އެމެރިކާނުންގެ ބަޔަކު، ޗެޓްޖީޕީޓީ ފަދަ، އާދަޔާ ޚިލާފު ވަރަށް މޮޅު ކޮމްޕިޔުޓަރު ޕުރޮގުރާމެއް ހެއްޖެވެ. އެ ޕުރޮގުރާމުން ކުރާ ކަމަކީ މުސްތަގުބަލު އޮންނާނޭ ގޮތް ލަފާކޮށް ބުނެދިނުމެވެ. ދެން، ދިވެހިންގެ ތިން މީހަކަށް އެ ޕުރޮގުރާމާ ސުއާލުކޮށްލުމުގެ ފުރުސަތު ލިބުނެވެ.
ތިރީގައި އެ ވަނީ އެ މީހުން ކުރި ސުއާލުތަކަށް އެ ސުއާލުތަކަށް ކޮމްޕިޔުޓަރު ޕުރޮގްރާމު ދިން ޖަވާބުތަކެވެ.
ފުރަތަމަ މީހާ: އަހަރުމެންގެ ރާއްޖޭގެ މީހުންނަށް ބޯހިޔާވެހިކަން ލިބެން އަދި ކިހާ ދުވަހެއް ނަގާނެ ހެއްޔެވެ؟
ކޮމްޕިޔުޓަރު: އެއް ހާސް އަހަރު ނަގާނެއެވެ.
ދެން، ފުރަތަމަ މީހާ ދެރަވެގެން ރޯން ފެށިއެވެ!
ދެވަނަ މީހާ: އަހަރުމެންގެ ރާއްޖެ ސިނާއީ ގައުމަކަށް ވާން އަދި ކިހާ ދުވަހެއް ނަގާނެ ހެއްޔެވެ؟
ކޮމްޕިޔުޓަރު: ދެ ހާސް އަހަރު ނަގާނެއެވެ.
ދެން، ދެވަނަ މީހާ ވެސް ދެރަވެގެން ރޯން ފެށިއެވެ!
ތިން ވަނަ މީހާ: އަހަރުމެންގެ ރާއްޖެއިން ކޮރަޕްޝަނާއި ފަސާދަ ނެތިދާން ކިހާ ދުވަހެއް ނަގާނެ ހެއްޔެވެ؟
މި ފަހަރު ކޮމްޕިޔުޓަރަށް އެއްޗެއް ނުބުނެވި، ދެރަވެގެން ރޯން ފެށިއެވެ!
