Support Us

ވާހަކަ: މޫސަގެ އޯގާތެރިކަން

ކަނޑުގެ ވައިރޯޅިއާއެކު ރުއްތަކުގެ ފަންތައް މަޑުމަޑުން ހެލެމުންދެއެވެ. އަވި ދިއްލާފައިވާ ވިލުކުލައިގެ މޫދުން ވިދަމުންދަނީ ދިވެހިރާއްޖޭގެ ރީތި މަލަމައްޗެވެ. ހަތްދިހައިގެ ފަހު އަހަރުތަކުގެ ހިތްފަސޭހަކަން ދިވެހިރާއްޖޭގެ ރަށްތަކުން ފެންނަމުންދަނީ ރީތި ދިރިއުޅުމެއްގައި މުޖުތަމައުގައި އެކުލެވިފައި އޮތް ސާދާކަމެވެ. އިންޑިއާ ކަނޑުގެ ވަކި ހިސާބެއްގައި އަގު ބޮޑު ޖަވާހިރުތަކެއް ފަދައިން އެތުރިފައިވާ މި ޖަޒީރާތަކަކީ ހަމަޖެހުމާއި އުފާވެރިކަން ހޯދުމަށް އެދޭ މީހުންގެ މަންޒިލެކެވެ. މި ޖަޒީރާތަކުގެ މީހުން ދިރިއުޅެމުން ދިޔައީ ގުދުރަތާ ގުޅިފައިވާ މާހައުލެއްގައެވެ. އެމީހުންގެ ދުވަސްތައް ހޭދަކުރަމުންދަނީ ކަނޑުގެ މިއުޒިކާއި ރާގަށް ދިޔަވަރުބޮޑުވެ ދައުރުވަމުންދާ ފަދައިންނެވެ.

ނޭވާ ހިފަހަށްޓާލަންޖެހޭ ފަދަ ރީތި، ހޫނު އަދި ހިތްގައިމު ރަކީދޫގައި އުޅެމުން ދިޔައީ މުޅި ރަށަށް މަޝްހޫރު މީހެއް ކަމަށްވާ މޫސައެވެ. އޭނާއަކީ މިހާރު އުމުރުން ދުވަސްވެފައިވާ މީހެކެވެ. އޭނާ މަޝްހޫރު ވެފައިވަނީ އޭނާގެ އާދަޔާ ޚިލާފު އޯގާވެރި ކަމުގެ ގޮތުންނެވެ. އޭނާގެ ގެއަކީ ދަތުރުވެރީން އަރާމު ހޯދަން އައިސް މަޑުކޮށްލާ މުސާފިރުޚާނާއެކެވެ. މޫސަގެ މެހެމާންދާރީގެ ޚަބަރު އެހިސާބުގެ ގިނަ ރަށްރަށަށް ފެތުރިފައިވެއެވެ. އޭނާ މަޝްހޫރުވެފައި ވަނީ ބީރައްޓެހިންނަށް ހިނިތުންވުމާއެކު މަރުހަބާ ކިޔާ މީހެއްގެ ގޮތުގައެވެ.

ފަން ފުރާޅެއްލައި ދަނޑިފަނުން ބިތުގައި ފަންގިލައި ނުހަނު ރީއްޗަށް ހަދައިފައިވާ މި ބޮޑު ގެ ހުންނަނީ ރަށުގެ އިރުމަތީ ފަރާތުގައެވެ. މިއީ ދަތުރުވެރީން މި ރަށަށް އައިސް ފުރަތަމަވެސް މިސްރާބު ޖަހާ ކިއްލާއެވެ. ދަތުރު ވަރުބަލިވެފައިވާ މީހުންނަށް އޮޅިގެންވެސް ދެވެނީ އެގެޔަށެވެ. އެއީވެސް އާދައިގެ ކަމެއް ނޫނެވެ. އެ މުސްކުޅި މީހާގެ ކިބައިން ފެންނަނީ އޭނާއަކީ އެގެޔަށް އަންނަ އެންމެންގެ ބަފާ ކަމުގެވެ. އެގޭގައި އުޅޭ އިރު އެމީހުންނަށް އިހުސާސް ކުރެވެނީ އެމީހުންގެ މައިފުނަގޭގައި އުޅެވޭހެންނެވެ.

އަވިގަދަ ދުވަހެއްގެ މެންދުރުފަހު މިކުޑަ ޖަޒީރާ އަށް އައީ އަހުމަދު ނަމަކަށް ކިޔާ ޒުވާނެކެވެ. އަޙްމަދަކީ ދުރު ރަށަކުން އައި ދަތުރުވެރިއެއް ކަމުން އޭނާގެ ދެލޮލުގައި ޒުވާންކަމުގެ ދަތުރުފަތުރުގެ ޖޯޝު ފެންނަން ހުއްޓެވެ. އޭނާ ވަނީ އެތައް އަތޮޅުތަކެއް ހުރަސްކޮށް ރާއްޖޭގެ ރީތިކަން ބަލައި ފޮޓޯ ނަގައި ހަދައިފައެވެ. އެ ސާފުތާހިރު ގޮނޑުދޮށުގައި ދިމަދިމާއަށް ކެމެރާ އަޅުވަމުން ދަނިކޮށް އޭނާގެ ލެންސަށް މޫސަގެ ހިތްގައިމު ކިއްލާ އެރިއެވެ. އެގެޔާ ކައިރިވެލާއިރަށް މޫސަގެ އޯގާތެރިކަމުގެ ޖާދޫގެ ތެރެއަށް އޭނާ ދަމައިގަތެވެ. މޫސަ އޭނާއަށް ކީ ނުހަނު ހޫނު މަރުހަބާއެކެވެ.

އަބަދުވެސް އޯގާތެރިކަމާއެކު މެހުމާންދާރީ އަދާކުރާ މޫސަ، އަހުމަދަށް ދައުވަތު ދިނީ އޭނާއާ އެކު މެންދުރު ކެއުމަށެވެ. ދެމީހުން އެކުގައި ބޮޑުއަށްޓަށް އަރައި އެތާ ހުރި ގިނަ ބާވަތުގެ ދިވެހި ކާނާއަށް އިންސާފު ކުރަން ފަށައިފިއެވެ. އަދި އެދެމީހުން ކެއުމުގެ ތެރޭގައި އެކަކު އަނެކަކާ ބެހޭގޮތުން ތައާރަފު ބަދަލު ކުރަމުން ދިޔައެވެ. ބޮޑުއަށިމަތީ ހުރީ ހުސްނުވާހާ ގިނައިން ފެނުކެއްކި ބަނބުކޭލާއި ތާޒާ ގޮދާ ގަރުދިޔައާއި ހުންޏާއި ފިޔަޔާއި މިރުހާއި ލުނބޮއެވެ. އަދި ފަތު ސަޓަނި ވެސް ހުއްޓެވެ. އަހުމަދު އިނީ މޫސަގެ މި ހިތްހެޔޮކަމާއި އޯގާތެރިކަމުގެ ސިފަތައް ފެނުމުން ހައިރާންވެފައެވެ. މޫސަ އޭނައަށް ފެނުނީ އަލަށް ހެނެއް ވެސް ހިޔެއް ނުވިއެވެ. ރައްޓެހިކަން ގާތްކަމަށް ބަދަލުވާކަށް ގިނަ އިރެއް ނުނެގިއެވެ. ކެއުން ނިންމާފައި ދުފާތަބައް ހިފައިގެން މޫސަ، އަހުމަދު ގޮވައިގެން ބޭރުގައި ހުރި ޖޯލިފަތީގައި އިށީނެވެ. މެންދުރުގެ ވަގުތު ނަމަވެސް ވަށައިގެންވާ ބިޔަ ގަސްތަކުން އެތަނަށް ހިޔާ އެޅިފައިވެއެވެ. އަހުމަދު އެންމެ ފަހުން އޭނާ ހިތުގައި އޮތް ސުވާލު މޫސައާ ކުރިއެވެ.

"ބީރައްޓެހިންނާ މެދު މޫސަބެ ތިޔަހާ އޯގާތެރިކަމާއެކު ކަންތައް ކުރަނީ ކީއްވެގެން ހެއްޔެވެ؟ އެކަމުން މޫސަބެއަށް ލިބެނީ ކޮން ފައިދާއެއްތަ؟ ދުވަހަކުވެސް ވަރުބަލިކަމެއް ނެތި މިކަހަލަ މާނައެއް ނެތް ކަމެއް ކުރަމުން ތިޔަ ގެންދަނީ ކީއްވެތަ؟"

ކަނޑުމަތީގައި އުޅެ އަވިން އަނދާފައިވާ މޫސަގެ މޫނުގައި ތަރިތަކެއް ފަދައިންވާ އޭނާގެ ދެލޮލުގައި ވިދުވަރެއް ދިއްލިގެން ދިޔައެވެ. މޫސަ ނުހަނު އުފަލާއެކު އަހުމަދަށް ބަލާފައި ހީނލިއެވެ. އެއީ އޭނާގެ ދިރިއުޅުމާއި އޭނާގެ އަގުތައް ބައްޓަންކޮށްފައިވާ ގޮތުގެ ވާހަކަ މީހަކު އަހާލި ފުރަތަމަ ފަހަރު ވެސް މެއެވެ. އޭނާ އަހުމަދާ ގާތަށް ޖެހިލާފައި ޖެހިލާފައި އެވާހަކަތައް ކިޔައިދޭން ފެށިއެވެ.

ތޫފާނާއި ދަރަނި

މީގެ އެތައް އަހަރެއް ކުރިން ރާއްޖެތެރެއަކީ ކަންނެއް ދިރިއުޅުމެއް ފެންނަ އެކަމަކު ނުހަނު ރީތި ހަމަހިމޭން ރަށްތަކެކެވެ. މޫސަގެ ޒުވާން އުމުރެވެ. އެހެނިހެން ޒުވާނުންވެސް ފަދައިން އޭނާވެސް ދިޔައީ އެކި ކަންކަމުގައި އެގޮތް މިގޮތަކަށް ވަގުތު ހޭދަކުރަމުންނެވެ. އެގޮތުން މޫސަ އެންމެ ޝައުގުވެރިކަމާއެކު ކުރާ ކަމަކީ އޭނައަށް ވާރުތަވެފައިވާ ކުޑަ ބޮއްކުރާގައި މަސްވެރިކަމުގައި ނުކުމެ ހެދުމެވެ. އެއީއަކީ ކޮންމެހެން މަސް ބޭނުމުގައި އޭނާ ކުރާ ކަމެއް ނޫނެވެ. މޫސައެއް އެންމެ އުފާ ލިބެނީ އެ ބޮއްކުރާގައި ކައިރީގައިވާ ފަޅުތަކާއި ފަޅުރަށްތަކުގެ ކައިރިން ހަވީރު ފިންޏަށް ދުއްވާލުމެވެ. މިހެން އުޅެނިކޮށް މަހެއް ބޭނިއްޖެ ނަމަ އޭނަ އައިސް ދެތިން މަހެއް ފިހެލަނީއެވެ. އަދި ބުނި މީހަކަށް މަސްކޮޅެއް ދީވެސް ހަދައެވެ.

ރަށުގައި މަހެއް ބޭނުނަސް ކުރާނެ މާގިނަ ކަންތަކެއް ނޯވެއެވެ. ގަންނާނެ ބަޔަކު ވިއްކާނެ ބަޔަކުވެސް އެދުވަސްވަރަކު ނޫޅެއެވެ. ބަނބުކޭލާއި އެނޫންވެސް ފަލަމަޑީގެ ބާވަތްތައް އަގަކާ ނުލާ ލިބެން ހުރެއެވެ. އެކެއްގެ އަތުގައި ހުންނަ ކާނާއެއް އަނެކަކަށް ދެއެވެ.

މަހަށް ނުދާ ދުވަހެއްގައި ނަމަ މޫސަ ވަންނަނީ ގޭ ފުރަގަހަށެވެ. އެތަނުގައި އެކިބާވަތުގެ ގަސްތައް ހެދިފައި އޮންނަ ބޮޑު ވަލެއް އޮވެއެވެ. އެއީ ރުއްތަކުން ވެސް ފުރިފައިވާ އެރަށުގައި އޮންނަ އެންމެ ބޮޑު ވާވެސް މެއެވެ.

ވައިރޯޅި ރީތި ނަމަ އެވީ ބޮއްކުރާ ދުއްވަން ނުކުންނާށެވެ. ވަށައިގެން އޮންނަނީ މޫދެވެ. އެއަށް ވުރެން ދުރުގައި އޮތީ މާ ކަނޑެވެ. އެހެންނަމަވެސް ކުދި ރަށްރަށުގެ ހޭޅިފަށުން މާކަނޑަށް ނުނުކުމެ ކިތަންމެ އިރަކުވެސް ބޮއްކުރާގައި ދަތުރު ކޮށްލެވިދާނެއެވެ.

އެ ދުވަހު އޭނާ ނަނުގައި އެމެއް އަޅާފައި އެއްލާލައިގެން ދުއްވާ ދުއްވާވެސް މަހެއް ނުގަތެވެ. އެންމެފަހުން ދަނިކޮށް ތަންކޮޅެއް ދުރަށްވެސް ދެވިއްޖެއެވެ. މިއަދު ކޮންމެހެންވެސް މަހެއް ބާނަން އޭނާ ބޭނުންވިއެވެ. މިދިޔަ ހަފްތާ މުޅީން ވަލުތެރޭގައި ހޭދަ ކުރެވިފައިވާތީ ގޭގައި އެންމެ މަސްކޮޅެއްވެސް ނެތީމައެވެ. އެހެންވެ އަދި ގަޑިއެއްހާ އިރު ދުއްވާލާފައި އިރުހުއްޓާ ރަށަށް އާދެވިދާނެޔޭ އޭނާ ހިތަށް އެރިއެވެ.

އޭރު ހުޅަނގުފަރާތުން އުފުލެމުން އައި ކުޑަ ފުސްވިލާ ކޮޅެއް، ބިޔަ ކަޅު ވިލާގަނޑަކަށް ބަދަލުވީތަނެއް މޫސައަކަށް ނުފެނެއެވެ. ކެރި އޮއްސާލީ ހަމަ ކުއްލިޔަކަށެވެ. ވަށައިގެން ބަނަވެ ދެވޭ ނުދެވޭ ދިމާއެއް ވެސް ނޭނގިއްޖެއެވެ. މޫސަ އަވަސްކަމާއެކު ރިޔާ ތިރިކޮށްލާފައި ބޮއްކުރާ ދާނެ ދިމާއަކަށް ދިއުމަށް ދޫކޮށްލިއެވެ. އެނޫން އެހެން ގޮތެއް ވެސް ހަދާކަށް ނެތްމެއެވެ. އެތެރެވަރި ކަމުން ބޮޑު ރާޅުތަކެއް ތިލަ ފަރުތަކެއް ވެސް ނުހުންނާނެ ކަމަށް ހީކޮށެވެ.  އެހެންނަމަވެސް ކަނޑުގެ ތަބީއަތަކީ އެކަކަށް ވެސް އެނގޭ ކަމެއް ނޫނެވެ. އިސާހިތަކު ވައިބާރުވެ ކަނޑުވެސް ގަދަ ވެއްޖެއެވެ. ބޮއްކުރާ ދަނީ ގެނބެމުން ނުގެނބެމުންނެވެ. އެއީ މޫސަ ދުވަހަކުވެސް ދެކެފައި ނުވާ ފަދަ ބިރުވެރި ކަމެކެވެ. އިރު ނުވެސް އޮއްސެނީސް ކުއްލިއަކަށް އަނދިރިވެގެން ދިއުމުން އެ ބިރުވެރިކަން ވަކީން ބޮޑުވިއެވެ. ކަނޑު ގަދަވެ ބިޔަ ރާޅުތައް ހުރިހާ ދިމާއަކުން ބޮއްކުރާއަށް ބިންދަން ފަށައިފިއެވެ. އެންމެފަހުން ބޮއްކުރާ ބަންޑުން ޖަހާލިއެވެ.

މޫސަ އޭނާއަށް އަތު ޖެހުނު އެއްޗެއްގައި ހިފަހައްޓައިގެ ފެންމަތީ އޮވެވޭތޯ ހިތްވަރު ކުރަމުން ދިޔައެވެ. އެހެންނަމަވެސް އިންސާނަކަށް ކެތްކުރެވޭނީ ވަކިވަރަކަށްތާއެވެ. އެންމެ ފަހުން އޭނާގެ ވަށައިގެންވާ ހުރިހާ އެއްޗެއް އަނދިރި ކަމުގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ.

މޫސަ ގޮނޑުދޮށަށް ލައްގާފައިވަނީކޮށް ކޮންމެވެސް ބަޔަކު އޭނާ އުފުލާލައިގެން ދިޔަކަމެއް އޭނައަކަށް ނޭނގެއެވެ. އޭރަކު އޭނާ ހެޔެއް ނާރައެވެ. މޫސަ ދަތުރުކުރި ބޮއްކުރާ ވެސް ބަޔަކު ގޮސް އެއްގަމަށް އަރުވައިފިއެވެ.

މޫސަ ހޭ އެރީ ގެޔެއްގެ ކުޑައަށިމަތީގައި އޮތްވައެވެ. އޭރު އޭނާގެ ބޮލުގައި ފޮތިގަނޑެއް ބަނދެފައި ވެއެވެ. ވަށައިގެން ދެތިން މީހަކު ތިއްބެވެ.

އޭނާ ހޭ އެރުމާއެކު އެމީހުން އޭނާއަށް ސަޔާއި ފާރޮށީގެ ނާސްތާއެއް ދިނެވެ. އެގޭގެ ވެރިޔަކަށް ހުރީ މުހަންމަދުބޭ އޭ ކިޔާ ހިތްހެޔޮ އިސްކޮޅުން ދިގު މީހެކެވެ. ދެން ތިބީ އޭނާގެ އަންހެނުން ސަންފައާއި އެދެމަފިރީންގެ އަންހެން ދަރިފުޅު އައިޝާއެވެ. އެމީހުންގެ ފަރާތުން އޭނާ ލައްގާފައި މިވަނީ އެ އަތޮޅު ކެޔޮދުއަށް ކަން އެނގުނެވެ. މުހަންމަދުބެޔަކީ ދުވަސްވެފައި ހުރި ރަށުގެ ހަރުމީހެކެވެ. އެމީހުންނަކީ މާތަނަވަސް ބައެއް ނޫންނަމަވެސް މޫސައަށް އެމީހުން ހޭހަން ކުރަމުން ދިޔައީ ނުހަނު ދީލަތި ކަމާއެކުގައެވެ.

މޫސަ ކިރިޔާ ތެދުވެލެވޭ އިރަށް  ލަސްނުކޮށް ރަށަށް ދާން އުޅެގަތެވެ. އޭރު މޫސުންވެސް ވަނީ އަލިވެ އޮމާންވެފައެވެ. އެހެންނަމަވެސް އޭނާއަށް ލިބިފައިވާ ޒަޚަމްތައް ފަސޭހަ ވަންދެން މަޑުކުރުމަށް މުހަންމަދުބެއާއި ސަންފަ ބާރު އެޅިއެވެ. އޭރު މޫސައަށް ވެސް އޭނާގެ ގައިގައި އަޅާ ވޭން އިހުސާސު ކުރެވެމުން ދިޔައެވެ. އެހެންކަމުން އޭނާއަކަށް ދެކޮޅެއް ނުހެދުނެވެ. މުހަންމަދުބޭބެގެ އާއިލާއިން ދިން މެހެމާންދާރީ އާދަޔާ ޚިލާފަށް އޯގާވެރިއެވެ. ވަކިން ޚާއްސަކޮށް އައިޝާގެ ލޮލުން ފޮނުވަމުން ދިޔަ އިޝާރާތްތަކެއް އޭނާގެ ހިތް ގައިދުކުރިއެވެ. އެހެން ކަމުން މޫސައަށް މި އުޅެވެނީ އޭނާގެ ލޯބިވާ އާއިލާގެ ތެރޭގައި ކަމަށް ހީކުރެވެމުން ދިޔައެވެ.

އެތައް ހަފުތާއަކަށް ފަހު އެންމެ ފަހުން މޫސަ މުޅީން ގަދަވެ އަމިއްލަ ރަށަށް ރަކީދުއަށް އެނބުރި އަތުވެއްޖެއެވެ. ފުރުމުގެ ކުރީން އޭނާއަށް އަލަށް ލިބުނު އާއިލާއަށް ޝުކުރު އަދާކުރާނެ ގޮތަކާއި އެމީހުންގެ އޯގާތެރިކަމުގެ ބަދަލު ދޭނީ ކޮންގޮތަކަށްތޯ ސުވާލުކުރިއެވެ.

މުހަންމަދުބޭ ވަރަށް އުފާވެރި ހިނިތުންވުމަކާއެކު ޖަވާބު ދިނެވެ. "އަހަރެމެންނަށް ބަދަލުގައި އެއްވެސް އެއްޗެއް ދޭނެ ކަމެއް ނެތް. އަހަރެންގެ ހަމައެކަނި އެދުމަކީ، އަހަރެމެން ކަލެއަށް ދެއްކި ފަދައިން، ހާލުގައި ޖެހިގެން އަންނަ  މީހުންނަށް ހެޔޮކޮށް ހިތުން."

މުހަންމަދުބެގެ އެއެދުމަށް އިހުތިރާމް ކުރާނެ ކަމަށް މޫސަ ވައުދުވިއެވެ. މި ވާހަކައިތެރޭގައި އެމީހުންގެ ދަރިފުޅު އައިޝާ މޫސައާ ރުހޭކަން ވެސް ހާމަވެގެން ދިޔައެވެ. މޫސައަކަށް އެއަށް ވުރެން ބޮޑު އުފަލެއް ނުވަސް ނެތް މެއެވެ. އެހެން ނަމަވެސް މޫސަ ގަސްދު ކުރީ އޭނާގެ އަމިއްލަ ދިރިއުޅުމެއް އުޅެވޭ ވަރުވަންދެން އެކަން ފަސްކުރުމަށެވެ. މުހަންމަދުބޭ ވެސް އާއިލާވެސް އެގޮތް ގަބޫލު ކުރިއެވެ.

އެ ނިކަމެތި އާއިލާގެ ފަރާތުން މޫސައަށް ލިބުނު އޯގާތެރިކަން އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވަނީ ދުވަހަކުވެސް ފޮހެވިގެން ނުދާނެހާ ފުންކޮށެވެ. އަދި ވަކީ ޚާއްސަކޮށް އައިޝާއާއި އޭނާގެ ލޯބި އޭނާގެ ހިތުގައި ރާޅުބާނި ތަކެއް އުފެއްދިއެވެ. އޭގެ ސަބަބުން އޭނާގެ ދިރިއުޅުމުގެ ބައްޓަން މުޅީން ބަދަލުވެގެން ދިޔައެވެ.

ރާޅުބާނިތަކުގެ އަސަރު

މޫސަ ރަށަށް އެނބުރި އައިސް އާ ހިތްވަރަކާއެކު ސީރިއަސް ދިރި އުޅުމެއް އުޅެން ނުކުމެއްޖެއެވެ. މަހަށްގޮސް ބޭނޭ މަސްތަކުންވެސް ބޭނުން ޖެހިފައިވާ މީހުންނަށް އަގެއް ނެގުމަކާ ނުލައި ދެމުން ގެންދިޔައެވެ. އޭނާގާތަށް ކަމަކު އައި މީހެއް ހުސްއަތާ ފޮނުވައެއް ނުލައެވެ. މާ ގިނަ ދުވަހެއް ނުވެ މޫސައަކީ މީހުން އިހުތިރާމު ކުރާ ރަށުގެ ކާމިޔާބު މީހަކަށް ވެއްޖެއެވެ. އޭނާގެ އަގު އަރައި ގަދަރު އުފުލިއްޖެއެވެ.

މޫސަ ދިރިއުޅުމުގައި އަމިއްލަ ފައިމައްޗަށް ތެދުވެވޭ އިރަށް  އެނބުރި އަނެއްކާވެސް ކެޔޮދުއަށް ދަތުރު ކުރިއެވެ. އެއީ މުހަންމަދުބޭގެ އަންހެން ދަރިފުޅު އައިޝާއާ ކާވެނި ކުރުމަށެވެ. މިކަމުން އޭނާ އެއާއިލާއަށް ދަރާފައިވާ ދަރަނި ކޮންމެވެސް ވަރަކަށް އަދާ ކުރެވުނުކަމުގެ އިހްސާސް ކުރެވިގެން ދިޔައެވެ. އެއަށް ވުރެން ވެސް ބޮޑަށް އައިޝާ ހިމެނުނީ އޭނާއަށް ލިބުނު އަގު ނުކުރެވޭ ފަދަ ހަދިޔާއަކަށެވެ.

އައިޝާއަކީ ވެސް މޫސަ ފަދައިން މީހުންނަށް ހެޔޮކޮށްހިތާ ހިތްހެޔޮ މީހަކަށް ވާތީ މިދެމީހުންގެ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދިޔައެވެ. މޫސައާއި އައިޝާގެ އެހީއެއް ނުފޯރާ އެކަކު ވެސް ރަށަކު ނޫޅެވެ. އެ ދެމަފިރީންނަކީ ރަށުގެ އެންމެންގެ އިތުރުން ރަށަށް އަރާ ހުރިހާ ބީރައްޓެހީންގެ ގާތު އެންމެ މަގުބޫލު ދެމަފިރިންނެވެ.

މިގޮތުގައި މުއްދަތެއް ފާއިތުވެގެން ދިއުމަށް ފަހު ދެން އައީ މޫސަގެ ހަޔާތުގައިވެސް ކުރިމަތިވި އެންމެ ހިތާމަވެރި އިމްތިހާނެވެ. ކުއްލިއަކަށް މުޅި ރަށަށް ފެތުރިގެން ދިޔަ ވަރުގަދަ ހުމުގެ ރޯގާއެއްގައި މޫސަގެ ހަޔާތުގެ އެންމެ ވަރުގަދަ ތަނބު ކަމަށްވާ އޭނާގެ ލޯބިވާ އަންހެނުން އައިޝާ އޭނަޔާ ވަކިވެ މި ދުނިޔެއާ ވަކިވެ އަލްވަދާއު ކިޔައިފިއެވެ. އޭރު އެމީހުންގެ ކުޑަ ދަރިފުޅު ޒުލައިޚާ އަށް ކިރިޔާ ނުވަ އަހަރު ފުރުނީއެވެ.

މި ދިމާވި ހިތާމަވެރި ދަނޑިވަޅުގައި މޫސައަށް އެހީވުމަށް މުޅި ރަށް އެކީގަައި ނުކުތެވެ. ޒުލައިޚާ ބަލައި އޭނާގެ މަންމަގެ އާއިލާއިން އައިސް އޭނާ އެރަށަށް ގެންގޮސްފިއެވެ. އެއީ އޭނައަށް އެންމެ ރަނގަޅު ގޮތްވެސް މެއެވެ. ކާފައާއި މާމަގެ ގާތަށް ދެވުމުން އިސާހިތަކު އޭނާގެ މަންމަ ގެއްލުމުގެ ހިތާމަތައް ވެސް ފިލައިގެން ހިނގައްޖެއެވެ. އޭނާ އެރަށު މަދުރަސާއަށް ކިޔަވަންވެސް ދާން ފަށައިފިއެވެ.

މޫސާގެ ހިތާމަވެރިކަން މުޅީންހެން ފިލައިގެން ނުދިޔަޔަކަސް އާދައިގެ ހާލަތަކަށް އަތުވެއްޖެއެވެ. އޭނާ އަނެއްކާވެސް އެހެން މީހުންނަށް އެހީތެރިވުމުގެ ހެޔޮ މަސައްކަތަށް ނުކުމެއްޖެއެވެ. އޭނާގެ ގޭގައި މެހުމާނުން އައިސް މަޑުކޮށްލާނެ އިތުރު ޖާގަ ހަދައިފިއެވެ. އޭނާގެ ދިރިއުޅުން އެހެން މީހުންނަށްޓަކައި ގުރުބާންކޮށްލުމަކީ އޭނާއަށް އަބަދުވެސް ލިބޭ އެންމެ މަތިވެރި އުފަލެވެ.  އެހެން ކަމުން އޭނާގެ އަތް އެހެން މީހުންނަށްޓަކައި ހުޅުވާލިއެވެ. އޭނާގެ ގޭގެ ދޮރު ހިނދުކޮޅަކަށްވެސް ލައްޕައެއް ނުލައެވެ. އަބަދުވެސް ހުޅުވިފައި ހުންނަ އޭނާގެ ހިތުން ކުރިއެކޭ އެއްވަރަކަށް އޯގާވެރިކަން އޮހެން ފަށައިފިއެވެ.

މޫސަގެ މި އާދަޔާ ޚިލާފު ވާހަކަ އަހުމަދު އަޑުއަހަމުން ދިޔައީ ހައިރާން ކަމާއި ފުން ވިސްނުމެއްގެ ތެރޭގައެވެ. މިއަދު މުސްކުޅިވެފައިވާ މޫސަގެ ދިރިއުޅުމަކީ މީހެއްގެ ފަރާތުން އޭނާއަށް ވާރުތަވި މަތިވެރި ޚަސީލަތެއް މެއެވެ. ބައެއްގެ ހެޔޮކަމުގެ އެންމެ އަމަލެއްގެ ސަބަބުން ފެތުރިގެން ދިޔަ ރާޅުބާނިތަކެއްކަން އަހުމަދަށް ފާހަގަ ކުރެވުނެވެ. މިއީ އޭނާގެ ވިސްނުމަށް ވެސް ފުން އަސަރެއް ކުރުވި ވާހަކަ އަކަށް ވިއެވެ. އޭނާގެ ހަޔާތުގެ ކުރިމަގުވެސް މިކަމުގެ ސަބަބުން މުޅިން ބަދަލު ކުރުވާނެ ކަމަކަށް ވިއެވެ.

އަހުމަދު ފުރަން ތައްޔާރުވެފައި ވަނިކޮށް މޫސަގެ ދަރިފުޅު ޒުލައިޚާ އެނބުރި ރަށަށް އައެވެ.

ޒުލައިޚާ އަކީ އަހުމަދު މި ކުރި ހުރިހާ ދަތުރެއްގައި ވެސް ފެނުނު އެންމެ ރީތި އަންހެން ކުއްޖާއެވެ. ގިނަ އިރުތަކެއް ނުވެ އަހުމަދާ ޒުލައިޚާ ގުޅި ރައްޓެހިކަން އުފެދިއްޖެވެ. އަހުމަދުގެ ކެމެރާގެ ލެންސުގެ ތެރޭން ވަދެ އޭނަގެ ހިތުން ޖާގަ ހޯދާކަށް ޒުލައިޚާއަކަށް ގިނަ ދުވަސްތަކެއް ނުނެގިއެވެ. ދިރިއުޅެ ވަރުބަލިވެފައިވާ މޫސައަށް އެއީ މިއަދު އޭނާ ދެކެން އެންމެ ބޭނުންވި ހުވަފެނެވެ. އެއީ އޭނާގެ ދަރިފުޅު ވެސް އޭނާގެ ދިރިއުޅުމުގެ ތަރިކަ ކުރިއަށް ގެންދާތަން ދުށުމެވެ. މިއަދު މޫސަގެ ހަޔާތު މިވަނީ ނިމެން ކާރިވެފައެވެ.

އެހާ ހިސާބުން ދެން އޭނާގެ ވިރާޘީ ކުރިއަށް ދާނީ އަނެއްކާ ވެސް އޭނާގެ ދަރިންގެ ކިބައިންނެވެ.

އަހުމަދު މިއަދަކު ދެން އެނބުރި ބަލާނެ ތަނެއް ނެތެވެ. އޭނާއަށް އާދެވިފައި މިވަނީ އޭނާގެ މަންޒިލަށް ކަމުގައި ހީވިއެވެ. ދެން އޮތީ އެމީހުންގެ ކިބައިން މޫސަގެ ވިރާޘީ ކުރިއަށް ގެންދިއުމެވެ. އެހެން މީހުންނަށް އެހީވުމެވެ.

ޒުލައިޚާއާ ކާވެނި ކުރެވުމާއެކު އޭނާ މުޅިން ތަފާތު ދިރިއުޅުމެއް ފަށައިގަތެވެ. އޭނާ ނަގާ ރީތި ފޮޓޯތައް ރަށުގައި ހުރެގެން ސާފުކުރެވޭނެ ގޮތް ހަދައިފިއެވެ. އޭނާއާ ޒުލައިޚާއާއެކު ރަށްރަށަށް ދަތުރު ކޮށް ރާއްޖެތެރޭގެ ރީތި މަންޒަރުތައް ފޮޓޯ ނަގައިގެން އައިސް އެފޮޓޯތައް ޒިޔާރަތް ކުރާ މީހުންނަށް ފެންނާނެހެން މައުރަޒެއްގެ ގޮތުގައި ބަހައްޓަން ފަށައިފިއެވެ. އެ މައުރަޒަށް ރާއްޖޭގެ އެކި ހިސާބުތަކުން އާޓިސްޓުންނާއި އަދި ބައެއް ބޭރު މީހުން ވެސް އަަންނަން ފަށައިފިއެވެ. މި އަންނަ އެންމެންނަށް ވެސް މޫސަމެން ގެއިން ލިބެނީ މަރުހަބާއާ މެހެމާންދާރީއެވެ.

މިއާއެކު އަހުމަދުގެ ކުޑައާއިލާއަށް ލިބެމުން އަންނަ ހުރިހާ ތަނަވަސްކަމެއް އެމީހުން ރަށުމީހުންނާ ހިއްސާ ކުރަމުން ދިޔައެވެ. އެމީހުންގެ ޚަރަދުގައި ރަށުގެ ކުޑަ މަކުތަބު މަދަރުސާއަކަށް ހަދައިފިއެވެ. ރަނގަޅު ޓީޗަރުން ގެނަސް އެންމެންނަށް ތައުލީ ދިނުމުގެ ޕުރޮގްރާމެއް ފަށައިފިއެވެ.

މި ކަންތައް ހިމެނުނީ ދުވަސްވީ މޫސަގެ ތާޖުގައި ޖެހުނު އަލިމަހަކަށެވެ. މިކަމުގެ އުފާވެރި ކަމާއި ހެޔޮކަން ފެތުރިގެން ދިޔައީ އެ ކުޑަރަށަށް އެކަންޏެއް ނޫނެވެ. މުޅި އަތޮޅުން އެމީހުން ހެޔޮކަމުގެ ދަންމަރުގެ އަލި އެކި މިންވަރަށް ފާޅުވަމުން ދެއެވެ. އެކިއެކި ކުޅިވަރުތަކާއި މުބާރާތްތައް ބޭއްވި މޫސަގެ ނަންމަތީގައި އިނާމުތައް ދެވެން ފަށައިފިއެވެ.

އެންމެ ފަހުން ރަކީދޫ މޫސަ އެއީ އެންމެންގެ ދުލުކުރީގައި އާއި ހިތުގެ އަޑީގައި ހަރުލާފައިވާ އެންމެ މުހިންމު ނަން ކަމުގައި ވެއްޖެއެވެ.

އަހުމަދާއި ޒުލައިޚާއަށް ލިބުނު ކުޑަ ދަރިފުޅަށް އެމީހުން "އައިޝާއޭ" ކިޔައި ނަންދީފިއެވެ.

މޫސަގެ ފުސްވަމުންދާ ލޮލުން ފޭދުނު ކަރުނައިގެ ތެރޭގައި އޭނާގެ ކާފަ ދަރިފުޅުގެ ހިނިތުންވުން ބަލަމުން ދިޔައެވެ.

އައިޝާ އެއްލި އަތުން މޫސަގެ ނޭފަތުގައި ވިކައިލިއެވެ. މޫސަ އެދަރިފުޅު ލޯބިން ބޮނޑިކޮށްލިއެވެ.

އޭރު އޮއްސެމުން ދިޔަ އިރުގެ ފިޔާތޮށްޓާއި އޮރެންޖުގެ ކުލަތަކުގެ ތެރޭގައި މޫސަގެ މެހެމާން ސަރާގައި ވެސް އެކުލަތައް ފެވިގެން ގޮސްފައިވެއެވެ.

މޫސަގެ ލޮލުން އިންތިހާއީ އުފާވެރިކަމުގެ ކަރުނަތަކެއް އޮހިގެން ދިޔައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އިހު ދިވެހިންގެ ސާދާސީދާ ދިރިއުޅުން ސިފަކޮށްދޭ ވަރަށް ރީތި ވާހަކައެއް. (ސީރިއަސް،ޕްރޮގުރާމު،ފޮޓޯ މިފަަދަ ލަފުޒުތަކުގެ ބަދަލުގައި ދިވެހި ލަފުޒުތައް ބޭނުން ކުރެއްވިނަމަ ވާހަކައަށް އިތުރު ދިވެހި ވަންތަކަމެއް ލިބިގެންދާނެ.) ވާހަކަ ލިޔަން ވަރަށް މޮޅު. ސާބަސް!🌟🌟🌟👑

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *