Support Us

ގާސިމްގެ ތައުރީފު ރައީސަށް: "ރާއްޖެއަކީ ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ޤައުމެއްކަން އެވަނީ ވަރަށް ސާބިތުކަމާ އެކު ދައްކުވައިދެއްވައިފައި"

ރާއްޖެއަކީ މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ޤައުމެއްކަން އދ.ގެ ޖަލްސާތަކުގައި ވަރަށް ސާބިތުކަމާ އެކު ދައްކުވައިދެއްވައިފި ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް، ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.

ގާސިމް މި ތައުރީފުތައް އައީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ރާއްޖެ ވަޑައިގަތުމާއެކު އެކްސްގައި ކުރެއްވި ދިގު ޕޯސްޓެއްގައެވެ.

ގާސިމްގެ އެ ޕޯސްޓް ތިރީގައި މި ވަނީއެވެ.

"ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ‎@MMuizzu އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ދިވެހިރާއްޖެ ތަމްސީލް ކުރެއްވުމަށްފަހު، މިއަދު އެނބުރި ޤައުމަށް ވަޑައިގެންނެވުމުން އަޅުގަނޑާއި، އަޅުގަނޑު ނިޞްބަތްވާ ޖުމްހޫރީ ޕާޓީގެ ‎@JPSecretariat އެންމެހާ މެންބަރުންގެ ނަމުގައި އެމަނިކުފާނަށް ނުހަނު އިހްތިރާމާއި، އެކު މަރުޙަބާއާއި ތަހްނިޔާ ދަންނަވަމެވެ.

"ޖިއޮގްރަފީގޮތުން ކިތަންމެ ކުޑަނަމަވެސް، އދ ގެ ޢާންމު މަޖިލީހުގެ ސެޝަންތަކުގައި މީގެ ކުރީގައިވެސް ރާއްޖޭގެ ބައެއް ވެރީން ވަނީ ބައިވެރިވެވަޑައިގެން ރާއްޖެ ތަމްސީލް ކުރައްވާ ރާއްޖެއަށް ދިމާވެފައިވާ އެކި އެކި ގޮންޖެހުންތަކާއި، އަދި މުޅިދުނިޔެއަށް ދިމާވެފައިވާ އެކި އެކި ކަންތައްތަކާއި ގުޅޭ ގޮތުން މުނާސަބުގޮތެއްގައި އަޑުއުފުއްލަވާފައެވެ.

"ނަމަވެސް ޝައްކެއްނެތް ގޮތުގައި، މީގެ 59 އަހަރު ކުރީން ދިވެހީންގެ ފަޚުރުވެރި މިނިވަން ދިދަ އދ ގެ އިދާރާގައި ވިހުރެންފެށިފަހުން، މި ޤައުމުގެ ވެރިޔަކު އދ ގައި ދިވެހި ޤައުމު ތަމްސީލް ކުރުމުގައި އަދުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދިވެހިޤައުމު ތަމްސީލް ކޮށްދެއްވީ، ނުހަނު ވިސްނުންތެރިކަމާއި އެކު ވަރަށް ފުރިހަމަ އަދި އެހާމެ މުނާސަބުކޮށް ކަމަށް އަޅުގަނޑު ދެކެމެވެ. މި ލޮބުވެތި ޤައުމަކީ ފަޚުރުވެރި، ކެރޭ، ހަރުދަނާ، ދުރުވިސްނޭ، ޢިލްމާއި ހުނަރު ލިބިފައިވާ، ތަރައްޤީއަށް އުންމީދު ކުރާ ތަޞައްވަރެއް އޮތް، އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ޤައުމެއްކަން، ރައީސް ޑރ މުޢިއްޒު އެވަނީ ވަރަށް ސާބިތު ކަމާއި އެކު ދައްކުވައިދެއްވާފައެވެ.

"އދ ގެ ޢާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި، ރައީސް ދެއްވި ތަޤްރީރު ދުނިޔޭގެ ސަމާލުކަން ލިބިގެންދިޔައެވެ. ރާއްޖޭގެ ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކަށް، ޚާއްސަ ކޮށް ވެރިކަމުގެ 5 އަހަރުގެ ދައުރެއް ލިބިވަޑައިގެންނަމަވެސް އދ ގައި ރާއްޖެ ތަމްސީލް ކޮށްލަން ކެރިވަޑައިނުގަތް ބޭފުޅަކަށް، ރައީސް މުޢިއްޒުގެ ތަޤްރީރު އޮޅުން ފިލާވަޑައި ނުގަތްނަމަވެސް، ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުޙީގައި އެމަނިކުފާނުގެ ތަޤްރީރް އެވަނީ ހިމެނިފައެވެ. މީގެ އިތުރުން އދގެ ސަލާމަތީ މަޖިލީހުގެ ތަޅުމުގައި ތަޤުރީރު ކުރެއްވި ރާއްޖޭގެ ފުރަތަމަ ރައީސް އަކީވެސް އެމަނިކުފާނު ކަމަށް އެވަނީ ތާރީޚުގައި ލިޔެވިފައެވެ. އދ ގެ 78 ވަނަ ޢާންމު ބައްދަލުވުމުގެ ހަވާސާގައި ކުރިއަށް ދިޔަ މުހިންމު އެތައް ބައްދަލުވުމެއްގެ ރިޔާސަތުގައި ކޯ-ޗެއަރއެއްގެ ހައިސިއްޔަތުން ރައީސް މުޢިއްޒު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

"ރައީސް މުޢިއްޒު، އދ ޢާންމު މަޖިލީހުގައި ދެއްވި ފުރިހަމަ ތަޤްރީރާއި އެކު އެކުހެން، އދ ގެ ޢާންމު ބައްދަލުވުމުގެ ހަވާސާ ބައްދަލުވުންތަކުގައި ރައީސް ދެއްކެވި ވާހަކަ ފުޅުތަކާއި، ތަޤުރީރުތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި،ދުނިޔެއާރާސްތުކުރުމުގައި އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކާއި، އަދި މަސްނޫޢީ އިންޓެލިޖެންސް ގެ ތެރެއިން ޑިޖިޓަލައިޒް ކުރުން ފަދަ މައުޟޫޢުތަކަށެވެ. ވަކީން ޚާއްޞަ ގޮތެއްގައި ދިވެހިޤައުމުގެ ވިންދާއި ގުޅިފައިވާ ފަލަސްޠީންގެ މައްސަލައިގައި ސިޙްޔޫނީ ދައުލަތުން ހިންގަމުން ގެންދާ ޖަރީމާތައް ކުށްވެރިކުރައްވާ ދެއްކެވި ވާހަކަ ފުޅު މުޅި އިސްލާމީ ދުނިޔެއާއި، އަދި  ދުނިޔޭގެ ގިނަ ޤައުމުތަކުން ބަލައިގެންފައިވަނީ ނުހަނު މަތީ ތަރްހީބަކާއި އެކުގައިކަން ފާހަގަކުރަމެވެ.

"2040 ގައި ދިވެހިރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭއިރު، އެ ދުވަސް އަންނަންވާއިރު ދިވެހިރާއްޖެއަކީ، ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި އޮތުމަށް މާދަމާއަށް ޓަކައި އެމަނިކުފާނު ކުރައްވާ ތަޞައްވަރުތައް މުޅި ދުނިޔޭގެ ކުރިމަތީގައި ހާމަކޮށްދެއްވާ، މި ދިވެހިފަސްގަނޑާއި، ރައްޔިތުންނާއި މެދު ތިޔަ ދައްކުވައިދިން ފަޚުރުވެރި ނަމޫނާއަށް ޓަކައި، މަނިކުފާނަށް އަދިވެސް އެއްފަހަރު ހިތުގެ އިޚްލާޞްތެރި ތަހްނިޔާއާއި ޝުކުރު އަދާކުރަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މަނިކުފާނަށް ދިގު ޢުމުރުފުޅެއް މިންވަރުކުރައްވާ، ފުރިހަމަ ޞިއްހަތެއްގައި ލަހައްޓަވައި، މަނިކުފާނުގެ ވެރިކަމުގައި ބަރަކާތްލައްވާ، ދިވެހި ރައްޔިތުންނަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރައްވާށިއެވެ. އާމީން"

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *