Support Us

އަމިއްލަ ނަފުސަށް އިތުބާރުކޮށް، ޤައުމީ ވިސްނުމުގައި ބައިވެރިވުމަށް އިލްތިމާސްކުރައްވައިފި

އަމިއްލަ ނަފުސަށް އިތުބާރުކޮށް، އަމިއްލަ ސިކުނޑިން ވިސްނައިގެން ހޯދި ނަތީޖާގެ ފޮނިމީރުކަން، އަމިއްލަ ނަފުސަށާއި، ޢާއިލާއަށާއި ޤައުމަށް ހޯދައިދިނުމުގެ ވަރުގަދަ ޢަޒުމުގައި ކުރިއަށް ދިއުމަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން އިލްތިމާސްކުރެއްވީ، ދަރުބާރުގޭގައި މިއަދު ހެނދުނު ކުރިއަށް ދިޔަ، ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދަސްވެނިންނަށް މިއަދު ލިބުނު ކާމިޔާބަކީ އެތައް ދުވަހެއްގެ މަސައްކަތާއި ޤުރުބާނީކަން ފާހަގަކުރައްވައި، އެއީ އެކަމަކަށް މަސައްކަތްކުރާ އަޅުންނަށް މާތް ﷲ ތަނަވަސްކޮށްދެއްވާ ރަޙުމަތެއްކަން ހަނދާންކޮށްދެއްވިއެވެ. އަދި މި ނަތީޖާއާއެކު އަމިއްލަ ދިރިއުޅުން އާރާސްތުކޮށް، ޤައުމަށް ކޮށްދެވެން އޮތް ކަމެއްގައި ކުރިއަރާ ދިއުމުގެ ޢަޒުމު ވަރުގަދަ ކުރުމަށްވެސް އެމަނިކުފާނު ހިތްވަރުދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޢަޒުމަކަށް ވާންވީ، ގޮންޖެހުންތައް އިތުރުވިކަމުގައިވިޔަސް އަމިއްލަ ނަފުސަށް އިތުބާރުކޮށް، ޕޮޒިޓިވް ވިސްނުމެއްގައި، ތިމާއަކީވެސް ކަންކަން ކުރެވޭނެ މީހެއްކަމަށް ޤަބޫލުކޮށްގެން މަސައްކަތުގެ ނަތީޖާ ނެރުންކަމުގައި ވިދާޅުވިއެވެ. އަދި ދިވެއްސަކަށްވީތީ ޤައުމަށް ކޮށްދޭންޖެހޭ ކަންކަމަކީ ލޯމަރާލެވެން އޮތް ކަމެއް ނޫންކަމީ، ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޤައުމު މިހާ ހިސާބަށް ގެނެސްދެއްވި އަބުޠާލުންގެ ޤުރުބާނީއަކީވެސް ހަނދާންނެތިކޮށްލެވޭނެ ޚިދުމަތެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމެއް ކުރިއަރާ ދާނީ މައިގަނޑު ދެ ގޮތަކުން ކަމަށާއި، އެއީ ފިކުރީ ގޮތުންނާއި ފެންނަން ހުންނަ ކަންކަމުން ހޯދައިގަންނަ ކުރިއެރުމުގެ ތެރެއިންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ މި ރޮނގުން މިއަދު ރާއްޖެ ހޯދަމުންދާ ކުރިއެރުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ރައްޔިތުން ގެދޮރުވެރިކުރުވުމަށް، ބޯހިޔާވަހިކަމުގެ ދާއިރާގައި އެކަނިވެސް 2.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ޢިއުލާންކޮށް، އެކަމުގެ މަސައްކަތްތައް ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިޤްތިޞާދު ފުޅާކޮށް، މަތީ ތަޢުލީމުގެ ބަހާ އިތުރަށް ތަނަވަސް ކުރަމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޔުނިވަރސިޓީގެ ތަމްރީނު ރިޒޯޓް ތަރައްޤީ ކުރުމާއި، ފަންނުވެރި އިޤްތިޞާދެއް ފުޅާކުރުމާއި، އަދި ގޮންޖެހުންތަކާއި އެކުގައިވެސް ޒުވާނުންނަށް ކުރިއެރުން ކަށަވަރުކޮށްދިނުމަށް ދަޢުލަތުގެ ފެންވަރުގައި، އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތައް ރައީސުލާމްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ޖުމްލަ 311 ދަސްވެނިންނަށް ސަނަދު ހަވާލުކުރި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ، ޤައުމީ ވިސްނުމުގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ. އަދި މުހިންމީ އަމިއްލަ ސިކުނޑިން ވިސްނައިގެން ވަމުންދާ ގޮތް ދެނެގަތުން ކަމަށާއި، އެ މޭރުމުން ކަންކުރުމުން، ޙަޤީޤަތް ސާފުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ޑޮކްޓަރީ ރޮނގުން ފުރަތަމަ ޑިގްރީ ފުރިހަމަކުރި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވާފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންއިން، ފަސްޓް ޑިގްރީ އިން ޑޮކްޓަރ އޮފް މެޑިސިން ފުރިހަމަ ކުރި 21 ދަސްވެނިން ވަނީ ސަނަދު ހާސިލުކޮށްފައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ކުރިއަށް ގެންދިޔަ އެކި ކޯސްތަކުން ޝަރަފުގެ އެވޯޑް ހާސިލުކުރި ދަރިވަރުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާއްޞަ އިނާމާއި ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައެވެ.

ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އިތުރުކޮށް، ޢިލްމީ ދިރާސާގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް ކަނޑައެޅިގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވާ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އަނެއްކާވެސް ރިސޯޓުގެ ވާހަކަ. މި ޤައުމު އިނދަޖެހި ނުދާނީ ބޮޑެތި ނުކުންނަ ކުދިން ދަނޑުވެރިކަމާއި މަސްވެރިިކަމާއި މަސައްކަތްތެރިކަމުގެ ދާއިރާތައް ދިވެހިންގެ މުށަށް ލާން ތަމްރީނުވެގެން. ޤައުމީ ކަންކަން އެެކުގައި ބޭރަށް ދޫވިޔަ ނުދީ މަސައްކަތްކޮށްގެން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *