މިއީ ކަނޑުމަތީގައި އޮންނަ، މީހުން ދިރިއުޅޭ ހަމައެކަނި ސަހަރެވެ. ޗައިނާގެ މި މުޖުތަމައުގެ މީސްކޮޅަށް ކިޔަނީ "ތަންކާ" މީހުންނެވެ. މި ތަނުގެ އާބާދީއަކީ 7،000 މީހުންނެވެ.
ޗައިނާ އާއި އިނގިރޭސީން މި މީހުންނަށް "ސީ ޖިޕްސީސް" ވެސް ކިޔައެވެ.
މި މީހުންގެ "ގެތައް" ކަނޑުމަތީގައި ހަދައިފައިވާއިރު އޭގައި ދިރިއުޅޭ ކޮޓަރި ނުވަތަ "ލިވިން ރޫމް" އާއި ބަދިގެ އަދި ފާހާނާ ހުރެއެވެ.
ހުރިހާ މުނާސަބަތެއް ފާހަގަ ކުރަނީ ވެސް މި "ފްލޯޓިން ސިޓީ" ނުވަތަ ކަނޑުމަތީގައި އޮންނަ ސަހަރުގައެވެ. އެ ގޮތުން ކައިވެނީގެ ހަފުލާތަކާއި ޖަނާޒާ ވެސް ބާއްވައެވެ.

ތަންކާ ވަންހައިގެ މީހުންގެ މުޅި ދިރިއުޅުން ގުޅިފައިވަނީ ކަނޑާއި މަސްމަހާމެއްސަށެވެ. ގިނަ މީހުން ދިރިއުޅުމަށް ކުރާ މަސައްކަތް ހުންނަނީ ކޮންމެވެސް ގޮތަކުން މަސްވެރިކަމާ ގުޅިފައެވެ. ލޮނު އުފެއްދުމުގެ މަސައްކަތް ވެސް ބައެއް މީހުން ކުރާއިރު އަނެއް ބައި މީހުން އިތާމުތް ނެގުމުގެ މަސައްކަތް ކުރެއެވެ.
ގަބޫލު ކުރެވޭ ގޮތުގައި ތަންކާ ވަންހަގެ ބައެއް މީހުން އެއްގަމަށް އަރައި ބިމެއްގައި ފައިނުޖައްސައިތާ 1300 އަހަރު ވެއްޖެއެވެ.

"މި ޒަމާނުގެ ޒަމާނީ ސްޓައިލުގެ ދިރިއުޅުން އުޅެން ތަންކާ މީހުން ބޭނުމެއްނުވޭ. އެ މީހުން ބޭނުން ވަނީ ކަނޑުމަތީގައި އުޅެން،" އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލް ނޫހުން ރިޕޯޓްކުރިއެވެ.
ތަންކާ މީހުން "ސީ ފުޑް" ނުވަތަ ކަނޑުގައި ދިރިއުޅޭ ކެއުމަށް އެކަށީގެންވާ މަހުލޫގުން، "ދަނޑު ގޮވާން" ކުރާ ފަދައިން "ފާމް" ނުވަތަ "ދަނޑުތަކުގައި" ވިއްސައި، ބޮޑުކޮށް ހަދައެވެ.

ތާރީހީ އިލްމްވެރިން ވިދާޅުވީ ތަންކާ މީހުން ގުޅިފައިވަނީ ޓޭންގް ޑައިނާސްޓީ ދަރިކޮޅާ ކަމަށެވެ. އެ ގޮތުން މެއިންލޭންޑް ނުވަތަ އެއްގަމުގައި ހިނގަމުން ދިޔަ ހަނގުރާމަތަކުން ސަލާމަތްވުމަށް ތަންކާ މީހުންގެ ދިރިއުޅުން ކަނޑުމައްޗަށް ބަދަލުކޮށްލީ ކަމަށެވެ.
ސިޓީ ކިއި ނަމަވެސް މި ތަނަކީ ހަގީގަތުގައި ބޮޑު "ވިލެޖެ"ކެވެ. މި ތަން އޮންނަނީ ޗައިނާގެ ދެކުނުއިރުމަތީ ފުޖިއަން ޕްރޮވިންސްގެ ނިންގްޑް ސިޓީ ކައިރީގައެވެ. އެ ގޮތުން ފުޖިއަންގެ މި މަސްވެރިން އަދިވެސް ދިރިއުޅެމުންދަނީ އެ މީހުންގެ ކާބަފައިން މީގެ 1000 އެއްހާ އަހަރު ކުރިން އުޅުނު ސަގާފަތްތަކާ އެއްގޮތަށެވެ. އެ ގޮތުން އިހުޒަމާންގެ ގާނޫނުތަކާ އެއްގޮތަށް ދިރިއުޅުން ބައްޓަންކޮށްފައިވާއިރު އެކި ބާވަތުގެ މަސް ބާނައި، "މެއިންލޭންޑް" ނުވަތަ އެއްގަމުގައި ދިރިއުޅޭ މީހުންނަށް އެ ތަކެތި ވިއްކައެވެ.

މި މަސްވެރި އާއިލާތައް ދިރިއުޅެނީ ލަކުޑިން ހަދައިފައިވާ، ކަނޑުމަތީގައި އަޑިއަށްނުދާ ގެދޮރުގައެވެ. އަދި ސީ ފުޑް ދަނޑުތައް ހުންނަނީ އެ ގެތައް ވަށައިގެންނެވެ. މިހެންވެ މި ސަރަހައްދު ބޮޑަށް ވައްތަރީ "ފެނުގެ މުޖުތަމަ"އަކާއެވެ.
މިއީ ފުޖިއަންގެ އެންމެ ދިގު އައްސޭރިއެވެ. ފުޖިއަންގެ މުޅި މި އައްސޭރީގައިވަނީ ތަންކާ މީހުންގެ ފެންމަތީގެ ގެތަކާއި މަސްމަހާމެހި ގެންގުޅޭ ދަނޑުތަކެވެ.

މި ސަރަހައްދަކީ ޗައިނާގެ އެންމެ ބޮޑު ޗަކަ ބިމެވެ. ފެންމަތީގެ އުޅަނދުތަކާއި ފެންމަތީގެ ގެތަކުގައި ތަންކާ މީހުންގެ އެތައް ޖީލުތަކެއް ވަނީ އުޅައެވެ. އަދިވެސް އަންނަނީ އުޅެމުންނެވެ. ހާލަކުން ފަހަރެއްގައި ނޫނީ އެއިން މީހަކު އެއްގަމަށް ނާރައެވެ.
އެއްގަމުގައި ދިރިއުޅެން ޗައިނާ ސަރުކާރުން މިހާރު ހުއްދަ ދީފައިވާ ނަމަވެސް ތަންކާ މީހުން އަދިވެސް ދިރިއުޅެމުން އަންނަނީ ކަނޑުމަތީގައި އެ މީހުން އުފައްދައިފައިވާ މުޖުތަމައުގައެވެ.

މީގެ ކުރިން 1949 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު "ޕީޕްލްސް ރިޕަބްލިކް އޮފް ޗައިނާ"ގެ ނަމުގައި އެވޭލާ ޒަމާނުގެ ސީނު ކަރައިގެ ދައުލަތް އިއުލާން ކުރުމުގެ ކުރިން ތަންކާ މީހުން ގޮނޑުދޮށަށް އެރުން އޮންނަނީ މަނާކޮށްފައެވެ. އަދި އައްސޭރިފަށުގައި ދިރިއުޅޭ މީހުންނާ ކައިވެނި ކުރުން ވެސް ހުއްދައެއް ނޫނެވެ. އެހެންކަމުން ކައިވެންޏާއި ޖަނާޒާތައް ވެސް ބާއްވަނީ ކަނޑުމަތީގައި އޮންނަ މި ވިލެޖްގައެވެ.
ފަހުގެ ތާރީހުގައި ސަރުކާރުގެ އެހީގައި ބައެއް މަސްވެރިން ވަނީ އައްސޭރިފަށުގައި ގެދޮރު ބިނާކުރަން ފަށައިފައެވެ. ނަމަވެސް އަދިވެސް ތަންކާ ދަރިކޮޅުގެ ގިނަ މީހުން ދިރިއުޅޭހިތްވަނީ ކަނޑުމަތީގައިވާ އެ މީހުންގެ ގެތަކުގައެވެ. ހަގީގަތުގައި 7،000 މީހުންގެ މާކެޓެއް އޮވެ، ރަނގަޅު އިގުތިސާދެއް ލިބިފައިވުމުން ތަންކާ މީހުން އެއްގަމަށް އެރުމުގެ މާނައެއް ނެތެވެ.



advertisment