Support Us

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރޕަރސަން އާއި ސީ.އީ.އޯއާ ރައީސް ބައްދަލު ކުރައްވައިފި

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ޗެއަރޕަރސަން ލަންކާގެ އަރޫނީ ގޫނަތިލަކަ އާއި ސީ.އީ.އޯ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ޗެއާރޕަރސަން އަދި ސީ.އީ.އޯ ވަނީ މާލީ ދާއިރާގައި އެ ބޭފުޅުންގެ ހުރި ތަޖުރިބާގެ ބޭނުންކޮށްގެން ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި ސިންދަފާތު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.

އަރޫނީ ގޫނަތިލަކަ އަކީ ބިޒްނަސް އޮރިޖިނޭޝަން، ގަވަރނަންސް، ކްރެޑިޓް އެސެސްމަންޓް އަދި އަލަށް ވުޖޫދުވަމުން އަންނަ މާކެޓްތަކުގެ ރިސްކް މެނޭޖުކުރުމުގެ ދާއިރާއިން ޚާއްސަވެފައިވާ ބައިނަލްއަޤްވާމީ ފައިނޭންޝިއަލް މާކެޓްގެ ފައިނޭންޝިއަލް ސަރވިސް ތަޖުރިބާކާރެކެވެ. މީގެ އިތުރުން ކޯޕަރޭޓް ބޭންކިން، ކްރެޑިޓް، ރިސްކް މެނޭޖްމަންޓް، އަދި ސްރީލަންކާގެ ބޭންކުތަކާ އިންޓަރނޭޝަނަލް ބޭންކުތަކުގެ އިންޓަރނަލް އޮޑިޓިންގައި ވެސް އަރޫނީ ގޫނަތިލަކަ މުހިންމު ރޯލެއް އަދާކުރައްވާފައިވެއެވެ. އޭނާއަކީ ހާވަރޑް ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ޑިވެލޮޕްމަންޓް ބޭންކްގެ ސީ.އީ.އޯ ނޮއެލް ގްރެގަރ އަކީ ޗީފް އިންވެސްޓްމެންޓް އޮފިސަރެއްގެ ހައިސިއްޔަތުން ސަޢޫދީ ޢަރަބިއްޔާގެ ނޭޝަނަލް އިންފްރާސްޓްރަކްޗަރ ފަންޑު ގާއިމު ކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިލެކްޓްރިކް ވެހިކަލް އެފްރިކާ ފަންޑުގެ ޗެއާޕަރސަންގެ އިތުރުން އިރުދެކުނު އޭސިއާގައި ކްލީން އެނާޖީ ޕްރޮޖެކްޓްތައް މެނޭޖުކުރައްވައި ގްރީން ފައިނޭންސް އަދި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ހުނަރާ ގާބިލުކަން ދައްކަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީން މެނޭޖުމަންޓް ސްޓަޑީސްގެ ދާއިރާއިން މާސްޓަރ އޮފް ފިލޯސަފީ ހާސިލު ކުރައްވާފައެވެ.

ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް އުފެއްދެއްވީ މި އަހަރު މެއި 16 ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *