Support Us

ދީނާއި ދިވެހީންގެ އަސްލުވަންތަކަން ރަނގަޅު މާނައިގައި ފަހުމުވާ ބަޔަކަށް ޒުވާނުން ހަދަންޖެހޭ: ރައީސް

ޤައުމާއި މުޖުތަމަޢުގައި ޒުވާނުން ބާރުވެރިކުރުމަށްޓަކައި ޒުވާން ޖީލުގެ ވިސްނުމާއި ގުޅުވާލެވޭނެ ގޮތަކަށް އިސްލާމްދީނާއި ދިވެހީންގެ އަސްލުވަންތަކަން ރަނގަޅު މާނައިގައި ފަހުމުވާ ބަޔަކަށް އެ ޒުވާނުން ހަދަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހީންގެ ތާރީޚާއި، މިއަދާ ހަމައަށް މިނިވަން ދައުލަތެއްގެ ގޮތުގައި ރާއްޖެ ދެމި އޮތް ޙަޤީޤަތްތައް ޒުވާނުންނަށް ވިސްނޭގޮތަށް އަންގައިދޭންޖެހޭ ކަމަށާއި، އިސްލާމީ ޝަޚްޞިއްޔަތާއި ދިވެހި ޤައުމިއްޔަތަކީ ދިރިއުޅުމުގެ ބަޔަކަށް ހަދަންޖެހޭ ކަމުގައެވެ.

އަދި ވަކި ޖިންސަކަށް ވީތީ ފަރަގުނުކޮށް، ކޮންމެ ޒުވާނަކީ ޤައުމާ އެއްކޮޅަށް ބަސްބުނެ ޤައުމުގެ ތަރައްޤީއަށްޓަކައި މަސައްކަތްކުރުމަށް ތައްޔާރަށް ހުރި ޒުވާނަކަށް ހެދުމުގެ މަސައްކަތްކުރުމުގެ ބޭނުންތެރިކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި ޒުވާން ޖީލުގެ އަޚްލާޤީ އަދި ރޫޙާނީ ދުޅަހެޔޮކަން އިތުރުކުރަން މަސައްކަތްކުރަން ޖެހޭކަން ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މައިގަނޑު ތިން ވާހަކަފުޅެއް ހިއްސާކުރައްވާފައިވެއެވެ. އެއީ އިސްލާމްދީނުގައި އަދި ކީރިތި ޤުރުއާނުގައި މުސްލިމުން ސިފަކުރައްވާފައިވާ ގޮތާއި، އަދުގެ ދިވެހިރާއްޖޭގެ މުޖުތަމަޢުން ފެންނަ ދީނާ ޚިލާފު ކަންކަމާއި އަދި އެ ކަންކަން އިޞްލާޙުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ވާހަކަފުޅެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާޚިރު މަހުގެ ދެ ވަނަ ދުވަހެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *