Support Us

އިޚުލާސްތެރި ވެރިކަމެއް ކުރާ މީހަކު ޝަރުޢީ ދާއިރާ މިނިވަންކުރާނެ: ރައީސުލްޖުމްހޫރިއްޔާ

އިޚުލާސްތެރި ވެރިކަމެއް ކުރާ މީހަކު، ޝަރުޢީ ދާއިރާ މިނިވަންކޮށް، އެހެން ބަޔަކަށް ބަރޯސާވާން ނުޖެހި، އާދޭސްކުރަން ނުޖެހި، ސަލާންޖަހަން ނުޖެހޭނޭ ގޮތަށް ކަންކަން ފަހިކޮށްދޭނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރޭ ދަރުބާރުގޭގައި ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވަމުންނެވެ.

އަދުގެ ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒެއް ނުފޯރުވާނޭކަމަށް ވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނު މަޤާމާ ހަވާލުވެވަޑައިގެންނެވި ދުވަހުންފެށިގެން މިއަދާ ހަމައަށްވެސް، ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒުފޯރުވާފައި ނުވާނެކަމަށާއި، ކުރިއަށްއޮތްތަނުގައިވެސް ނުފޯރުވާނޭކަމުގެ ޔަޤީންކަން އަރުވާފައެވެ. އޭގެ ބަދަލުގައި މި ސަރުކާރުން މަސައްކަތް ކޮށްފައިވާނީ، ޝަރުޢީ ދާއިރާއަށް ބޭނުންވާ ކަންތައްތައް ފަހިކޮށްދެއްވުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، އަންނަ އަހަރު ކްރިމިނަލް ކޯޓުގެ ޢިމާރާތް ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ނިމި، ސުޕީރިއަރ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ފެށި، ޝަރުޢީ ދާއިރާއަށް ބޭނުންވެފައިވާ ޢިމާރާތުގެ ޖާގައިގެ ބޮޑެތި ކަންތައްތަކެއް ހައްލުވާން ފަށާނެކަމަށް އެމަނިކުފާނު ވިދާލުވިއެވެ. އަދި އަންނަ އަހަރު މުސާރަ ބޮޑުވާ މުވައްޒަފުންގެ ތެރޭގައި ޝަރުޢީ ދާއިރާގެ މުވައްޒަފުން ހިމެނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދުސްތޫރީ އިޞްލާޙުގެ މަސައްކަތުގައި އެ އިދާރާއިން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

އަދި ކުރިއަށްއޮތްތަނުގައި ދެ ކަމެއްގައި ރައްޔިތުންނަށް ފެންނަ ގޮތް ބެލުމަށް ވޯޓެއް ނެގުން އެކަށީގެންވާކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެއީ ޖުމްހޫރީ ދުވަހުގެ ތާރީޚާއި ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރައްވާ ތާރީޚު އެއް ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުގެ މައްސަލައާއި ރިޔާސީ އަދި ޢާންމު އިންތިޚާބުގެ ނިޒާމަށް ބަދަލުގެނައުމުގެ މައްސަލައިގައިކަން އެމަނިކުފަމާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ލޯކަލް ކައުންސިލްތައް ތަމްސީލުކުރާ މެންބަރުންގެ ޢަދަދު، އެ ދާއިރާއެއްގެ އާބާދީއަކާއި ބައްދަލު މިންވަރަކަށް އުނިއިތުރު ގެނައުމުގެ މައްސަލަވެސް މުރާޖަޢާ ކުރައްވަން ގަސްދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކައުންސިލްތަކުގެ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިހާތަނަށް ރާއްޖޭގެ 169 ކައުންސިލާ ސީދާ އެމަނިކުފާނު ބައްދަލުކުރައްވާފައިވާނެކަން ފާހަގަކުރައްވައި، ބާކީ ހުރި ކައުންސިލްތަކާ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ބައްދަލުކުރައްވާނޭކަމުގައި ވިދާޅުވެފައެވެ.

"ކަންކަމުގެ ޙަޤީޤަތް އެނގެނީ ބައްދަލުކުރީމާ، އެރަށަކަށް ގޮސް، އެ އަތޮޅަކަށް ގޮސް، ރައްޔިތުން ކައިރީގައި އިށީނދެ އިނދެގެން، އަމިއްލަ އަތުން އަމިއްލަ ގަނޑުގައި ލިޔުނީމަ އެނގޭނީ،" ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމާމެދު އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ޗައިނާގެ ހިލޭ އެހީ ހަމަޖެހުމާއެކު 50 ރަށެއްގައި ކައުންސިލް ޢިމާރާތް ބިނާކުރުމުގެ މަސައްކަތާއި، އިތުރު ފަންސާސް ރަށުގައި ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކައުންސިލް އިމާރާތްތައް އަޅަން ފެށުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށްގެންދާނޭ ކަމުގައިވެސް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *