Support Us

މޫސާ ޖަލީލަށް ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް އަރުވައިފި

ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ އަރުވައިފިއެވެ. މި ޢިއްޒަތް މޫސާ ޢަލީ ޖަލީލަށް އެރުވީ މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

މި ޢިއްޒަތް މޫސާ ޢަލީ ޖަލީލަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޢަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާއި، ޚާއްޞަކޮށް، 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި އެމަނިކުފާނު ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

މޫސާ ޢަލީ ޖަލީލު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، 1980 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ. އެމަނިކުފާނު ދިވެހި ޢަސްކަރިއްޔާގައި އިޚްލާސްތެރިކަމާ އެކުގައި އަދާކުރެއްވި ޤައުމީ ޚިދުމަތާއި، ދެއްކެވި މަތިވެރި އަޚްލާޤުގެ ސަބަބުން، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 9 ކުލައާއި، 11 މެޑެލް ލިބިވަޑައިގެންފައިވެއެވެ. އެގޮތުން ލިބިވަޑައިގެންފައިވާ ބައެއް ކުލަތަކުގެ ތެރޭގައި އިޚްލާސްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލަ، އަދި އަޚްލާޤީ ކުލަ ހިމެނެއެވެ. މީގެއިތުރުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ބައެއް މެޑެލްތަކުގެ ތެރޭގައި، 3 ނޮވެންބަރުގެ މެޑެލް، ޖިހާދުގެ ރަތް މެޑެލް، ހުރަވީ ރަން މެޑެލް، ނަމޫނާ ޢަސްކަރީ އިސް ޚިދުމަތްތެރިންގެ މެޑެލް، މަތިވެރި ޚިދުމަތުގެ މެޑެލް އަދި ރައިސުލްޖުމްހޫރިއްޔާގެ މެޑެލް ހިމެނެއެވެ.

މޫސާ ޢަލީ ޖަލީލަކީ ދިވެހި ޢަސްކަރިއްޔާގެ އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ދިވެހި ޢަސްކަރިއްޔާގެ ޢަސްކަރީ އެންމެ އިސް ކޮމާންޑަރެއްގެ މަޤާމާއި އެމް.އެން.ޑީ.އެފްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ހިމެނެއެވެ. އަދި މިނިސްޓަރ އޮފް ޑިފެންސް ނޭޝަނަލް ސެކިއުރިޓީގެ މަޤާމުވެސް އެމަނިކުފާނު ފުރުއްވާފައިވެއެވެ.

.މިރޭގެ ޖަލްސާގައި މޫސާ ޢަލީ ޖަލީލަށް ޢިއްޒަތް އެރުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު އިއްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *