Support Us

މޫސުމީ ބަދަލުތަކުން ކުރިމަތިވެފައި އޮތް ނާޒުކު ޙާލަތުން ސަލާމަތްވުމަށް ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރާނަން: ރައީސުލްޖުމްހޫރިއްޔާ

މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ނާޒުކު ޙާލަތު ރަނގަޅު ކުރުމަށްޓަކައި، އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯއްދެވުމަށް، ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ އަޑުއިއްވަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމީ އިޙުތިފާލުގައި، ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން، ތިމާވެއްޓާއި މޫސުމީ ނޭދެވޭ ބަދަލުތަކުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުންނެވެ.

ނޮވެމްބަރ 11 ވަނަ ދުވަހު އަޒަރުބައިޖާންގައި ފަށާ ކޮޕް-29 ސަމިޓުގައި، ދިވެހި ރައްޔިތުންގެ ޙައްޤުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ތިމާވެށި ހަލާކު ކުރަމުންދާ ފަރާތްތަކުގެ އަތުން، އެ ގެއްލުން ފޫބެއްދުމުގެ ބަދަލެއްގެ ގޮތުގައި ފައިސާ ހޯއްދެވުމަކީ މި ދަތުރުފުޅުގެ މަޤްޞަދެއްކަން ފާހަގަކުރައްވާފައެވެ.

އަޅުގަނޑުމެންގެ މި ޤައުމަކީ ތިމާވެށީގެ ގޮތުން ވަރަށް ނާޒުކު ޤައުމެއް ކަމަށާއި، ސަރަޙައްދީ ތަރައްޤީ ބޭނުންވާ ސަބަބަކީ އެއީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ނުވަތަ ކްލައިމެޓް ޗޭންޖަކީ ޙަޤީޤަތެއް ކަމުގައި ޤަބޫލުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެގޮތުން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތައް ހާސިލުކުރުމަށްޓަކައި ތިމާވެށި ހިމާޔަތް ކުރުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ޤައުމު ތަރައްޤީ ކުރުމުގެ ކަންކަން ކުރިއަށް ގެންދަވަން ބޭނުންފުޅުވަނީ ދެމެހެއްޓެނިވި ރޫޙެއްގައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މިރޮނގުން ކުރައްވާފައިވާ ބައެއް ކަންކަމުގެ މައްޗަށް ޚުލާސާ ގޮތެއްގައި އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ ޖުމުލަ ހަކަތައިގެ ތެރެއިން، ތިމާވެއްޓާ ރައްޓެހި، ސާފު ހަކަތައިގެ ނިސްބަތް، 33 އިންސައްތައަށް މަތި ކުރުމަކީ އަމާޒެއް ކަމުގައެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 15 މެގަވޮޓްގެ ސޯލާޕަވަރ އިތުރަށް އުފައްދަން ފެށިފައި ވާ ކަމަށާ، 164 މެގަވޮޓްގެ ސޯލާޕަވަރ އުފެއްދުމުގެ މަޝްރޫޢު މިހާރުވެސް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި "މަގޭ ސޯލާ މަޝްރޫޢު" ފަށައިގެން ކުރިއަށްދާއިރު، ފަސް މިލިއަން ގަސް އިންދާ، ރާއްޖެ ފެހި ކުރުމުގެ މަސައްކަތުގެ ތެރެއިން ހަތަރު ލައްކައަށްވުރެ ގިނަ ގަސް މިހާރުވެސް އިންދިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ބ. އަތޮޅުގެ އިތުރުން، އިތުރު ތިން ރަށެއްގައި ބަޔޮސްފިޔަރ ރިޒަރވް ހަދަން ނިންމަވާފައިވާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން 17 ރަށެއްގައި ކުނިކޮށި ހެދުމާއި، ކުނި އުފުލަން ޚާއްޞަ އުޅަނދުތަކެއް 99 ރަށަކަށް ހަދިޔާ ކުރުމާއި، ކުނި މެނޭޖު ކުރުމުގެ އިތުރު އެހެން އެހީތައް ފޯރުކޮށްދެވިފައި ވަނީ ތިމާވެށި ހިމާޔަތް ކުރުމުގެ ނިޔަތުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *