އިންޑިއާގެ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާ މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ނިއުދިއްލީގައި މަސައްކަތްކުރާ އަދި އެކި ކަންކަމުގައި އުޅޭ ދިވެހިންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ ފުރިހަމަ އެހީތެރިކަން ދިވެހި ހުރިހާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް، މިހާރަށްވުރެ ފުރިހަމަކުރަން މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ރައްޔިތަކު ކޮންމެ ޤައުމެއްގައި ހުއްޓަސް އެ ރައްޔިތަކަށް ދިވެހި ދައުލަތުގެ އެހީތެރިކަން ލިބޭގޮތަށް ސިޔާސަތު ބައްޓަންކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާއެކު ވަގުތު ހޭދަކުރައްވައި، އެފަރާތްތަކުގެ އެކިއެކި ބޭނުންތަކާއި އިހުސާސުތައް އަޑުއައްސަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާއެކު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހަނދާނީ ފޮޓޯއެއް ނެންގެވިއެވެ.



advertisment