ރޭރަކީ އަސްދޫނީގެ ބާވަތެކެވެ. ތަފާތަކީ އަސްދޫންޏަށް ނުއުދުހެވުމާއި ރޭރަށް އުދުހެވޭތީއެވެ. އިނގިރޭސި ބަހުން މި އާއިލާއަށް ކިޔަނީ "ޑަކް"އެވެ.
މި އާއިލާއަށް ކިޔާ ސައިންޓިފިކް ނަމަކީ "އެނަޓިޑެއި"އެވެ. މި އާއިލާގައި އިތުރު ދެ ދޫންޏެއް ހިމެނެއެވެ. އެއީ "ގޫސް" އާއި "ސްވޯން"އެވެ. މި ދެ ދޫންޏަށް ދިވެހި ބަހެއް ނެތެވެ. އެހެންވީމާ މި ރިޕޯޓްގައި ބޭނުން ކުރާނީ "ގޫސް" މި ބަހެވެ.
ބޭރުފުށުން ވައްތަރުކަމެއް ހުންނަ ރޭރާއި ގޫސްގެ ތަފާތެއް ވޭ ހެއްޔެވެ؟ ޖަވާބަކީ އާނއެކެވެ. ސައިޒްގެ ގޮތުން ރޭރު ގޫސްއަށްވުރެ ކުޑަވާނެއެވެ. ގޫސްއަށް ވުރެ ކުލަތައް ގިނަ ވާނީ ވެސް ރޭރުގައެވެ.
ރޭރަކީ "އޮމްނިވޯ"އެކެވެ. މާނައަކީ ގަސްގަހާގެހީގެ ބާވަތްތައް ކެއުމުގެ އިތުރުން ކުދިކުދި ދިރޭ ސޫފި ވެސް ކައެވެ. ނަމަވެސް ގޫސްއަކީ "ހާބިވޯ"އިންނެވެ. ހަގީގީ މާނައިގައި "ވެޖިޓޭރިއަނުން"ނެވެ. އެއްވެސް ކަހަލަ ސުއިއްޕެއް ނުވަތަ ޖަނަވާރެއް ނުކާނެއެވެ.

ސައިންސްވެރިން މި ދެ ބާވަތުގެ ދޫނި ދެނެގަންނަނީ ކަރުގައި ހުންނަ ކަށީގެ އަދަދުންނެވެ. ގޫސްގައި 17 އިން ފެށިގެން 24 ކަށި ކަރުގައި ހުރެއެވެ. ރޭރުގެ ހުންނަނީ 16 ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކަށްޓެވެ.
އެންމެ ފަސޭހައިން ގޫސްއެއް ދެނެގަނެވޭނީ އެ ސޮރުގެ ކަރުންނެވެ. ރޭރަށްވުރެ ގޫސްގެ ކަރު މާ ދިގުވާނެއެވެ.
ދެ ދޫނީގެ ވެސް ހުންނަނީ "ވެބްޑް ފީޓް"އެވެ. މާނައަކީ ފައިގެ އިނގިލިތައް ހަންގަނޑަކުން ގުޅިފައިވުމެވެ. ބޭނުމަކީ އިނގިލިތަކުގެ ދޭތެރެއިން ފެނަށް ނުދެވުމުން، ފައްޔެއްހެން ފެނުގެ ތެރެއިން ފަސޭހަކަމާއެކު ފައިން "ފަލި ޖަހަމުން" ދެވޭނެއެވެ.
"ވޯޓާ ފައުލް" އާއިލާއަށް ވެސް ނިސްބަތްވާ ރޭރާއި ގޫސްގެ ވެސް ހުންނަނީ ތެޔޮކަން ހުންނަ ފަތެވެ. މިހެންވުމުން ދެ ދޫނި ވެސް "ވޯޓަރ ޕްރޫފް"ވާނެއެވެ. މާނައަކީ ދެ ދޫނީގެ ވެސް ހަށިގަނޑުގައި ފެނެއް ހަރެއް ނުލާނެއެވެ.

ރޭރުގެ ތުންގަނޑު މާ ދިގެވެ. ނަމަވެސް ދެ ދޫނީގެ ވެސް ތުންގަނޑުގެ ބާރު ގަދައެވެ.
ރޭރަށްވުރެ ގޫސްގެ ބަރުދަން އިތުރެވެ. އެ ގޮތުން ރޭރުގައި ހުންނަނީ ތިން ކިލޯވަރެވެ. މިއާ ހިލާފަށް ގޫސްގެ ބަރުދަން ދެ ގުނަ އިތުރެވެ.
ރޭރުގެ ބޮޑުމިނަކީ 20 އިންޗިއެވެ. ގޫސްއެއްގައި 50 އިންޗި ހުރެއެވެ. މިހެންވެ ދެ ދޫނި ކައިރީގައި ތިބޭއިރު، ސައިޒަށް އެކަނި ބަލައިލައިފައި ވެސް ރޭރާއި ގޫސް ވަކިކުރަން އެނގޭނެއެވެ.
ރޭރަށް ގަޑިއަކު އަށް މޭލުގެ ދުވެއްޔެއްގައި ދުވެވެއެވެ. އަދި ގަޑިއަކު 60 މޭލު ދުވެލީގައި އުދުހެއެވެ. އެއާ ހިލާފަށް ގޫސްއަކަށް އެހާ ބާރަކަށް ނުދުވެވެއެވެ. އާއްމު ގޮތެއްގައި އުދުހެނީ ގަޑިއަކު 40 މޭލު ދުވެލީގައެވެ.

ރޭރާއި ގޫސްއަކީ އިންސާނުންނާއެކު ދިރިއުޅުމަށް ހޭނިފައިވާ ދެ ދޫންޏެވެ. މިހެންވެ، ގިނަ ފަހަރު، މިއީ ވަރަށް މަޑުމައިތިރިކަމާއެކު އިންސާނުންނާއެކު އުޅޭ ދެ ދޫންޏެވެ.
ކަން މިހެން ހުރި ނަމަވެސް، ބައެއް ހާލަތްތަކުގައި ގޫސްގެ ފަރާތުން ނުރައްކާތެރި އަމަލުތައް ފެނިދާނެއެވެ. އެއީ އެ ސޮރުމެން ބިރުވެރިކަމެއްގެ ތެރެއަށް ހުށަހެޅުމުންނެވެ. ނުވަތަ އެ ސޮރުމެންގެ ދަރިންނަށް ނުރައްކަލެއް ކުރިމަތިވެއްޖެ ނަމައެވެ. އެ ގޮތުން ނުރައްކާކުރި ފަރާތާ ދެކޮޅަށް ޖިސްމާނީ ގޮތުން ވެސް ހަމަލާއެއް ދީފާނެއެވެ.
ގޫސްގެ އުމުރަކީ 20 އަހަރު ކަމަށްވާއިރު ރޭރުގެ އުމުރަކީ 15 އަހަރެވެ.
އުމުރުގެ ދިގުކަން ބިނާވެފައި އޮންނަ އެއް ކަމަކީ ގުދުރަތީ މާހައުލުގައި މި ދެ ދޫންޏަށް އެހެން ޖަނަވާރުންގެ ފަރާތުން ދިމާވާ ނުރައްކާތަކަށެވެ.

އެ ގޮތުން ރޭރަށް ނުރައްކާކުރާ ހައިވާނުންނަކީ ހިޔަޅާއި ބޮޑެތި މަހާއި އިންސާނުންނާއި ކިނބުލާއި ވުލްފެވެ.
ގޫސްގެ ބިސްތައް ކާ ޖަނަވާރުންގެ ތެރޭގައި ހިމެނެނީ ސްކަންކް، ރެކޫން، ހިޔަޅު، ހަރުފަ އަދި ކާޅެވެ.
ޅަ ގޫސްއަށް ހަމަލާ ދޭ ޖަނަވާރުންގެ ތެރޭގައި ހިޔަޅު، ކަހަނބު، ބޮބްކެޓް، ކަޔޯޓީ، ރެކޫން އަދި ހޯކް (ސުރުމުތި) ހިމެނެއެވެ. އިންސާނުންނާއި ބޮބްކެޓް އަދި ކަޔޯޓީއަކީ ފުރާފުރިހަމަވެފައިވާ ގޫސް ހިފައިގެން، އެ ތަކެތި ކާ މަހުލޫގުންނެވެ.
އާއްމު ގޮތެއްގައި ރޭރަކީ މަޑުމައިތިރި ހުލްގެއް ހުންނަ ދޫންޏެކެވެ. އެއާ ހިލާފަށް ގޫސްއަކީ ރުޅިގަދަ ދޫންޏެކެވެ. މިހެންވެ ބައެއް މީހުން ގޫސް ގެންގުޅެނީ ގޭގެ ފާރަވެރިންގެ ގޮތުގައެވެ.

ގޫސް ލައްވާ އަޑަށް އިނގިރޭސި ބަހުން ކިޔަނީ "ހޮންކް"އެވެ. ރޭރު ލައްވާ އަޑަށް ކިޔަނީ "ކުއެކް"އެވެ.
ދެ ދޫންޏަކީ ހިޖުރަކުރާ ދޫންޏެވެ.
ބިސް އަޅާ މޫސުމުގައި ގޫސްގެ ފިރިހެން އެތި ވަރަށް ރުޅިގަދަވާނެއެވެ. އެ ގޮތުން އެ ސޮރުމެން ބޭނުންކުރާ ޖާގަ އާއި ދަރިން ރައްކާތެރިކުރުމުގައި ޖައްބާރުކަން ދައްކައިލައެވެ. ނަމަވެސް ގޫސްއަކީ ފޮއް ވެސް ދޫންޏެކެވެ. ދަރިން ބަލަނީ ދެ ބައިވެރިން ބަހައިލައިގެންނެވެ.
ރޭރު ހިޖުރަކުރަނީ ބިސްއެޅުމުގެ ބޭނުމަށެވެ.

ރޭރަކީ އިޖުތިމާއީ ދޫންޏެކެވެ. ގިނައިން އުޅޭނީ ގްރޫޕް ހަދައިގެންނެވެ. އެކަނި އުޅެން ޖެހިފައިވާ ނަމަ ރޭރަށް ހިތާމަ ލިބޭ ކަމަށް އިލްމްވެރިން ވިދާޅުވެއެވެ. އެހެނަސް ރޭރަށް އެންމެ އެކަށީގެންވަނީ ކުދި ގްރޫޕްތަކުގައި އުޅުން ކަމަށްވެއެވެ.
އެންޓާކްޓިކާ ފިޔަވައި ހުރިހާ ބައްރެއްގައި ރޭރާއި ގޫސް އުޅެއެވެ. އަދި ދެ ދޫންޏަކީ ވެސް ފެނާ ދޯޅު ދެ ދޫންޏެވެ. އެ ގޮތުން ގޫސް އުޅޭނީ ފެންގަނޑު ހުންނަ ހިސާބުތަކުގައެވެ. ހަމަ މި ގޮތަށް ރޭރު ވެސް އުޅޭނީ ކަނޑޫފަލާއި ކޯރާއި ލޭކް އާއި ޕޮންޑް ފަދަ ފެންގަނޑުތައް އޮންނަ ހިސާބުތަކުގައެވެ.
ގޫސްއަކީ މުޅި ހަޔާތުގައި އެންމެ ބައިވެރިއެއް ގެންގުޅޭ ދޫންޏެކެވެ. ނަމަވެސް ރޭރަކީ ބިސް އަޅާ މޫސުމުގައި ކޮންމެ އަހަރަކު ތަފާތު ބައިވެރިއެއް ގެންގުޅޭ ދޫންޏެކެވެ.
ރޭރަކީ އޭގެ ދަރިން ރައްކާތެރިކުރުމުގައި އެހާ ބޮޑަށް ނޫޅޭ ދޫންޏަކަށް ވާތީ ގިނަ ޅަ ރޭރު ވެގެންދަނީ އެހެން ޖަނަވާރުން ޝިކާރަ ކުރާ އެއްޗަކަށެވެ.
ގޫސް އަޅަނީ ގާތްގަނޑަކަށް ހަތް ބިހެވެ. ރޭރު ގާތްގަނޑަކަށް 18 ބިހެވެ. ބިސް ފީވާން 28 ވަރަކަށް ދުވަސް ނަގައެވެ.
އެހެންކަމުން ރޭރާއި ގޫސް ބޭރުފުށުން ފެންނަ ގޮތާއި މި ދެ ދޫނީގެ އަމަލުތައް ހުންނަ ގޮތުގައި އެއްގޮތް ކަންތައްތަކެއް ހުންނަ ކަމަށް ފެނުނަސް މި ދެ ދޫންޏަކީ ހަގީގަތުގައި ބޮޑު ތަފާތުތަކެއް ހުންނަ ދެ ދޫންޏެވެ.



advertisment