Support Us

ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފި

މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޛަށް ވަޑައިގެންފިއެވެ.

ކިންގް ޚާލިދް އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވީ، ރިޔާޛު ސަރަޙައްދުގެ ޑެޕިއުޓީ ގަވަރނަރ، ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޢަބްދުލްޢަޒީޒެވެ.

މަތީ ފަންތީގެ ވަފުދަކާއެކު ކުރައްވާ މި ދަތުރުފުޅުގައި، އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރާތްތެރި މައްސަލަތަކާމެދު، ސަރަޙައްދީ އިސްވާރުން ކުރައްވާ މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ސަމިޓުގައި މަޝްވަރާތައް ބިނާކުރައްވާނީ، 2023 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޛުގައި ނިންމި ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގެ ނިންމުންތަކުގެ މައްޗަށެވެ.

ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި އަޑުއުފުއްލަވައި، އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކުރަވައި، ޕަލަސްތީނާއި ލުބްނާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވާމުންނެވެ. ސަރަޙައްދީ ސުލްޙަ އާއި ޢަދާލަތަށް ގޮވާލެއްވުމުގައި އެމަނިކުފާނު ގެންގުޅުއްވާ ސާބިތުކަމަކީ، މި މައްސަލައިގައި އަނިޔާ ލިބެމުންދާ މީހުންނަށް ދިވެހިން ކުރާ ތާއީދުގެ ހެއްކެކެވެ.

މިއަދު ބާއްވާ ސަމިޓުގެ ސެޝަންގައި، ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވަވާނެއެވެ. ދިވެހި ރާއްޖޭގެ ވަފުދަށް މެހުމާންދާރީ އަދާކުރައްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުންނެވެ.

މިއަދު މެންދުރުފަހު، ރައީސުލްޖުމްހޫރިއްޔާ މި ސަމިޓުގައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *