" ފުލުހުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *