Support Us

ވޭޕް މަނާކުރާ ބިލް ތަޞްދީޤުކުރައްވައިފި

ވޭޕް މަނާކޮށް، ދުންފަތުގެ ޑިއުޓީ ބޮޑުކުރާ ގޮތަށް، ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

ނޮވެންބަރު 12 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރި މި ބިލުގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން މަނާކޮށްފައިވެއެވެ. މީގެ އިތުރުން، މި ބިލު ތަޞްދީޤުކޮށް ޢަމަލުކުރަން ފެށުމާއެކު، އަންނަނިވި ކަންކަން ވެސް މަނާވާނެއެވެ.

  • – ދައުލަތުގެ އެންމެހައި އިދާރާތައް ހިންގާ އިމާރާތްތަކާއި އެ ތަންތަނުގެ ގޯތިތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން.
  • – ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދޭ ތަންތަނުގައި ހުއްދައާ ޚިލާފަށް ދުންފަތުގެ އިސްތިޢުމާލުކޮށްފި ނަމަ، އެކަން ކުރި ފަރާތާއި، އެ ތަނެއްގެ ވެރިފަރާތް ނުވަތަ އެ ތަނެއް ހިންގާ ފަރާތް ޖޫރިމަނާކުރުމާއި، އެ ތަނެއްގައި ދުންފަތުގެ އިސްތިޢުމާލުކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާޠިލުކޮށް، އެ ތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުން.
  • – 21 އަހަރުން ދަށުގެ މީހުންނާއި ކުޑަކުދީންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދައިފައި ހުރި އެއްވެސް އެއްޗެއް ވިއްކުން ނުވަތަ ވިއްކުމުގެ މުޢާމަލާތެއްގައި 21 އަހަރުން ދަށުގެ މީހަކު ނުވަތަ ކުޑަކުއްޖަކު ބައިވެރިކުރުން.
  • – ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ 21 އަހަރު ވެފައިވާ މީހެއްކަން ނުވަތަ ކުޑަކުއްޖެއްކަން ނޫންކަން ޔަގީންކޮށް، އެ ފަރާތެއްގެ ކާކުކަން އަންގައިދޭ ކާޑު ނުވަތަ އުމުރު އަންގައިދޭ ޞައްޙަ ރަސްމީ ލިޔުމެއް ދެއްކުމަށް އަންގައި، އެ ލިޔުން ދެއްކުމަށްފަހު މެނުވީ އެއްވެސް ފަރާތަކަށް ދުންފަތުގެ ބާވަތެއް ވިއްކުން.
  • – ދުންފަތުގެ އެއްވެސް ބާވަތެއް އެ ވިއްކާ ފަރާތަކުން އިސްތިހާރުކުރުން.
  • – ދުންފަތުގެ ބާވަތްތައް ވިއްކާ ތަނެއްގައި ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުގެ ބާވަތެއް އެކުލެވޭ ފޮށި ނުވަތަ ކާޓަން ނުވަތަ އެނޫންވެސް އެފަދަ ތަކެތި ބަންދުކޮށްފައި ހުންނަ އެއްޗެއް، އާންމުންނަށް ފެންނާނޭހެން ބެހެއްޓުމާއި، އެފަދަ އެއްޗެއް އާންމުންނަށް ފެންނާނޭހެން އެއް ތަނުން އަނެއް ތަނަށް އުފުލުމާއި، އެގޮތަށް މުދާ ބަހައްޓައިފި ނަމަ ނުވަތަ އުފުލައިފި ނަމަ، އެއީ އިސްތިހާރުކުރުން ކަމުގައި ބެލެވޭނެކަމަށް.
  • – ދުންފަތް ހެއްދުމާއި ދުންފަތާއި ދުންފަތުގެ ބާވަތްތައް އުފެއްދުން މަނާކުރާ މާއްދާގެ ދަށުން، ދުންފަތުގެ އެއްވެސް ބާވަތެއްގެ ގަހެއް، އެއްވެސް މިންވަރަކަށް ހެއްދުން ނުވަތަ ދިވެހިރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އުފެއްދުން.
  • – ދުންފަތް ގަހާއި، ދުންފަތުގެ ގަހުގެ އޮށް ހިމެނޭހެން، ދުންފަތް ގަސް ހެއްދުމަށް ބޭނުންކުރެވިދާނެ އެ ގަހުގެ އެ ނޫންވެސް ބައެއް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއްގެ އުފެއްދުން.
  • – ޤާނޫނާ ޚިލާފަށް ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުމާއި، ސްޕޮންސަރކުރުމާއި، ޕްރޮމޯޓުކުރުން.
  • – ޤާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ފަރާތަކުން ދުންފަތް ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުން ނުވަތަ ދިވެހިރާއްޖޭގައި ބެހުން ނުވަތަ ވިއްކުން.

އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކޮށް، ޤާނޫނާ ޚިލާފުވެއްޖެ ނަމަ، ޖޫރިމަނާކުރެވޭނެ އަދަދުތަކެއް ވަނީ ކަނޑައަޅައިފައެވެ.

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ.

އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާވުމާ ގުޅޭ މި ޤާނޫނުގެ 2-10 ވަނަ މާއްދާއަށް ޢަމަލުކުރަން ފަށާނީ، 15 ޑިސެންބަރު ގައެވެ. މި ޤާނޫނުގެ ދެންހުރި މާއްދާތަކަށް ޢަމަލުކުރަން ފަށާނީ، 15 ނޮވެންބަރުން ފެށިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *