ސ. ގަން ފިޔަވައި ރާއްޖެތެރޭގައި ފުރަތަމަ އެޅި އެއާޕޯޓަކީ ލ. ކައްދޫ އެއާޕޯޓެވެ. އެއީ އެސްޓީއޯ އާއި ރީޖަނަލް އެއާޕޯޓްސް ގުޅިގެން ކަހަލަ ގޮތަކަށް މަސައްކަތްކުރި ދުވަސްވަރެކެވެ. ރައީސް މައުމޫންގެ ޒަޢާމަތުގައި އެ ދުވަސްވަރު، އެންއެސްއެސް އާއި އެސްޓީއޯ ހިންގަވަން ހުންނެވި ބޭފުޅަކީ އިލްޔާސް އިބްރާހީމެވެ. އެހެންކަމުން ފެންނާން އެ އޮތީ އިލްޔާސްގެ ލީޑަރޝިޕްގައި ފެށިގެންދާ މުހިންމު ޕްރޮޖެކްޓެކެވެ. އެއާޕޯޓުތައް އެޅުވުމުގެ މަސައްކަތް ހިންގެވީ އިލްޔާސްގެ ބެއްލެވުމުގެ ދަށުންނެވެ. އެއީ އަލަށް ހެދި މިފަދަ އެއާޕޯޓުތަކަށް، ސެނެކާ- ސެސްނާ- ސްކައިވޭން- ޑޯނިއާ ފަދަ މަތިންދާބޯޓުތައް ތިރިކުރަން ފެށި ޒަމާންތަކުގެ ފެށުމަށް އަލިވިލޭ ދުވަސްވަރެވެ.
ގ. މެހުރާ އަޙުމަދު މަހުރީނަށް، ކުއްލިއަކަށް ކައްދުއަށް ފުރަން އަންގަވައިފިއެވެ. އޭރު އެތާ ހުންނަވާ އިސްބޭފުޅަކީ ކައިރު ތުއްތުމަނިކެވެ. ދެން މުޙައްމަދު ތައުފީޤު (ޓޯޕީ) އާއި ޓީމެވެ.
އުމުރުން 22 އަހަރުގެ ޒުވާން މަހުރީން އެ ފުރަނީ ސިވިލް އިންޖިނޭރެއްގެ ޒިންމާ އުފުލައި، ކުރެހުންތައް ކުރަހައިގެން، މި ދެންނެވި އެއާޕޯޓު އަޅާށެވެ.
މަހުރީނަކީ ހުޅުލޭ އެއާޕޯޓު އެޅި ބޭރުގެ ކޮންސަލްޓަންޓުންނާއެކު، މަސައްކަތްކުރި އެކަކެވެ. އެހެންކަމުން މިކަމުގައި އޭނާގެ ތަޖުރިބާ ބޮޑެވެ.
ކައްދުއަށް މަހުރީން ގޮސް ރެއާއިދުވާލުގެ މަސައްކަތުން ކުރެހުންތައް ކުރަހައި، އެ ޒަމާނުގައި ރަންވޭ ހަދަން ރާއްޖެއިން ލިބެން ހުރި އަކިރި ފަދަ ސާމާނުގެ ބޭނުންހިފައި މުޅި ޓީމު ގުޅިގެން އިލްޔާސްގެ އިރުޝާދުގެ ދަށުން، ކައްދޫ އެއާޕޯޓު ނިންމިއެވެ. އެ މަސައްކަތުގައި އުޅުއްވި ޓޯޕީ ވިދާޅުވި ގޮތުގައި އެ ބޭފުޅުން އެތަނަށް ވަޑައިގެން ކުދިކުދި ހަޓުތަކެއް އަޅައިގެން އެ ހަޓުތަކުގައި ގުރޫޕްގްރޫޕަށް ދިރިއުޅެން ފެށީ މި ޕްރޮޖެކްޓު ނިންމާށެވެ. ރޭގަނޑު މަހުރީން ކޮމްޕިއުޓަރުން ކުރެހުންތައް ކުރައްސަވާއިރު، އޭނާއާ އެކު ޓޯޕީވެސް އިންނަވާ ކަމަށް ވެއެވެ.
ކާމިޔާބުކަމާއެކު ކައްދޫ އެއާޕޯޓު ނިންމާލި ހިނދު، މަހުރީނަށް ދެން ޙަވާލުވީ ހަނިމާދޫ އެއާޕޯޓު އެޅުމެވެ. އަނެއްކާވެސް މަހުރީނާއި ޓޯޕީއެވެ. ޖަޕާނުގެ ކޮންސަލްޓެންޓެއް ހުއްޓަސް އިސް މީހަކީ މަހުރީނެވެ.
ޓޯޕީ ވިދާޅުވާ ގޮތުންނަމަ، ރައީސް ޔާމީންގެ ރައީސްކަން ފެށެންދެން، އެއާޕޯޓުތައް އަޅަމުން އައީ މަހުރީނުގެ ބެއްލެވުމާއި ކޮންސަލްޓަންސީގެ ދަށުންނެވެ. ފަހުން އޭނާ އުޅުއްވީ ރާއްޖޭގައި އަމިއްލަ ކުންފުނިތަކުން އެޅި އެއާޕޯޓުތަކުގެ މަސައްކަތުގައެވެ. ނިޔާވުމާ ހަމައަށް ވެހެވެ.
ޓޯޕީ ވިދާޅުވި ގޮތުގައި އެއާޕޯޓު އެޅުމުގެ ތަޖުރިބާކާރަކަށް މަހުރީންވީ ވަރަށް ބުރަކޮށް، ޝައުގުވެރިކަމާއެކު ކުރެއްވި މަސައްކަތްޕުޅުންނެވެ. އޭނާގެ 64 އަހަރުގެ މުޅި ޙަޔާތް އެ ދިޔައީ އެ މަސައްކަތުގައި އުޅުއްވުމުގައެވެ.
ހއ. ހޯރަފުށީ އެއާޕޯޓު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވާ ބޭފުޅެއްގެ ސްޕީޗު ނޯޓު ތައްޔާރުކުރުމުގެ ތެރޭގައި، އެއްރޭ އަޅުގަނޑު މަހުރީނާ ގުޅީމެވެ. އިރުކޮޅެއްގެ ތެރޭގައި ރާއްޖޭގެ އެއާޕޯޓުތަކުގެ މުޅި ތާރީޚު، އަޅުގަނޑުގެ މެއިލަށް މަހުރީން ފޮނުއްވައި ދެއްވިއެވެ. އަޅުގަނޑުމެންނީ ކުރީންވެސް ރަށްޓެހިންނެވެ. ނަމަވެސް މި މެއިލް ވެގެންދިޔައީ މަހުރީނާއެކު އިތުރު ވާހަކަތަކަށް ހުޅުވުނު ދޮރަކަށެވެ. އޭނާގެ ތަޖުރިބާއަށް އަޅުގަނޑު ކަރުހިއްކައިގަތެވެ. މަހުރީންވެސް އަޅުގަނޑާ އެ ކަންކަން ހިއްސާކުރިއެވެ. ރާއްޖޭގެ ވައިގެ ބަނދަރުތަކާއި އޭވިއޭޝަން ފުޅާވި ގޮތް ރިސާޗު ކުރާން ފެށުނީ މަހުރީނު ހުޅުވާލި ދޮރުންނެވެ. ވީއައިއޭގެ ޓަވަރުގައި އެއާޓްރެފިކް ކޮންޓްރޯލަރުން އެދޭ ޚިދުމަތް ބަލައިލަން ދިޔައީ، މި ޝައުގުގާ ހުރެ، ފޮތެއް ލިޔާހިތުންނެވެ. މަހުރީނަކީ މިކަން އަޅުގަނޑުކުރަން ހިތްވަރުދެއްވި ފަރާތެވެ.
މިއަދު އަޅުގަނޑުމެންނާ ވަކިވެގެން އެ ދިޔައީ ރާއްޖޭގެ ތާރީޚުގެ މުހިންމު ސަފުޙާއެކެވެ. ހިމޭން ޚިދުމަތްތެރިއެކެވެ. އޭނާގެ އަތްޕުޅަށް އާންމު ޚިދުމަތުގެ އިނާމު ފަދަ ފަތްތައް އެރިހެނެއް ހިޔެއް ނުވެއެވެ. އެކަމަކު އެއީ މި ހުރިހާ އެއާޕޯޓުތައް ވުޖޫދު ކުރުވަން އެންމެ ބުރަ މަސައްކަތްކުރި އާރުކާޓީއެވެ. ހިމޭން ޚިދުމަތްތެރިޔާއެވެ. މާތް ﷲ އަޅުގަނޑުގެ އަޚް މަހުރީނުގެ ފާފަ ފުއްސަވާށިއެވެ. ސުވަރުގޭގެ މަތިވެރި ދަރަޖަ މިންވަރު ކުރައްވާށިއެވެ. އާމީން!




advertisment