Support Us

ބުޅާ މަހުން ކާބޯތަކެތި ހަދައި ވިއްކާ ކަމަށް ބެލެވޭ މީހާ އަތުލައިގެންފި

މާލޭގައި ދިރިއުޅޭ ބުޅާތައް މަރައި، އޭގެ މަހުން ކާތަކެތި ހަދައިގެން ވިއްކަމުން ގެންދާ ކަމަށް ތުހުމަތުކުރާ ބަންގްލަދޭޝް މީހާ ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން މިއަދު އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ބަންގްލަދޭޝްގެ އަރަފާތު ހުސައިން، 32، އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި އިޢުލާނުކޮށްފައި ވަނިކޮށް "އިމިގްރޭޝަން އިންޓެލިޖަންސަށް ލިބުނު މައުލޫމާތާ ގުޅިގެން، އިމިގްރޭޝަނުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު މި ބިދޭސީ ފަރާތް ހޯދައި އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައި" ކަމަށެވެ. އިމިގްރޭޝަނާއި ފުލުހުން އޭނާ އަތުލައިގެންފައި ވަނީ ބޯކޮށާ ތަނެއްގައި ހުއްޓާ ކަމަށް، އިމިގްރޭޝަނުން ހާމަކުރި ފޮޓޯތަކުން އެނގެއެވެ. ބެލެވޭ ގޮތުގައި ފޮޓޯ ނަގައިފައި ވަނީ ފަހަތަށް ބިޑިވެސް އަޅުވައިފައެވެ.

މި މީހާގެ މައްސަލަ ސޯޝަލް މީޑިއާގައި އާއްމުންގެ ސަމާލުކަމަށް ގެނައުމާ އެކު އިިމިގްރޭޝަނުން އެ މީހާ ހޯދުމަށް އިޢުލާނުކުރީ ރޭގައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭނާ އަތުލައިގަތީ ސިފަ ބަދަލުކުރުމަށްޓަކައި ބޯބާލަން އިންދައެވެ.


ސޯޝަލް މީޑިއާގައި ދިވެއްސަކު އާއްމުކޮށްފައިވާ ވީޑިއޯގައި، ބޮޑުތަކުރުފާނު މަގު މެރީބްރައުން ސަރަހައްދުގައި މަޑުކޮށްލައިގެން ހުންނަ އެ ބިދޭސީ މީހާ ސުވާލުކުރާތަން ފެނެ އެވެ. އަދި އެތަނުގައި ކީއްތޯ ކުރަނީ އެހުމުން އެ ސަރަހައްދުގައި އުޅޭ ބުޅާތައް ގެއަށް ގެންދަން ބޭނުންވާ ކަމަށް އެމީހާ ބުނެ އެވެ. އޭރު އެމީހާ ހުންނަނީ ޕްލާސްޓިކް ކޮތަޅުތަކެއް ވެސް ހިފައިގެންނެވެ.

ވީޑިއޯ އާއްމުކުރި މީހާ ވަނީ އެ ބިދޭސީ މީހާ ދިރިއުޅޭ ގެއަށް ގޮސް އެ ގެ ވެސް ވީޑިއޯކޮށްފަ އެވެ. އަދި އެ ހިސާބުން ބުޅަލުގެ ގުނަވަންތައް ފެންނަ ކަމަށް އެ ހިސާބު މީހުންނާ ހަވާލާދީ އެމީހާ ވީޑިއޯގައި ބުނެ އެވެ. އަދި އެމީހާ އަކީ ބާގަރ އާއި ސަބްމެރިން ތައްޔާރުކުރާ މީހެއް ކަމަށް ބުނެ އެތަކެތި ތައްޔާރުކުރަމުން ގެންދަނީ ބުޅާ މަހުން ކަމަށް އެމީހާ ތުހުމަތުކޮށްފައިވެ އެވެ.

މާލޭ ސަރަހައްދުގައި އުޅޭ ބުޅާތައް ބަލަހައްޓަމުން ގެންދާ އަމިއްލަ ޖަމިއްޔާއަކުން ވެސް ވަނީ މި މީހާ ބުޅާތައް ގެންގޮސްގެން ބުޅާ މަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

މިކަމާ ގުޅިގެން އާއްމު ބައެއް ފަރާތްތަކުން ގެންދަނީ ސޯޝަލް މީޑިއާގައި މާލޭގެ ކެފޭ ހޮޓާތަކުން ތައްޔާރުކުރާ ކާބޯތަކެތީގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *