Support Us

ރައީސްގެ ބައްޕާފުޅުގެ ޚިދުމަތުގެ އަގުވަޒަންކުރައްވައި ހައިކޯޓުން ދެއްވި ޝަރަފާ ހަވާލުވެވަޑައިގެންފި

ހައިކޯޓުގެ ފަނޑިޔާރުކަމުގައި ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވައި ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނަށް ދެއްވި ގައުންކޮޅާ، އެ މަރުޙޫމްގެ ދަރިކަލުންގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޙަވާލުވެވަޑައިގެންފިއެވެ. އެމަނިކުފާނު މި ގައުންކޮޅާ ޙަވާލުވެވަޑައިގަތީ މިރޭ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ގައި ހައިކޯޓުން އިންތިޒާމްކޮށްގެން ކުރިއަށްދިޔަ "އިސްތިރާޖީ ޢަމަލީ ތަދުބީރު 2025-2027″ އިފުތިތާޙުކުރުމުގެ ރަސްމިއްޔާތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބައްޕާފުޅު ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނަކީ، 5 އޮކްޓޫބަރު 1980 ގައި ދިވެހިރާއްޖޭގެ ހައިކޯޓު އުފައްދަވައި، އެ ކޯޓަށް ފުރަތަމަ ޢައްޔަނު ކުރެއްވި ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނު ޝަރީޢަތާ ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވަނީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިންނެވެ.

ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގައި އިސްތިއުނާފު މަރުޙަލާގެ އެންމެ މަތީ ކޯޓުގެ ގޮތުގައި ހައިކޯޓު ހުރިއިރު އެ ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމުގެ އިތުރުން، ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާން ވަނީ، ބަންޑާރަނާއިބުގެ އޮފީސް ހިންގަވާ އިސް ބޭފުޅެއްގެ ގޮތުގައި، އެޓަރނީ ޖެނެރަލްގެ ނާއިބުކަމުގެ މަޤާމުވެސް އަދާކުރައްވައިފައެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި އިސްލާމީ ތަޢުލީމުގެ ކަންކަން ބަލަހައްޓަވާ އެންމެ އިސް މަސްއޫލުވެރިއެއްގެ މަޤާމުގައިވެސް ޚިދުމަތްކުރައްވައިފައެވެ.

"އަލީގެ މައްޗަށް އައްޔެއް" ފަދަ ދީނީގޮތުން މަޤްބޫލު އެތައް ޕްރޮގްރާމެއްގައި ދިވެހިރާއްޖޭގެ ޤައުމީ މީޑިއާ މެދުވެރިކޮށް އެމަނިކުފާނު ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ދީނީ ތަޢުލީމު އުނގަންނައިދެއްވުމުގެ އިތުރަށް ޢިލްމީ އެކި މައުޟޫޢުތަކުގައި ދިރާސާކުރައްވަައި ލިޔުއްވާފައިވެއެވެ. އިސްލާމްދީނަށް ޚިދުމަތްކުރުމަށް ސަރުކާރުން އުފެއްދެވި ވަރަށް ގިނަ ކޮމިޓީތަކުގައިވެސް އެމަނިކުފާނު ވަނީ ހިމެނިވަޑައިގެންފައެވެ.

ސިޔާސީ ގޮތުންނާ، ޢިލްމީ ގޮތުން ޚިދުމަތްތެރި ޝަޚްޞިއްޔަތުތަކެއް އުފެދުނު ޢާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނަކީ މުޖްތަމަޢުގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެންފައިވާ ޤަދަރުވެރި ބޭފުޅެކެވެ.

މިރޭގެ ރަސްމިއްޔާތުގައި ހައިކޯޓުގައި
ފަނޑިޔާރުންގެ ޚިދުމަތުން މިހާރު ވަކިވެ ވަޑައިގެންފައިވާ 28 ބޭފުޅަކަށް، ޚިދުމަތުގެ ޒިކުރާ އައުކޮށް، ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ޚިދުމަތުގެ ގައުންކޮޅު ޙަވާލުކޮށްދެއްވާފައިވެއެވެ.

މި ރަސްމިއްޔާތުގައި ދިވެހި ދަޢުލަތަށް ދިގު މުއްދަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ދެ ބޭފުޅަކަށް ހަނދާނީ ފިލާ ޙަވާލުކުރެއްވިއެވެ. މީގެ އިތުރުން ފާއިތުވި އަހަރު ގަޑި ނުޖެހި އެންމެ ގިނަ ދުވަހު ހާޒިރުވި ތިން މުވައްޒަފުންނަށް ހަނދާނީ ލިޔުން ޙަވާލުކުރެއްވިއެވެ.

ހައިކޯޓުން 2025 އިން 2027 އަށް ޢަމަލުކުރުމަށް އެކުލަވާލައި މިރޭގެ މި ޖަލްސާގައި އިފުތިތާޙްކުރި އިސްތިރާޖީ ޢަމަލީ ތަދުބީރަކީ ދުރުރާސްތާގެ އިސްތިރާޖުތަކެއްގެ ތެރެއިން ނިޒާމީ ޙައްލުތަކެއް ހޯދުމެވެ. އަދި ކޯޓުގެ މަޢުލޫމާތު އެއްކުރުމާއި، ބެލެހެއްޓުން ހަރުދަނާކޮށް ކޯޓުގެ ނިންމުންތައް ނިންމުމުގައްޔާއި ސިޔާސަތު އެކުލަވާލުމުގައި ޢިލްމީ އަދި ތަހުލީލީ ގޮތް ގެންގުޅުމުގެ ސަޤާފަތެއް ތަޢާރަފުކުރުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *