Support Us

ނުގުޑާ ފަދަ ޢަޒުމަކާއެކު ދިވެހިންގެ އެއްބައިވަންތަކަން ހިފަހައްޓަންވާނެ: ރ. މައުމޫން

އެއްވެސް ކަމެއްގެ ސަބަބުން ޤައުމީ ވަހުދަތަށް އުނިކަން އައިސްގެން ނުވާނޭ ކަމަށާއި، ނުގުޑާ ފަދަ ޢަޒުމަކާއެކު ދިވެހިންގެ އެއްބައިވަންތަކަން ހިފަހައްޓަންވާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިހެން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ދުނިޔޭގެ ކަންތައްތައް ބަދަލުވަމުންދާ ގޮތުން ރާއްޖޭގެ ޤައުމީ މަސްރަޙަށް ބަދަލުތަކެއް އައި ނަމަވެސް، އަދި ޒަމާނާ އެކަށީގެންވާ ގޮތަކަށް ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތައް ބަދަލުވަމުން ދިޔަ ނަމަވެސް، ރާއްޖޭގައި ސިޔާސީ ޕާޓީތަކެއް އުފެދި ހިނގަމުންދިޔަ ނަމަވެސް، މިއިން އެއްވެސް ކަމެއްގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމީ ވަހުދަތަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެ،" ރައީސް މައުމޫން ވިދާޅުވިއެވެ.

ނަޞްރުގެ ދުވަހުން ޙާޞިލުކުރެވިދާނެ ޢިބުރަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް މައުމޫން ވަނީ، ޤައުމީ އުޞޫލުތަކަކީ ސިޔާސީ ކަންކަމަށްވުރެ އިސްކަންދޭންޖެހޭ ކަންތައްތަކެއްކަން ހަނދުމަފުޅުކޮށްދެއްވައިފައެވެ. އަދި ޤައުމުގެ ޢިއްޒަތާއި ޝަރަފަށްޓަކައި ފުރާނައިން ޤުރުބާންވުމަކީ ދިވެހިންގެ ތެރޭގައި ވަރަށް ފުނަށް، ބިންވަޅުނެގިފައިވާ ކަމެއްކަން ނަޞްރުގެ ދުވަހު އެނގިވަޑައިގެންނެވި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެ ދުވަހު ޝަހީދުވި ސިފައިން ރައީސް މައުމޫން ސިފަކުރެއްވީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި އަދި ދިވެހިރާއްޖޭގެ ޢިއްޒަތާއި ޝަރަފަށްޓަކައި މަރުވެދިޔަ ޤައުމީ އަބުޠާލުންގެ ގޮތުގައެވެ. އަދި އެ ދުވަހު ޤައުމަށް ލިބުނު ނަޞްރަކީ، މާތް ﷲގެ ހަޟްރަތުން ލިބުނު ނަޞްރެއްކަން ހަނދާންކުރަންޖެހޭ ކަމަށާއި، އަޅުގަނޑުމެންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިވެސް އަޅުގަނޑުމެންގެ އީމާންކަން ވަރުގަދަކޮށް، މާތް ﷲ އަށް އޮންނަ ލޯބި އިތުރުކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

އޭރުވެސް، އަދި ފަހުންވެސް، ދިވެހި ސިޔާދަތައް ތާއީދުކުރާ، އެކުވެރި ޤައުމުތަކާއި، ބައިނަލްއަޤުވާމީ ޖަމާޢަތްތަކަށް ޝުކުރު ދަމަހައްޓަންޖެހޭ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ނަޞްރުގެ ދުވަހު އެހީތެރިވެދިން ޤައުމުތަކާއި ޖަމިއްޔާތަކުގެ އަގުވަޒަންކުރަންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ ސިޔާސީ އޮއިވަރުތައް ހިނގަމުންދާގޮތުން ރާއްޖެއަށް ކުއްލި ނުރައްކަލެއް ދިމާވުމަކީ ވެދާނޭ ކަމެއްކަމަށާއި، ދިވެހިން އަބަދުވެސް ތިބެންވާނީ ހޭލާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ވަރުގަދަކުރައްވައި ދެމެހެއްޓެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތައް، ރައީސް މައުމޫން ވަނީ ޝުކުރުއަދާކުރައްވައި، ސާބަސް ދެއްވާފައެވެ.

ރައީސް މައުމޫންގެ ވާހަކަފުޅު ނިންމަވާލެއްވީ، ދިވެހި ޤައުމު އިސްލާމްވީއްސުރެ، ދިވެހި ރާއްޖެ އޮތީ އިސްލާމީ އުއްމަތުގެ ރޫޙާނީ ވިންދު ޖަހާ ގުނަވަނެއްގެ ގޮތުގައި ކަމަށް ވިދާޅުވެ، ފަލަސްތީނުގެ އުޚުއްވަތްތެރި ރައްޔިތުން، އަދި ވަކިން ޙާއްސަކޮށް ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އިސްރާއިލުގެ ލާއިންސާނީ އަނިޔާ ކުށްވެރިކޮށް ފަލަސްތީނުގެ ޖިހާދަށް ތާއީދުކުރުމުގައި ދިވެހިން ދެމިތިބުމަށް ދިވެހިންނަށް އިލްތިމާސްކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *