Support Us

އަޅައިފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާ ދިނުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ: ރައީސް

‏އިސްލާމްދީނާއި ޚިލާފްނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅައިފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާ ދިނުމުގައި ވެސް އަދި ވަޒީފާ އަދާކުރުމުގައި ވެސް އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އޭނާ ޑިސްކޮލިފައިކުރުމާ ގުޅިގެން މީޑިއާގައި ފެތުރިފައިވާ ވާހަކަތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. (ޝަރުއީ ދާއިރާއަށް މުވައްޒަފުން ލައްވާ ކެނޑުމުގައި ސަރުކާރުގެ ދައުރެއް ނޯވެއެވެ.)

އެނގިފައިވާ ގޮތުގައި، އޭނާ ކުރިމަތިލީ ހުޅުދެލި މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމަށެވެ.

ޑީޖޭއޭއާ ހަވާލާދީ އޭނާ ޑިސްކޮލިފައިކޮށް ކޯޓުން ފޮނުވި ކަމަށް ބުނާ އީމެއިލް މިހާރު ވަނީ ސޯޝަލްމީޑިއާގައި އާއްމުވެފަ އެވެ.

ކޯޓުން ފޮނުވި އީމެއިލްގައި ބުނެފައި ވަނީ އެ މަގާމަށް ކުރިމަތިލީ މީހުންގެ މައުލޫމާތު އެ ކޯޓުން ޑީޖޭއޭއާ ހިއްސާކުރުމުން، އޭނާ އެ މަގާމަށް ޝަރުތު ހަމަނުވާ ކަމަށް އެ ޑިޕާޓްމަންޓުން ކޯޓަށް އަންގާފައިވާ ކަމަށެވެ.

"ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 129 ވަނަ މާއްދާގައި މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި ކަމަށް ބަޔާންކޮށްފައި ވާތީ، ކެންޑިޑޭޓަކީ މޫނު ބުރުގާ އަޅާ ފަރާތެއްކަން ކަށަވަރުކުރުމަށް ފަހު މޫނު ބުރުގާ އަޅާ ނަމަ ރެކުރޫޓްމަންޓް ޕްރޮސެސް ކުރިއަށް ގެންދަން ނުފެންނަ ކަމުގައި ދެންނެވީމެވެ،" ޑީޖީއޭއިން މިގޮތަށް އެންގި ކަމަށް ހުޅުދެލީ ކޯޓުން އެ އަންހެން މީހާއަށް ފޮނުވި އީމެއިލްގައި ބުންޏެވެ.

މި ވަޒީފާގައި އިންޓަވިއު އާއި ޕްރެކްޓިކަލް ކުރިއަށް ގެންދިޔައިރު އޭނާއަކީ މޫނު ބުރުގާ އަޅާ މީހެއްކަން ފާހަގަކުރެވިފައި ވާތީ، އޭނާ ޑިސްކޮލިފައިކޮށް، ވަޒީފާގެ ރެކްރޫޓްމަންޓް ޕްރޮސެސްގައި ނުހިމަނަން ނިންމާފައިވާ ކަމަށް އެ އީމެއިލްގައި ހުޅުދެލީ ކޯޓުން ބުނެފައިވެ އެވެ.

"އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ! އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް. އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ މިހާރު އަންގާފައި. އަޅުގަނޑުމެންގެ މި މުޖުތަމަޢު އަކީ ހުރިހާ މާނައެއްގައި ޢަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމަޢަކަށް ހަދަން އެންމެން ޢަޒުމް ކަނޑައަޅަމާތޯ!" ރައީސް މުއިއްޒު އެކްސްގައި ވިދާޅުވިއެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *