އަލްމަރުޙޫމް މައްލާ ޅަތުއްތުގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު ވިދާޅުވިއެވެ. "މައްލާއަކީ ފުރިހަމަ ސިފައިންގެ ބޭފުޅެކެވެ." މިހެން އެ ބޭފުޅާ ވިދާޅުވީ މައްލާ ޅަތުއްތުގެ ޝަޚުޞިއްޔަތުން ފެނިވަޑައިގެންނެވި ވަކި ކަހަލަ ޚާއްޞަ ހަރުދަނާ ސިފަތަކެއްގެ ސަބަބުންނެވެ. އެއްގޮތަކަށް ވެސް އެއްވެސް ދުވަސްވަރެއްގައި މައްލާ ޅަތުއްތު ސިފައިންގޭގައި އަސްކަރީ ޚިދުމަތުގައި އުޅުއްވިކަން އެނގިވަޑައިގަންނަވައިގެންނެއް ނޫނެވެ.
އަލްމަރުޙޫމް މައްލާ ޅަތުއްތުއަކީ އުމުރުން އެންމެ 16 އަހަރުގައި، 1964ވަނަ އަހަރު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. އެއީ މަޖީދިއްޔާ ސްކޫލުގެ ޚާއްޞަ ޕާޓީގެ ތެރޭގައި ވެސް އުޅުއްވި ސިފަވަންތަ (ސިފައިންގެ މީހެއްގެ ގޮތްފާޑު ހުރި) ބޭފުޅެކެވެ. ސިފައިންގެ ޚިދުމަތުގެ ތެރެއަށް ވަންނަވައި ފޯރިމަރާ އުޅުއްވަން ފެށްޓެވުމާއެކު ސިފަވަންތަކަން އިތުރަށް ހަރުދަނާވެގެން ދިޔައެވެ. ގަޑިއަށް ސަމާލުކަން ދެއްވުމާއި ހަށިހެޔޮކަން ދެމެހެއްޓެވުމާއެކު ސުމާޓް ބޭފުޅެއްގެ ގޮތުގައި މުރާލިކަމާއި ހީވާގިކަމުގައި ކުރިއަށް ވަޑައިގަތެވެ. ކަންކަމާ ކުރިމަތިލެއްވުމުގައި ޖެހިލުންކުޑަ، ބިރު ކުޑަ އަދި ކެރޭ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވުނެވެ.
ސިފައިންގެ ޚިދުމަތަށްފަހު މަސައްކަތް ކުރެއްވީ ހޯމް އެފެއާޒްގެ ރަޖިސްޓްރޭޝަން ޑިވިޜަންގެ އިނގިރޭސި ކާތިބަށެވެ. އަދި ކުޅިވަރާބެހޭ ބައިގެ ސެކްރެޓެރީއަކަށެވެ. މައްލާ ޅަތުއްތު ސިފައިންގެ ޚިދުމަތަށްފަހު ގިނަ ބަޔަކަށް މަޝްހޫރުވެ މަގުބޫލުވެގެން ދިޔައީ ރެފްރީކަމުންނެވެ. އެހެން ނަމަވެސް ރެފްރީކަމާއެކުގައި ވެސް ސަރުކާރުގެ އެކިއެކި ވަޒީފާތަކުގައި ދައުލަތަށް ޚިދުމަތްކުރެއްވިއެވެ. ސަރުކާރުގެ އެކިއެކި ދާއިރާތަކުގައި ދިވެހި ދައުލަތަށް ވަރަށް އިޚުލާޞްތެރިކަމާއި ތެދުވެރިކަމާއެކު 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ރިޓަޔަރ ކުރެއްވީ 20 އެޕްރީލް 2010 ގައެވެ.
ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމާއި، ކުޅިވަރުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާސިލުކުރެއްވިއެވެ. އަވަހާރަވުމާ ހަމައަށް ވެސް ކުޅިވަރަށް އޮތް ލޯބި ޢަމަލާއި ބަހުން ދައްކަވައިދެއްވިއެވެ. އެއީ ޤައުމަށް އިޚުލާޞްތެރި ދަރިއެއްކަން ސާބިތުކޮށް ދެއްވިއެވެ.
- ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމެއް
އަލްމަރުޙޫމް މައްލާ ޅަތުއްތުގެ ޤައުމީ ޚިދުމަތުގައި ބަރަކާތްލައްވާށިއެވެ. އެ މަރުޙޫމުގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ރަޙުމަތުގައި ލައްވާށިއެވެ. އަދި މަރުޙޫމުގެ ލޮބުވެތިޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.



advertisment

