ކުރީ ސަރުކާރުގައި ބަންދުކޮށްފައި ހުރި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.ސީ) މާލެ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ހުޅުއްވައިދެއްވައިފިއެވެ. ސީ.އެޗް.އެސް.އީ. މާލޭގައި އަލުން ހުޅުވައިދެއްވާފައި މިވަނީ އެ ސްކޫލުގެ ޢިމާރާތުގެ އާބާތުރަފިލުވުމަށްފަހު މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިރޭގެ ރަސްމިއްޔާތުގައި، ސީ.އެޗް.އެސް.އީ.ގެ އެހާރާއި މިހާރުގެ ހަނދާނީ ރަމްޒެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކޫލުގެ ފަސް ދަރިވަރެއްގެ ބައިވެރިވުމާއެކު ބޭއްވި "ޤައުމުގެ މުސްތަޤުބަލާމެދު ދަރިވަރުންގެ އުންމީދު" ފޯރަމް ބައްލަވާލައްވާފައެވެ.
ސީ.އެޗް.އެސް.އީ.އަށް 45 އަހަރު ފުރުމާ ގުޅިގެން މިދިޔަ ޖުލައި މަހުގެ ތިން ވަނަ ދުވަހު ބޭއްވި ޚާއްޞަ އެސެމްބްލީގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މަތީ ޘާނަވީއަށް ކިޔެވުމުގެ އިންތިޒާމު ފުރަ މާލޭގައި މިއަހަރު ސަރުކާރުން އަލުން ހަމަޖައްސެވުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. މިރޭ ސީ.އެޗް.އެސް.އީ– މާލެ ހުޅުވިގެންދިއުމާއެކު ފުރަ މާލޭގައި މަތީ ޘާނަވީއަށް ކިޔެވުމުގެ ފުރުސަތު އަލުން މިވަނީ ތަނަވަސްވެގެން ގޮސްފައެވެ.
ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ މަތީ ޘާނަވީއަށް ކިޔަވަން ބޭނުންވާ ހުރިހާ ކުދިންނަށް މާލޭގައާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ ފުރުޞަތުތައް ސަރުކާރުން އިތުރުކުރެއްވުމަށް މަަސައްކަތް ކުރައްވަމުންދާކަން ހާމަކުރައްވާފައެވެ.
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން މާލޭގައި މިރޭ އަލުން ހުޅުވިގެންދާއިރު މި ސްކޫލުގައި މިހާރު 424 ދަރިވަރުން ދަނީ ތަޢުލީމު ހާޞިލްކުރަމުންނެވެ.
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން އެންމެ ފުރަތަމަ ހުޅުވާފައިވަނީ 3 ޖުލައި 1979 ވަނަ އަހަރުގައެވެ.



advertisment